27 Nov 2023, 07:36
ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ފިލްމީ އެއް އާއިލާއަށް ނިސްބަތްވާ އަލީޒޭ އަގްނިހޯތްރީ ފިލްމީ ދާއިރާއަށް ތަޢާރަފުކުރި ފިލްމު "ފަރޭ"އަށް ރަނގަޅު ފެށުމެއް ލިބި ފިލްމަށް ގިނަ ބަޔަކު އަންނަނީ ތަޢުރީފު ކުރަމުންނެވެ. އާއްމުކޮށް ފިލްމީ އާއިލާތަކުން ނުވަތަ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތެއްގެ ނުފޫޒާ އެކު އެކްޓިންގް ދާއިރާއަށް ނުކުންނަ މީހެއްގެ ފިލްމުގެ ވިދުން ގަދަވިޔަސް އަލީޒޭގެ ފިލްމު ވަރަށް ސާދާވެފައި 'ސިމްޕަލް'ކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.
އަލީޒޭ ބޮލީވުޑަށް ތަޢާރަފްވި ފިލްމު "ފަރޭ" އަކީ ތައިލޭންޑްގެ މަޝްހޫރު ފިލްމު "ބޭޑް ޖީނިއަސް" އަސްލަކަށް ބަލައިގެން އުފެއްދި ފިލްމެކެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައި ވަނީ އިމްތިހާނު ތަކުގައި މަކަރާއި ހީލަތުން ނަތީޖާ ރަނގަޅު ކުރުމަށް ބޭނުންކުރާ އުކުޅުތަކުގެ މައްޗަށެވެ. އަދި، އެކަން ފަޅާ އެރުމުން ޒުވާނުންތަކެއްގެ މެދުގައި ހިނގާ ވަރަށް ހޫނު ދެބަސްވުންތަކާ އެކު އެ ކުދިންގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތް ފިލްމުން ދައްކުވައިދެއެވެ.
އަލީޒޭ ފިލްމުގައި އިމްތިހާނުން ފާސްވުމަށް ކުރި މަސައްކަތްތަކާ އެއްވަރަށް ފުރަތަމަ ފިލްމު ވެސް ވެފައިވަނީ 23 އަހަރުގެ ޒުވާނާގެ ޙަޔާތުގެ އެންމެ ބޮޑު އަދި ވަރުގަދަ އިމްތިހާނަށެވެ. ފިލްމުގެ ރިވިއުތަކަށް ބަލާއިރު ވެސް ބެލުންތެރިންގެ ފަރާތުން ލިބުނު ރަނގަޅު ރިވިއުސްތަކާ އެކު މިއީ މިހާރަކަށް އައިސް ވަރަށް ގިނަ ދަރިވަރުންގެ މެދުގައި ހިނގާ ހާދިސާތައް ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.
ހަމައެއާއެކު ހިތްވަރާއެކު ތަޢުލީމީ ދާއިރާއިން ކުރިއަށް ދާން މަސައްކަތް ކުރާ ކުދިން މާޔޫސްނުވެ ކުރިއަށް ދިއުމަށް މި ފިލްމުން ވަރަށް ބޮޑު ހިތްވަރެއް ލިބޭނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ޒުވާން ބަތަލާ އަލީޒޭ އަގްނިހޯތްރީ
ސަލްމާން ޚާންގެ ދައްތަ އާއި ކުރީގެ އެކްޓަރު އަތުލް އަގްނިހޮތްރީގެ ދަރިފުޅު އަލީޒޭ ބުނިގޮތުގައި ފިލްމަށް ތައްޔާރުވިއިރު ވެސް މި ފިލްމު ބެލުންތެރިން ބަލައިގަންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޭނާއަށް އޮތެވެ.
އެހެންވެ، މިއީ ޙަޔާތުގެ ފުރަތަމަ ފިލްމުކަން އިހުސާސް ވެސް ނުކުރެވޭ ކަމަށް އަލީޒޭ ވަނީ ބުނެފައެވެ. އަލީޒޭ ވެގެންދާނީ ސަލްމާނަށް ފަހު އެ އާއިލާއިން ބޮލީވުޑަށް ނުކުންނާނެ އެންމެ އުއްމީދީ އެއް ފިލްމީ ތަރިކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.