22 May 2012, 10:28
ޑީއާރްޕީގެ ތެރޭގައި ޒައީމް މައުމޫން އަބްދުލް ގައްޔޫމާއި ލީޑަރު އަހުމަދު ތަސްމީނާ ދެމެދު ޖެހުނު މައްސަލަތަކުގެ ތެރޭގައި ޑީއާރްޕީ ފަޅައިގެން ގޮސް ޕީޕީއެމް އުފަންވީ އިހަށް ދުވަހު އެވެ. ޑީއާރްޕީގެ ތެރެއިން ޕީޕީއެމް އުފެދުމަކީ ރާއްޖޭގެ ސިޔާސީ އާއިލާގެ ތެރެއަށް ދެ "ދުޝަމަނުން" އައީ ކަމަށް ބެލިދާނެ އެވެ. ހަގީގަތުގައި ޑީއާރްޕީގެ ތެރެއިން ޒެޑްފެކްޝަން އުފެދި އެ ފެކްޝަން ޕީޕީއެމްގެ ސިފަ ޖެހިގެން ނުކުތް އިރު ދެ ބައި މީހުންގެ ކޯޅުންތަކުގެ ތެރޭގައި އެންމެ ބޮޑު ފައިދާއެއް ނެގީ އެމްޑީޕީ އެވެ.
ޑީއާރްޕީ އާއި ޕީޕީއެމް ވެސް މިވަގުތު ތިބީ ރައީސް ވަހީދުގެ ސަރުކާރުގައި ބައިވެރިވާ އިއްތިހާދުގެ ތެރޭގަ އެވެ. އެހެން ނަމަވެސް މިހާރު ފެންނަމުން ދަނީ އަނެއްކާވެސް ޕީޕީއެމް އާއި ޑީއާރްޕީގެ ދެމެދު މަޑުމަޑުން ހޫނުވަމުން ދާތީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު މެދު ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރާ ގާތް ގުޅުމެއް އޮންނަ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަލީ އާޒިމް، ނުކުމެ ވަޑައިގެން ރައީސް ވަހީދުގެ ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ކަމަށް ބުނި ހިސާބަކީ އާ މަންޒަރެއް ފެންނަކުގެ ސިގްނަލަކަށްވި ހިސާބެވެ. އޭގެ ފަހުން ޑީއާރްޕީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ޕާޓީގެ ނައިބު ލީޑަރު އިބްރާހީމް ޝަރީފް ޕީޕީއެމަށް ނިސްބަތްވާ ގޮތަށް ދެއްކެވި ވާހަކަތަކުން ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭ ބޮޑު "އުދާސްގަނޑެ"އް އުޅޭކަން އެނގިގެން ދިޔަ އެވެ. އޭނާގެ ވާހަކަތަކުން އިއްތިހާދެއްގެ ތެރޭގައި ތިއްބަސް ޕީޕީއެމްގެ މައްޗަށް އޮތް ރުޅިވެރިކަން ވަރަށް ރީއްޗަށް ފާޅުވެ އެވެ.
"ސަރުކާރު ވެއްޓުމާ ގުޅިގެން އަޅުގަނޑުމެން ސަރުކާރުން ވެސް ބައެއް މާގާމުތަކަށް އައްޔަން ކުރެވިގެންދިޔައީ އެންމެ އެކަމަށް ގާބިލު ބޭފުޅުންނެކޭ ދެންނެވޭކަށް ނެތް. މިސާލެއްގެ ގޮތުން އަޅުގަނޑު ދަންވާނީ އަޅުގަނޑުމެންގެ ފޮރިން މިނިސްޓްރީ. ބޭރުގެ ދުނިޔޭގައި ރާއްޖޭގެ ހާލަތު ބަޔާން ކޮށްދިނުމުގައި އެންމެ އެކަށީގެންވާ މަސައްކަތްކޮށްދެވިފައެއް ނެތް،" އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝަރީފު ވިދާޅުވެފައިވެ އެވެ.
މުޅި ސަރުކާރަށް އަމާޒުކޮށް ޝަރީފުގެ ވާހަކަ ބައްޓަން ކުރައްވަން އުޅުއްވެވި ނަމަވެސް ވާހަކައިގެ ފޯކަސް އޮތީ ފޮރިން މިނިސްޓްރީ އަށެވެ. އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކީ ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫނެވެ. އަދި މިނިސްޓަރު އަބްދުއްސަމަދު އަބްދުﷲ އަކީ ވެސް ޕީޕީއެމްގެ ބޭފުޅެއް ކަމަށްވެ އެވެ.
ފަހަކަށް އައިސް ކަންކަމުގައި ޑީއާރްޕީގެ ސްޓޭންޑް ބުނެދެއްވާ ރޮޒައިނާ އާދަމް މިދިޔަ ހަފުތާގައި ދިއެފްއެމްގެ "ވަންޓްވަން" ޕްރޮގްރާމްގައި ދެއްކެވި ބައެއް ވާހަކަތަކުގައި ވެސް ފޯކަސް އޮތީ ޕީޕީއެމްގެ މައްޗަށް ކަމަށް ވިސްނައިލުމުން ވަރަށް ބޮޑަށް އެނގެ އެވެ. އެއިން ދޭހަކޮށްދެނީ ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި ޕީޕީއެމް އާއި ޑީއާރްޕީގެ ކޯޅުން ބާރުގަދަ ގޮވުމެއްގެ ގޮތުގައި އަންނަމުންދާ ކަމެވެ.
ޕީޕީއެމް އުފެދުމަށް ފަހު ސިޔާސީ ޕްލެޓްފޯމްގައި ޑީއާރްޕީ އަށް އޮތް ޖާގަ ހަނިވެފައިވާ ކަމަށް ބުނެވިދާނެ އެވެ. މިސާލަކަށް ޕާޓީގެ މެމްބަރުންގެ އަދަދު ދަފުތަރުން އުނިވަމުން ދިއުމާއި ޕާޓީގެ ހަރަކާތެއް ނެތި ވާގި ދިއުމާއި، އިންތިހާބުތަކުގައި އެއްވެސް ކާމިޔާބީއެއް ނުލިބުމާއި އިންތިހާބުތަކުގައި ވާދަކުރަން ފަސްޖެހުން ނެގިދާނެ އެވެ.
ހަމައެއާ އެކު ޕާޓީގެ އެއްވުންތައް ފެންނަ އަދަދު ވެސް އެއާ ގުޅުވައިލެވިދާނެ އެވެ. އެއާހިލާފަށް ޕީޕީއެމް ފެންނަނީ ސިޔާސީ މައިދާނުގައި ވަރުގަދަ ކުރަމުން އިންތިހާބުތަކުގައި ކާމިޔާބު ހޯދަމުން އަންނާތީ އެވެ. މިސާލަކަށް މަޖިލީހުގައި ހައިސިއްޔަތު ހޯދުމާއި މައިނޯރިޓީ ހޯދުން ނެގިދާނެ އެވެ. މިނޫނަސް ސިޔާސީ ގޮތުން ގަބޫލު ކުރެވޭ ބައެއް ނިޝާންތަކުން މައިދާނުގައި ޕީޕީއެމް ވަރުގަދަ ވަމުން އަންނަ ކަމަށް ބުނެވިދާނެ އެވެ.
އަދި އެހެން މައްސަލައެއް ވެސް ނުކުމެ އެވެ. އެއީ ރައީސް ވަހީދާއި ޕީޕީއެމާ ދެމެދު "ފާލަމެއް" އެޅިފައިވާ ކަމަށް ހީވާ ގޮތަށް ޕީޕީއެމުން ވެސް އަދި ރައީސް ވަހީދުގެ ވަހަކަފުޅުތަކުން ވެސް ދޭހަވާން ފެށުމެވެ. އަދި ރައީސްގެ ވަހީދުގެ ދަތުރުފުޅުތަކުގައި އަސުރުމާ ކުލައިން އަދަދު ދައްކައި ދެމުންދާތީ އެގޮތަށް މަގު ފަހިވާ ގޮތަށް ޕްރޮޓޮކޯލް ރޭވިފައި އޮންނަ ކަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުމެވެ. ފަހަރުގައި މިއީ ހަގީގަތަކަށް ނުވެ ހިނގައިދާނެ އެވެ.
މިކަންކަން މިހެން ހުރި ކަމުގައި ވިޔަސް ދެބައި މީހުން ވެސް ތިބީ އިއްތިހާދެއްގެ ތެރޭގަ އެވެ. އިއްތިހާދުވެގެން ތިބި ނަމަވެސް ޑީއާރްޕީއާއި ޕީޕީއެމް ވާނީ އެއްއުރައެއްގައި އޮތް ދެކަނޑި އަށެވެ. ޕާޓީ ތެރެއިން ދިމާވެ ތަޖުރިބާ ކުރަން ޖެހުނު ސިޔާސީ ހިތީގެ ރުޅިވެރިކަމުގެ ސަބަބުން އެ ދެބައި މީހުންނަކީ ކައިރީގައި ގުޅިގެން މަސައްކަތް ކުރެވޭނެ ބައެއް ކަމަކަށް ނުފެނެ އެވެ. މިހާރު މަޑުމަޑުން މަޑުމަޑުން ފާޅުވަމުން އެދަނީ އޭގެ އަލާމާތްތަކެވެ.
ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރު ވެއްޓުމަށް ފަހު އުފެދުނީ ގިނަ ޕާޓީތަކެއް އެކުވެގެން އުފެދުނު އިއްތިހާދުގެ ސަރުކާރެކެވެ. މިސަރުކާރަށް ބަލާއިރު ޕީޕީއެމާއި ޑީއާރްޕީ ވެސް ސަރުކާރަށް މުހިންމެވެ. އެހެން ކަމުން މައުމޫނާއި ތަސްމީންގެ އަރައިރުމޭ ނުކިޔަސް މިހާރު ފެންނަ ފެނުމަށް ބަލާއިރު ޑީއާރްޕީއާއި ޕީޕީއެމުން އިއްތިހާދުގެ ތެރޭގައި ކޯޅޭ ކޯޅުމަކީ އާދައިގެ ގޮވުމަކަށް ވާނެ ހެނެއް ހީއްނުވެ އެވެ.
ރިޔާސީ އިންތިހާބު 2008ގައި ކާމިޔާބު ކުރީ ގިނަ ޕާޓީތަކެއް ހިމެނޭ ގޮތަށް އުފެއްދި "ވަތަން އެދޭ ގޮތަށް" އިއްތިހާދުންނެވެ. އެ އިއްތިހާދަށް އަހަރެއް ނުވަނީވެސް މުޅި ސަރުކާރު ފުނޑުފުނޑުވެ މިތުރުން ހަތުރުންނަށް ވި އެވެ.
ގިނަ ބަޔަކު އުޅޭނަމަ ހިޔާލުވެ ތަފާތުވާނެ އެވެ. ގިނަ ބަޔަކު އެކުވާ ނަމަ ބާރު ވެސް ގަދަވާނެ އެވެ. މައްސަލައަކީ ކޯޅުންތަކެވެ. މިސާލަކަށް ޑީއާރްޕީގެ އިސްވެރިން ފާޅުގައި ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވާ، ސަރުކާރުގައި ޕީޕީއެމް ތަމްސީލު ކުރާ މުއައްސަސާތަކަށް ފާޑުކިޔަން ފަށައިފި ނަމަ އެއީ ކޯޅުންތައް ފެށުނީ އެވެ. މިހާރު ފެންނާނީ އެ މަންޒަރެވެ.
"އެއީ އަޑީގައި އުޅޭ އެހެން ކަންތައްތަކެއްގެ ސަބަބުން ވެގެން އުޅޭކަމެއް، ސަރުކާރަށް ކަމެއް ނުކުރެވިގެން ނުވަތަ އެހެން ވެގެނެއް ނޫން އެ ސްޓޭޓްމަންޓްތައް އައީ، އެކަމުގައި ސިއްރެއް އޮންނާނެ،" ކެބިނެޓްގެ މިނިސްޓަރަކު އެސްއެމްއެސް މެދުވެރިކޮށް ވިދާޅުވި އެވެ. އޭނާ އެސްއެމްއެސްއަކުން ކޮމެންޓެއް ދެއްވީ ނަން ނުޖައްސަވާ ގޮތަށެވެ.
"ވަތަން އެދޭ ގޮތަށް" އިއްތިހާދު ރޫޅުނު ފަދައިން މިހާރުގެ ސަރުކާރާ ގުޅިފައިވާ އިއްތިހާދު ރޫޅި ބުރަބުރައިގެން ނުދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު އިއްތިހާދުގެ ތެރޭގައި ޑީއާރްޕީ އާއި ޕީޕީއެމް ކުރިމަތިލާން ފަށައިފި ނަމަ އެއީ އާދައިގެ ގޮވުމަކަށް ވެގެނެއް ނުދާނެ އެވެ. އެކަން ވާނީ ބާރުގަދަ ގޮވުމަކަށެވެ. މިހެން ވެއްޖެ ނަމަ ރައީސް ނަޝީދު ވިދާޅުވާ ގޮތަށް ފިސާރި ވަރުގަދައަށް ފަޓާސް ގޮވާނެ އެވެ. ގޮވުމުގައި ޒަހަމްވާނީ ކޮން ބައެއްކަން ބުނަން އަދި އަވަހެވެ.