އީއައިއޭ ނުހަަދައި ޖޯލި މުރަވަންދޫ ރިސޯޓުގައި މުރަކަ އާލާކުރުމުގެ މަސައްކަތް ކުރުމުން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން، އެ ކަން ކުރަމުން އައި އަލިބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، 20،000 ރުފިިޔާއިން ޖޫރިމަނާކޮށްފިއެވެ.

އީޕީއޭއިން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖޯލި ރިސޯޓުގައި އަލިބޭއިން މުރަކަ އާލާ ކުރަން ފެށުމާ ގުޅިގެން އެކަމާ ގުޅޭ ލިޔެކިޔުންތައް އެއްކޮށް އެ މައްސަލަ ބަލަން ފެށިކަމަަށެވެ.

އެގޮތުން ދެ ފަރާތުގެ ދެމެދު ބަދަލުކުރެވުނު ލިޔެކިޔުންތަކާއި ޓޫރިޒަމް މިނިސްޓްރީން ހޯދި މައުލޫމާތުން ބެލިއިރު އަލިބޭއިން މުރަކަ އާލާކުރުމުގެ މަސައްކަތް ކުރަމުން އައީ އީއައިއޭ ރިޕޯޓު ނުހަދައިކަން އެ އެޖެންސީއަށް ޔަގީންކުރެވިފައިވާކަމަށް ވެސް އީޕީއޭއިން ބުންޏެވެ

އެހެންވެ އީޕީއޭއިން ނިންމީ އެ މައްސަލަގައި އެ ކުންފުނި 20،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. މިދިޔަ ހަފުތާގެ ބުދަ ދުވަހު ކުރި އެ ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭ ދެއްކުމަށް ވެސް އީޕީއޭއިންވަނީ އަންގައިފައެވެ.

ހަމައެއާއެކު ޖޯލި ރިސޯޓުގައި މިހާރު މުރަކަ އާލަކުރުމަށް ކުރެވިފައިހުރި މަސައްކަތްތަކާ ގުޅިގެން މިހާރު ރަށުގެ ތިމާވެށި އޮތް ހާލަތު އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ބެލުމަށް ވެސް ވަނީ އެދިފައެވެ. އަދި އެ ކަމާ ގުޅޭ ރިޕޯޓެއް އެއް މަސް ދުވަހުގެ ތެރޭ ހުށަހެޅުމަށް ވެސް އަލިބޭއަށް ވަނީ އަންގާފައެވެ.

ތިމާވެއްޓަށް އެ ކަމުން އަސަރުކޮށްފާނެ ފަދަ މަސައްކަތްތައް ކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އީއައިއޭ ރިޕޯޓު ފުރިހަަމަނުކޮށް މަސައްކަތްކުރުމުގެ މައްސަލަތައް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ.