ޖަރުމަނު ބުންޑަސްލީގާގައި ބަޔާ ލެވަކޫސެން އާއި ވާޑާ ބްރޭމަން ބައްދަލުކުރި މެޗް ލެވަކޫސެން ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް އަރައިފިއެވެ.

ވާޑާ ބްރޭމަންގެ ދަނޑުގައި ކުޅުނު މިމެޗް ލެވަކޫސެން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ސުންލަނޑުންނެވެ. މިކާމިޔާބީއާއެކު ލެވަކޫސެންއިން މިވަނީ ބުންޑަސްލީގުގެ ތާރީޚުގައި އެންމެ ކާމިޔާބު ފެށުމެއް ފެށި ކްލަބްގެ ރިކޯޑާ އަރާ ހަމަކޮށްފައެވެ. ލެވަކޫސެންއިން މިވަނީ މިކާމިޔާބީއާއެކު މިހާތަނަށް ކުޅުނު 12 މެޗްގެ ތެރެއިން 11 މެޗް ކާމިޔާބުކޮށް އެއް މެޗު އެއްވަރު ކޮށްފައެވެ.

މި ރިކޯޑް ކުރިން ހަދާފައިވާ ހަމައެކަނި ކްލަބަކީ އެންމެ ފަހުގެ ޗެމްޕިއަން ބަޔޭން މިޔުނިކެވެ. އެރިކޯޑް ބަޔޭން އިން ހަދައިފާވަނީ 2015 -2016 ވަނަ އަހަރުގެ ސީޒަންގައެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލެވަކޫސެންއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު ލެވަކޫސެންއިން ކާމިޔާބުކޮށްފައިވަނީ މެޗްގެ ނުވަ ވަނަ މިނެޓްގައެވެ. ނަމަވެސް މިލަނޑަކީ ބްރޭމަންގެ އޮލިވިއާ ޑެމާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗްގައި ލެވަކޫސެންގެ ދެވަނަ ލަނޑު ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޖަހައިދީ އެޓީމްގެ ލީޑު ފުޅާކޮށްދިނީ ޖެރެމީ ފްރިމްޕޮންގްއެވެ. އަދި ފަހު ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި ޖަހައިދިނީ އެލެކްސް ގްރިމާލްޑޯއެވެ.

މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބުނެވެ. ނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ލެވަކޫސެން މިހާރު އުޅެނީ 12 މެޗުން ލިބިފައިވާ 34 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. ދެވަނައިގައި އުޅޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔޭން މިޔުނިކަށް ލިބިފައިވަނީ 32 ޕޮއިންޓެވެ. އަދި ވާޑާ ބްރޭމަން އުޅެނީ 11 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ.