27 Nov 2023, 09:29
އިސްރާއީލުން ހިފައިފައިވާ ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ޖެނިން ސިޓީއާއި ރެފިއުޖީ ކޭމްޕަށް ޔަހޫދީ އިސްރާއީލުން ރެއިން ފެށިގެން ދިން ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު ފަހަކަށް އަރާފައިވާކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފިއެވެ.
އިސްރާއީލުން ޖެނިންއަށް ވަދެ ހަމަލާ ދީފައިވަނީ އިސްރާއީލާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުކުރު ދުވަހު ހެނދުނުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ހަމަލާތައް މެދުކަނޑާލާފައި ވަނިކޮށެވެ.
މި ހަމަލާގައި އެކަކު މަރުވެ، ތިން އަންހެނުން ހިމެނޭ ގޮތަށް 11 މީހަކަށް އަނިޔާވެފައިވެއެވެ. މީގެ އިތުރުން އިސްރާއީލުގެ ޑްރޯންތަކުން ވަނީ ކޭމްޕްގައި ހުރި ޕަބްލިކް ސާވިސް ސެންޓަރަށް ވެސް ހަމަލަ އަމާޒުކޮށްފައެވެ.
ޒަހަމްވި މީހުން ގެންދިޔަ އެމްބިއުލާންސު ހުއްޓުވައި، ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެއާއިއެކު ޖެނިން އިން ޖުމްލަ 14 ފަލަސްތީން ރައްޔިތުން އިސްރާއީލު ސިފައިން ވަނީ ހައްޔަރުކޮށްފައެވެ.
ޖެނިންއަށް އިސްރާއީލުން ވަދެފައިވަނީ އަސްކަރީ އޮޕަރޭޝަނެއް ހިންގުމުގެ ނަމުގައި ރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށެވެ.
ގާތްގަނޑަކަށް 12 ގަޑިއިރަށް ދިގު ދެމިގެންދިޔަ މި އޮޕަރޭޝަނުގައި އިސްރާއީލު ސިފައިން ވަނީ ފަލަސްތީނުގެ ފަސް މީހުން ޝަހީދުކޮށްލައި 18 މީހުން ޒަޚަމުކޮށްލައިފައެވެ. އޭގެ ތެރެއިން ދެ މީހުންގެ ހާލު ސީރިއަސް ކަމަށް ސިއްހީ އިދާރާތަކާ ހަވާލާދީ ވަފާ ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.