22 May 2012, 08:55
މޮސްކޯ (މޭ 22) : ރަޝިޔާގެ އާ ރައީސް ވްލަޑިމޭރު ޕޫޓިން އެ ޤައުމުގެ ކެބިނެޓް އަލުން އެކުލަވާލައްވައިފިއެވެ.
ޕޫޓިން އެކުލަވާލެއްވި ރަޝިޔާގެ އައު ކެބިނެޓްގައި ގިނައީ ޕޫޓިންއަށް ވަފާތެރި އަދި އޭނާގެ އެންމެގާތް ރަޙްމަތްތެރިންނެވެ. މީގެތެރޭގައި މާލީ ވަޒީރު އެންޓޮން ސިލްވަނޯވް އާއި އިޤްތިސާދާބެހޭ ވަޒީރު އެންޑްރޭ ބިލިސޯވް ހިމެނިވަޑައިގަންނަވައެވެ. މާލީ ވަޒީރު ސިލްވަނޯވް އަކީ ކުރީގެ ރައީސް ޑިމިޓްރީ މިޑްވެޑޭވްގެ ސަރުކާރުގެވެސް މާލީ ވަޒީރެވެ.
ރަޝިޔާގެ މަސްރަޙް ދިރާސާކުރާ ފަރާތްތައް ބުނާގޮތުން ޕޫޓިން ކެބިނެޓަށް ގެންނެވީ ކުޑަ ބަދަލެކެވެ. މިގޮތުން ކުރީގެ ޚާރިޖީ ވަޒީރު ސަގީ ލާވްރޯވް އާއި ކުރީގެ ދިފާޢީ ވަޒީރު އަނަތޯލީ ސަދިކޯވް ހަމަޖައްސަވާފައިވަނީ ކުރިންވެސް އެ ދެބޭފުޅުން ތިއްބެވި ދެ މަޤާމަށެވެ. މި ދެ ބޭފުޅުންނަކީ ޕޫޓިން ވަރަށް އިތުބާރު ކުރައްވާ ދެ ބޭފުޅުންނެވެ. އައުސަރުކާރު އެކުލަވާލުމުގެ ކަންތައް ޕޫޓިން ގެންދަވާފައިވަނީ ކުރީގެ ރައީސް އަދި މިހާރުގެ ބޮޑުވަޒީރު ޑިމިޓްރީ މިޑްވެޑޭވް ރާއްވަވާފައިވާގޮތާ ޚިލާފަށެވެ.
މިޑްވެޑޭވް ރާއްވަވާފައިވަނީ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނަސް ކުރީގެ ގިނަ ވަޒީރުން މަޤާމުން ދުރުކުރުމަށްފަހު އައު ބޭފުޅުން ކެބިނެޓަށް ލެއްވުމަށްކަމަށް ވިޔަސް، އާ ސަރުކާރު އެކުލަވާލުމުގެ ކަންތައް ޕޫޓިން ގެންދަވާފައިވަނީ އޭނާގެ ބާރާއި ނުފޫޒާއި ކޮންޓްރޯލް މުޅި ކެބިނެޓްގައި އޮންނަ ގޮަތަށް ކުރީގެ ކެބިނެޓްގައި ތިއްބެވީ ގިނަ ބޭފުޅުން އައު ކެބިނެޓްގައި ހިމަނައިގެން ކަމަށް ރަޝިޔާގެ މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
ރަޝިޔާގެ ކުރީގެ ރައީސް އަދި މިހާރުގެ ބޮޑުވަޒީރު ޑިމިޓްރީ މިޑްވެޑޭވް އަކީ ޕޫޓިންއާ އެންމެ ބޮޑަށްގާތް އަދި ޕޫޓިން އެންމެ ބޮޑަށް އިތުބާރުކުރައްވާ ފަރާތްކަމަށް ވެއެވެ. މިއާއެކު ވެސް ބައެއްކަންކަމުގައި ދެބޭފުޅުންގެ ޚިޔާލުތައް ތަފާތުވާތަން ފާއިތުވި ހަތަރު އަހަރުތެރޭގައި ފެނިފައިވެ އެވެ. ދާދިފަހުން އެމެރިކާގައި ބޭއްވި ޖީ އަށެއްގެ ސަމިޓްގައި މިޑްވެޑޭވްވަނީ ޕޫޓިންގެ ވެރިކަން ދިފާޢުކުރައްވައި ވަހަކަ ދައްކަވާފަ އެވެ. ޕޫޓިންވަނީ އޭނާގެ ވެރިކަމުގައި ރަޝިޔާއަކީ ހުރިހާގޮތަކުން ވެސް ބާރުގަދަ ޤައުމަކަށް ހައްދަވާނެކަން ހާމަކުރައްވާފަ އެވެ. -- ނޫސްއެޖެންސީތައް