ހުޅުމާލޭ އިރުމަތީ ފަރާތު މޫދު ސަރަހައްދާއި އަދި ބާބަކިޔު އޭރިޔާ ތަރައްގީކޮށް ބަލަހައްޓާނެ ފަރާތެއް ހޯދަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

އެޗްޑީސީން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނަނީ ބީލަން ކާމިޔާބު ކުރާ ފަރާތަކުން ހުޅުމާލޭ އިރުމަތީ ފަރާތު މޫދު ސަރަހައްދު ތަރައްގީ ކުރަން ޖެހޭނީ މޫދަށް އެރޭ ސަރަހެއްދައި ފުރިހަމަވާންޖެހޭ ހުރިހާ ހިދުމަތްތަކަކާއެކު ކަމަށެވެ.

އެގޮތުން އެ ސަރަހައްދުގައި ޗޭންޖިން ރޫމްތަކާއި ފެންވަރާނެ ފާހާނާ ތަކާއި އަދި އަގު ބޮޑު ތަކެތި ރައްކާ ކުރަނެ ލޮކަރުތައް ބަހައްޓަން ޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ. އަދި ބާބަކިޔު ސަރަހައްދު ތަރައްގީ ކުރާ ފަރާތްތަކުން އެ ސަރަހައްދުގައި ކެފޭ ހޮޓާ އަދި ރެސްޓޯރަންޓް ހިންގާ އެ ސަރަހައްދު ބަލަހައްޓަންޖެހެ އެވެ.

އެޗްޑީސީން ބުނީ އެ ދެ ސަރަހައްދު ތަރައްގީކޮށް ހިންގުމަށް ބަޔަކާއި ހަވާލުކުރަނީ ފަސް އަހަރުގެ މުއްދަތައް ކޮންމެ ފަސް އަހަރަކުން އެގްރިމަންޓް އާކުރާ ގޮތަށް ކަމަށެވެ.

އާ މަޝްރޫއުގެ ޕްރީބިޑް މީޓީން ބާއްވާނީ އަންނަ ބުދަ ދުވަހު 11:30 ގައި އެޗްޑީއެފްސީގެ އޮފީހުގަ އެވެ. އަންނަ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ބީލަން ފޮތް އެޗްޑީއެފްސީގެ އޮފީހުން ލިބޭ އިރު ބީލަން ފޮތުގެ އަގަގީ 200ރ. އެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 20 ވަނަ ދުވަހު އެޗްޑީއެފްސީގެ އޮފީހުގައި ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.