ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިސްތިއުފާދެއްވުން ހުސްވި މާލޭ މޭޔަރު ކަމުގެ އިންތިޚާބު އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ އެ އިންތިޚާބުގައި ވާދަ ކުރަން ބޭނުންވާ ބޭފުޅުންނަށް މާދަމާއިން ފެށިގެން މި އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ހަބީބް ވިދާޅުވީ ޖެނުއަރީ 13 ވަނަ ދުވަހު މާލޭ މޭޔަރު ހޮވުމުގެ އިތުރުން، ވ. ރަކިދޫ ކައުންސިލުގެ މެންބަރަކު ހޮވުމާއި، 18 ރަށެއްގެ ޑަބްލިއުޑީސީގެ މެންބަރުން އިންތިޚާބު ކުރަން ބައި އިލެކްޝަން ބާއްވާން ކޮމިޝަނުން ނިންމައިފައިވާ ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ކައުންސިލަރުންގެ ގޮނޑިއަށް ވެސް މީހުން އިންތިޚާބު ކުރާނީ ހަމަ އެ ދުވަހު ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން ދެން ތިން ގޮނޑި ހުސްވީ ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމަށް އެ ބޭބޭފުޅުން އިސްތިއުފާ ދެއްވުމުންނެވެ. އެއީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރާއި، މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒްގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އެވެ.