ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު އިސްލާހު ކުރުމަށް ޓަކައި، އެ ގާނޫނަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު، އިކޮނޮމިކް ޑެވެލޮޕްމެންޓް އެންޑް ޓްރޭޑް މިނިސްޓްރީން އިއްޔެ ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ދިވެހި ފަންނުވެރިންނާއި އުފެއްދުންތެރިންގެ އުފެއްދުންތަށް ހިމާޔަތްކޮއްދިނުމާއި، ކޮޕީރައިޓް ފަދަ ހައްގަކަށް އުނިކަމެއް ލިބިއްޖެނަމަ އެޅޭނެ ފިޔަވަޅުތަކާއި އަދަބުތައް ކަނޑައެޅުމަށް އުފައްދާފައިވާ ގާނޫނަށް އިސްލާހު ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ނިންމަންޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އެހެންވެ، ފަންނުވެރިންނާއި އުފެއްދުންތެރިންގެ އުފެއްދުންތައް ހިމާޔަތްކޮށް، އިހުނަށްވުރެ ފަހި މާހައުލެއް ކަށަވަރުކުރުމަށް ޓަކައި މިހާރު އަމަލުކުރަމުންދާ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ.

"އެ ގާނޫނަށް ގެނައުމަށް ބޭނުންފުޅުވާ އެއްވެސް އިސްލާހެއް ނުވަތަ ގަނޫނާ ގުޅޭ ގޮތުން ޚިޔާލެއްވާނަމަ މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ފުރުސަތު އާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ." ބަޔާނުގައިވެއެވެ.

އެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 10 ވަނަ ދަވަހުގެ 14:00ގެ ނިޔަލަށެވެ. ޚިޔާލު ހުށަހަޅާނީ މިނިސްޓްރީގެ މެއިލްއަށް ނުވަތަ ލިޔުމުން ފޮނުވައިގެންނެވެ.

މިހާރު އަމަލުކުރަމުންދާ ކޮޕީރައިޓް ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އޭރުގެ ރައީސް މުޙައްމަދު ނަޝީދު ތަސްދީގު ކުރެއްވީ 2010ގައެވެ.