ރާއްޖެއަށް އަންނަމުންދާ ބަދަލުތަކުގެ ތެރޭގައި ބްރޯޑްކާސްޓަރުން އަންނަނީ އިތުރުވަމުންނެވެ. މީޑިއާގެ ވަސީލަތްތަކުގެ ތެރެއިން އެންމެ ނުފޫޒު ގަދަ އެއްފަރަތަކީ ވެސް ބްރޯޑްކާސްޓިން މީޑީއާ ކަމަށް ބުނެވިދާނެ އެވެ. ތަފާތު ހިޔާލާއި ވިސްނުމާއި ފިކުރު މުޖުތަމައާ ހަމައަށް ފަސޭހަކަމާއެކު ފޯރުކޮށްދޭ ވަސީލަތަކަށް ވާތީ އެވެ. ރާއްޖޭގައި ބްރޯޑްކާސްޓަރުންގެ އަދަދު މިހާރު ވެސް 12 އަށް އަރަ އެވެ. އޮއިވަރު ހުރި ގޮތުން މިއަހަރު ތެރޭ އެ އަދަދު 32 އަރާނެ ކަމަށް ބެލެވެ އެވެ. އެއީ ބްރޯޑްކާސްޓިން ލައިސަންސް ހޯދަން އެދިފައި އަދަދަދު ތަކަށް ބަލާއިރު އެ އަދަދު ނުކުންނާނެތީ އެވެ.

ނަމަވެސް އެ ބްރޯޑްކާސްޓަރުންނަށް ފާރަވެރިވެ، ނަސޭހަތްތެރިވާން އޮތް ބްރޯޑްކާސްޓިން ކޮމިޝަން އޮތީ ތައްޔާރަށް ހެއްޔެވެ؟ މިހާރުވެސް ހިދުމަތްދޭ ފަސް ޓީވީ ޗެނަލަކާއި ހަތް ރޭޑިއޯ ސްޓޭޝަންތައް ކިޔަމަންވާންޖެހޭނެ ގާނޫނުތަކާއި ގަވާއިދުތަކެއް އެބަހުއްޓެވެ. ސުލޫކީ މިންގަނޑުތަކެއް ވެސް އެބަހުއްޓެވެ. އަދި އެގަވާއިދުތަކަށް ބްރޯޑްކާސްޓަރުން އަމަލު ކުރަމުންދޭތޯ ބެލުމަކީ ކޮމިޝަންގެ ޒިންމާއެކެވެ. އެކޮމިޝަނުން ކުރަންޖެހޭ ކަމެކެވެ.

ބްރޯޑްކާސްޓިން ގަވާއިދުގެ ދަށުން ކޮންމެ އަހަރަކު އެއްފަހަރު ބްރޯޑްކާސްޓިން ސްޓޭޝަނަކުން ހުށަހަޅާ އަހަރީ ރިޕޯޓު ކޮމިޝަނުން ބަލަން ޖެހެ އެވެ. ލޯކަން ކޮންޓެންޓު ހިމެނުނު މިންވަރާއި ޝެޑިއުލާ އެއްގޮތަށް ޕްރޮގްރާމް ގެންދެވުނު މިންވަރު ކޮމިޝަނުން ބަލަންޖެހެ އެވެ. އަދި އެ ކޮމިޝަން އުފެދުނު ގާނޫނު، ބްރޯޑްކާސްޓު ކުރުމުގެ ގާނޫނުގެ 4 ވަނަ މާއްދާގެ (ރ)ގެ ދަށުން ކޮމިޝަންގެ މަސްއޫލިއްޔަތު ތެރޭގައި ސުލޫކީ މިންގަނޑާ އެއްގޮތަށް ބްރޯޑްކާސްޓަރުން އަމަލު ކުރަމުންދޭތޯ ބަލަންޖެހެ އެވެ.

މިހެން އޮތް ނަމަވެސް އަދި މަންޒަރު ލޮލަށް ފެނި އަޑު އިވުނަސް، ކޮމިޝަނުގައި ހެކި ފޮރުވޭކަން ނެތެވެ. ބްރޯޑްކާސްޓަރުން މޮނިޓާކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމު ކުރެވިފައި ނެތުމުންނެވެ.

ބްރޯޑްކާސްޓަރަކު ފޮނުވި ކޮންޓެންޓްގައި މައްސަލައެއް ޖެހިއްޖެނަމަ މިހާރު އަމަލު ކުރަންޖެހެނީ "ވައްކަން ކުރި މީހާ ގާތުން ހެކި" ހޯދަން އެދޭ ގޮތަށް ބްރޯޑްކާސްޓަރުގެ އަތުން އެކި ހޯދައިގެނެވެ. މިއީ އުނދަގޫ ކަމަކަށް ވާނެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ބަދުރު ނަސީރު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު ހިންގަމުންދާ 12 ބްރޯޑްކާސްޓް ޗެނަލް މޮނީޓާ ކުރެވޭނެ ނިޒާމެއް ކޮމިޝަންގައި ގާއިމް ކުރެވިފައި ނެތީ ބަޖެޓް ނެތުމުންނެވެ. އަދި ދައުލަތުގެ ބަޖެޓުން އެފަދަ ސިސްޓަމެއް ގާއިމްކުރާނެ އެހީއެއް ނުލިބޭނެ ކަން މިހާރު ޔަގީނެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލީ ތަނަވަސްކަން ހުރި ފަރާތްތަކުގެ އެހީ ހޯދުމަށް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ބޭރުގެ ޖަމިއްޔާ، ޖަމާއަތްތަކާއި ރާއްޖޭގެ ވިޔަފާރިވެރިންނާ ވާހަކަ ދެއްކުން ހިމެނެ އެވެ.

ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓް މޮނީޓާ ކުރުމަށްޓަކައި ސިސްޓަމެއް ގާއިމް ކުރުމަށް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ އިރު ބްރޯޑްކާސްޓު ކުރުމުގެ ގަވާއިދުގެ 9 ވަނަ މާއްދާގެ (ކ) ގައި ބުނެފައި ވަނީ ބްރޯޑްކާސްޓްކުރާ ޕްރޮގްރާމްތަކާއި އިޝްތިހާރުތަކުގެ މާސްޓާ ރެކޯޑިންއާއި އޮންއެއާ ލޮގް، ބްރޯޑްކާސްޓު ކުރާ ދުވަހުން ފެށިގެން ދެ މަސްވަންދެން ބަހައްޓަންވާނެ ކަމަށެވެ. އަދި ބޭނުން ޖެހިއްޖެ ހާލަތެއްގައި އެއްވެސް އަގަކާ ނުލައި އެ ރެކޯޑިން ބްރޯޑްކާސްޓިން ކޮމިޝަނަށް ދެވިދާނެ ކަމަށް ގަވާއިދު ބުނެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޝަހީބު ވިދާޅުވި ގޮތުގައި ބްރޯޑްކާސްޓް ކުރި ކޮންޓެންޓެއްގައި މައްސަލަ ޖެހިގެން ތަހުގީގު ކުރަންޖެހޭ ހާލަތުގައި އެ ސްޓޭޝަނަކުން އެފަދަ ރިކޯޑިންއެއް ދޭއިރު އެޑިޓްކޮށްފައި ހުރެއްޖެނަމަ، އަނެއްކާވެސް މައްސަލަތަކެއް ނުކުމެދާނެ އެވެ

"މައްސަލައެއް ޖެހިގެން ހުތުރު އެއްޗެއް ބުނެވިގެން، ހުތުރު މަންޒަރެއް ދެއްކިގެން އެގޮތަށް އެ ފޮނުވާ ވީޑިއޯއެއްގައި ބައެއް ފަހަރަށް 'ތުރުތުރު' އެރުމެއް އައިސް އަޑުކެނޑިފައި ހުރުން އެކަށީގެންވޭ ނޫންތޯ؟ ދެން އެހެންވީމަ އަޅުގަނޑުމެން އެ މައްސަލަ ބަލާނީ ކިހިނެއް؟" ޝަހީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ އެފަދަ މައްސަލައެއް ދިމާވެދާނެތީ ކޮމިޝަން އަމިއްލަ ފައި މައްޗަށް ތެދުވެ، ބައެއްގެ ކައިރިއަށް ނުގޮސް ކޮމިޝަންގެ ތެރެއިން އެ މައްސަލަ ބަލައި ފިޔަވަޅު އަޅާށެވެ.

ޝަހީބު ވިދާޅުވި ގޮތުގައި ބްރޯޑްކާސްޓްކުރާ ކޮންޓެންޓް މޮނީޓާ ކުރެވޭނެ ސިސްޓަމެއް ގާއިމު ކުރުމަށް ބަޖެޓް ނެތުމުން "ހޯމް މޭޑް" އެއްޗެއް ކަސްޓަމައިޒްކޮށްގެން ހެދޭތޯ ކޮމިޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެއީ ވެސް ދާއިމީ ހައްލަކަށް ނުވާނެ އެވެ.

މިހާރު ބްރޯޑްކާސްޓް ކުރަމުންދާ 12 ޗެނަލާއެކު މިއަހަރު ވުޖޫދަށް އަންނާނެ ކަމަށް ބެލެވޭ 32 ޗެނަލާއެކު ކޮމިޝަނަށް އަނެއްކާވެސް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ފޯރިއާއެކު ބްރޯޑްކާސްޓަރުން ފޮނުވާ މަންޒަރުތަކާއި އަޑާމެދު ކޮމިޝަނުން ފާރަވެރިވާންޖެހޭނެ އެވެ. ނަމަވެސް ގާނޫނަކުން މުސްތަގިއްލު ކޮމިޝަނަކަށް ޒިންމާތަކެއް ހަވާލުކޮށްފައި އޮތަސް، އެފަދަ ނިޒާމެއް އަދި ވަސީލަތެއް ނެތުމުންވާނީ ދެން ވާނީ ކިހިނެއް ހެއްޔެވެ؟