ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އިން މިހާތަނަށް 10،000އަށްވުރެ ގިނަ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅާފައިވާ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން 40،000 މެންބަރުން އެ ޕާޓީއަށް ހަމަވާނެ ކަމަށް ލަފާކުރާ ކަމަށް އެ ޕާޓީން މިރޭ ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު، ޕީއެންސީ ބޮޑުކުރުމުގެ މަސައްކަތް ވަނީ ރަސްމީކޮށް ފައްޓަވާފައެވެ.

އެކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން ޕީއެންސީގެ ރަޖިސްޓްރާ، މުހައްމަދު އަފޫ ހާމިދު ވިދާޅުވީ މިއަދާ ހަމައަށް 10،000ހަށްވުރެ ގިނަ ފޯމު އީސީއަށް ހުށަހަޅާފައިވާއިރު އިތުރަށް 6،000 ހަށްވުރެ ގިނަ ފޯމު އަދިވެސް ޕްރޮސެސް ކުރަން އެބަހުރި ކަމަށެވެ.

އީސީގެ ދަފްތަރުން ދައްކާ ގޮތުގައި، މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ޕީއެންސީގައި ތިބީ 3159 މެމްބަރުންނެވެ. މިހާތަނަށް ހުށަހެޅި 10،000 ފޯމާއި، ހުށަނާޅާ ފޯމުތަކާއެކު އެ އަދަދު 19،000ހަށްވުރެ މައްޗަށް އަރާނެއެވެ.

އަފޫ ހާމިދު ވިދާޅުވި ގޮތުގައި އެކަމުން ދައްކުވައިދެނީ ރައްޔިތުންގެ އިތުބާރާއި ލޯބި ރައީސް މުއިއްޒަށް އޮތް މިންވަރު ކަމަށެވެ. ޕީއެންސީ ބޮޑުކުރުމަށްޓަކައި ރަށްރަށުން ވެސް ގިނަ އަދަދަކަށް ފޯމު ފުރުމަށްފަހު ހުށަހަޅަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހުރިހާ ކަމަކަށް ބެލުމަށް ފަހު އެ ޕާޓީން ލަފާކުރާ ގޮތުގައި މި އަހުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީގައި 40،000 މެންބަރުން ތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީގައި ތިބީ 57،660 މެންބަރުންނެވެ. ދެވަނައަށް އެންމެ ބޮޑު ޕާޓީ އަދި ޕީއެންސީގެ ކޯލިޝަން ޕާޓި ޕީޕީއެމްގައި ތިބީ 38،704 މެންބަރުންނެވެ.

ޕީއެންސީ ބޮޑުކުރުމުގެ މަސައްކަތް ކުރައްވަން ފެއްޓެވުމާއެކު، ރައީސް ޔާމީންގެ އަރިސް ބޭފުޅުން ވަނީ އެކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އަދި ޕީއެންސީން މަސައްކަތް ކުރަނީ ޕީޕިއެމުން މެންބަރުން އެ ޕާޓީއަށް ގެންދިޔުމަށް ކަމަށް ބުނެ ތުހުމަތުތައް ކޮށްފައިވެއެވެ. އެކަން އެންމެ ފުރަތަމަ ފެށިގެން އައީ ޕީއެންސީން އެ ޕާޓީގެ ރަސްމީ އޮފީހެއް ހުޅުވުމުންނެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ. އަދި ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އެ މަނިކުފާނު ވަނީ ފައްޓަވާފައެވެ.