އިންޑިއާގެ ސައުތު ސިނަމާގެ އެންމެ ކުޅަދާނަ އެކްޓަރު ވިޖޭ ދުވަސްކޮޅަކަށް ވިލެންގެ ރޯލްތައް ކުޅުމާ ދުރުހެލިވާން ބޭނުންކަމަށް ބުނެފިއެވެ.

މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް އޮފް އިންޑިއާ (އައިއެފްއެފްއައި)ގައި ކުރިއަށްދިޔަ މާސްޓަ ކްލާހެއްގައި ވާހަކަ ދައްކަމުން ވިޖޭ ސެތުޕަތީ ބުނީ، ވިލެންގެ ރޯލްތައް ކުޅުމަކީ ވަރަށް މަޖާ ކަމެއް ނަމަވެސް އެކަން ލިމިޓްކޮށްލަން ބޭނުންވާ ކަމަށެވެ. އޭގެ ބަދަލުގައި ދެން ވިސްނަނީ ފިލްމުތަކުގައި ބަތަލުގެ ރޯލް ކުޅުމަށް ކަމަށް ވިޖޭ ވަނީ ބުނެފައެވެ.

އެންމެ ކުޑައިރުއްސުރެ ވެސް ކާމިޔާބު ވިޔަފާރިވެރިއަކަށް ވުމުގެ ހުވަފެން ދުށް ވިޖޭ އަކީ އެއްވެސް އިރެއްގައި ފިލްމީ ދާއިރާއަށް ނުކުންނަން ބޭނުންވި މީހެއް ނޫނެވެ. ނަމަވެސް ފިލްމީ ދާއިރާއިން ކުރިއަށް ދިޔަ ވަރަކަށް އެ ދާއިރާއިން ފަސް އެނބުރި ބެލުމެއްނެތި ކުރިއަށް ދެވުނީ ހީވެސް ނުކުރާހާ ހަލުވިކަމާ އެކު ކަމަށް ކުޅަދާނަ ވިލެން ވަނީ ބުނެފައެވެ.

ވިޖޭ އެންމެ ފުރަތަމަ ބެލުންތެރިންގެ މެދުގައި މަގުބޫލުވީ 2018 ވަނަ އަހަރު ރިލީޒްވި ތަމަޅަ ފިލްމު "96"އިންނެވެ. ވިޖޭއަށް އާއްމުންގެ މަގުބޫލުކަން ބޮޑަށް ލިބެން ފެށީ އެއްވެސް ރަޙުމެއްނެތް ނުބައިބައި މީހެއްގެ ރޯލްތައް ކުޅެން ފެށުމުންނެވެ. އެއްބައެއްގެ ނަފުރަތާ ކުރިމަތިލީ އިރު ވިޖޭގެ މޮޅު އެކްޓިންގް ހުނަރާ އެކު އެއްބަޔަކު ދިޔައީ އެކްޓަރަށް ސަނާ ކިޔަމުންނެވެ.

ފިލްމު 'މެރީ ކްރިސްމަސް'ގެ ޕޯސްޓަރެއް
ދާދިފަހުން ރިލީޒްވެ ބޮކްސް އޮފީހުގެ ގިނަ ރެކޯޑްތައް މުގުރާލި ފިލްމު "ޖަވާން"ގައި ވިޖޭ ކުޅުނު ވިލެން ރޯލާ އެކު ބޮލީވުޑްގެ ފިލްމުތަކުން ވެސް ވިޖޭއަށް ފުރުސަތުތައް އޮހެން ފެށިއެވެ. އެހެންނަމަވެސް 45 އަހަރުގެ އެކްޓަރުގެ ވިސްނުން މިހާރު ހުރީ ފިލްމުތަކުގައި އެހެން އެކްޓަރުން ކުޅޭ ލީޑް ރޯލުތައް ކުޅެ އޭނާގެ އެކްޓިންގް ހުނަރު އާއްމުންނަށް ދައްކައިލުމަށެވެ.

ވިޖޭ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 12ވަނަ ދުވަހު ރިލީޒް ކުރާ ފިލްމު "މެރީ ކްރިސްމަސް"އިންނެވެ. ވިޖޭއާ އެކު މި ފިލްމުން ބަތަލާގެ ރޯލުން ފެންނާނީ ކެޓްރީނާ ކައިފްއެވެ.