26 Nov 2023, 21:24
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ ފޯމް ފުރުން، މިރޭ ހ. ހުރަފާގޭގައި ފަށައިފިއެވެ.
އެ ޕާޓީގެ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ކުރީގެ ސައެންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް "ސަން"އަށް ވިދާޅުވީ، ފޯމް ފުރުމުގެ ކަންތައްތައް ކުރިއަށްދަނީ ހުރަފާގޭގެ ތިން ވަނަ ފަންގިފިލާގައި ކަމަށެވެ.
ރައީސް ޔާމީން މީގެ ކުރިން ލީޑަރަކަށް ހުންނެވި ޕީޕީއެމްގެ އޮފީސް ހުންނަނީ އެ އިމާރާތުގައި ކަމަށްވާއިރު، އެތަން ހުސް ކުރަން ގޭގެ ވެރި ފަރާތުން ވަނީ އެ ޕާޓީއަށް އަންގައިފިއެވެ.
މަލީހު ވިދާޅުވީ އެ އެންގުމާ އެއްގޮތަށް، ޕީޕީއެމްގެ އޮފީސް ބަދަލުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، އުއްމީދަކީ ޕާޓީ އުފައްދަން ގާނޫނުން ލާޒިމުކުރާ 3،000 މީހުންގެ ސޮއި ވީހާ ވެސް އަވަހަށް ހޯދުން ކަމަށެވެ.
"ރައީސް ޔާމީނަކީ އެންމެ ބޮޑު ފޮލޯވާބޭސް ރާއްޖެގައި އޮތް ރައީސް، އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ ހަމަ ރެކޯޑް އަދަދަކަށް އެކަންކަން ހަމަޖެހިގެންދާނެ ކަމަށް،" މަލީހު ވިދާޅުވިއެވެ.
ޕީއެންއެފްގެ އިސް މުއައްސިސެއްގެ ގޮތުގައި ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ހަމަޖައްސައި، އެ ޕާޓީ ރެޖިސްޓްރީކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)ގައި އެދެން, އެ ޕާޓީ އުފައްދަން މަސައްކަތްކުރައްވާ ފަރާތްތަކުން ވަނީ ނިންމައިފައެވެ.
ސިޔާސީ ގޮތުން އުފެދުނު ހިތްހަމަނުޖެހުންތަކަށް ފަހު، ޔާމީން ރައީސްކަން ކުރައްވަމުން ގެންދެވި ޕީޕީއެމުން އެ މަނިކުފާނު އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައެވެ.
އެއަށްފަހު އެ މަނިކުފާނު އުފައްދަވާ ތިން ވަނަ ޕާޓީގެ ނަމާއި ކުލައާއި ލޯގޯ ރޭ ވަނީ އިފުތިތާހުކޮށްފައެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދެން މިއަދު މަސައްކަތް ކުރި ނަމަވެސް، އީސީއާ ބައްދަލުކުރުމަށް ފަހު އެ މަސައްކަތް ވަނީ ފަސްކޮށްފައެވެ.
މީގެ ކުރިން މަލީހު ވަނީ، ކުށުގެ ރިކޯޑުތަކާއި އިދާރީ ކަންކަން ފުރިހަމަވީހާ އަވަހަކަށް ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދޭނެ ކަމަށް ވިދާޅުވެފައެވެ.