އާސެނަލްގެ އިނގިރޭސި ގޯލްކީޕަރު އާރޮން ރަމްސްޑޭލް ގެންދިއުމަށް ވުލްވްސްއިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ބްރެންޓްފޯޑްއިން ލޯނުގެ ދަށުން ސްޕެއިން ގޯލްކީޕަރު ޑޭވިޑް ރާޔާ ގެންދިއުމާ އެކު، މި ސީޒަނުގައި އާސެނަލްގެ ފުރަތަމަ 11 އިން ފުރުސަތު ހޯދުމަށް ރަމްސްޑޭލްއަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް ދެ މަސް ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ރަމްސްޑޭލް ވަނީ އިއްޔެ އާސެނަލްގެ ޖާޒީގައި ފެނިފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑްއާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުގައި ރަމްސްޑޭލް ފެނުނު އިރު، އެ މެޗުން އާސެނަލް މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. އެ މެޗެ ނިމެނިކޮށް، އާސެނަލްގެ ގޯލު ކާމިޔާބުކޮށްދިނީ ޖަރުމަން ފޯވަޑް ކައި ހަވާޓްޒްއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ވުލްވްސްއިން ދަނީ އަންނަ ޖެނުއަރީ ޓްރާންސްފާގައި ލޯނުގެ ދަށުން ރަމްސްޑޭލް ގެންދިއުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، އަންނަ އަހަރު ބާއްވާ ޔޫރޯގައި އިނގިރޭސި ޓީމުން ފުރުސަތު ހޯދުމުގެ ގޮތުން އޭނާ ވެސް އެ ކްލަބާ ގުޅުމަށް އެއްބަސްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވުލްވްސްގެ އެއް ނަމްބަރު ގޯލްކީޕަރުގެ ގޮތުގައި މިވަގުތު ހުރި ޕޯޗުގަލްގެ ހޯސޭ ސާއަށް ސައުދީ ޕްރޯ ލީގުގެ ކްލަބުތަކަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި ސާއަށް ޖެނުއަރީ ޓްރާންސްފާގައި ވުލްވްސް އިން ބޭނުންވާ 35 މިލިއަން ޕައުންޑް (44.1 މިލިއަން ޑޮލަރު)ގެ ހުށަހެޅުމެއް ލިބިއްޖެ ނަމަ، އެ ކްލަބުން އޭނާ ދޫކޮށްލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.