26 Nov 2023, 13:10
ދައުލަތުން ބޮޑު ހޭދަކޮށްގެން ހިންގާ މަޝްރޫތައް، ރައްޔިތުންނަށާއި ސަރުކާރަށް ވެސް ފައިދާކުރާނެހެން ހިންގުމަށް ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު މިއަދު ގޮވައިލައްވައިފިއެވެ.
އެ މަނިކުފާނު މިފަަދައިން ގޮވައިލެއްވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ހުށަހަޅައިފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުންނެވެ.
އެގޮތުން ސިޔާމް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ އެތައް ގުނައެއް ހޭދަކުރަން ޖެހޭނެ ބަޖެޓެއް ކަމަށެވެ.
އެހެންވުމުގެ ސަބަބަކީ ދައުލަތަށް ލިބޭ އާމްދަނީއާއި ކުރާ ޚަރަދު ދެކޮޅު ނުޖެހުންކަމަށް ސިޔާމް ވިދާޅުވިއެވެ. އެއާއެކު އެ މަނިކުފާނުވަނީ މީގެ އަހަރުތައް ކުރިން ސަރުކާރުތަކުން ދައުލަތުގެ ބަޖެޓު ޚަރަދުކުރަމުން އައި ގޮތާމެދު ސުވާލު އުފައްދަވައިފައެވެ.
އެގޮތުން އެ މަނިކުފާނު ވިދާޅުވީ ފާއިތުވި ސަރުކާރުތަކުން ރަށްރަށުގައި ހިންގި ބިން ހިއްކުން ފަދަަ ބޮޑެތި މަޝްރޫތައް ނިންމި ނަމަވެސް، އަދިވެސް ހުރީ އޭގެ ބޭނުން އެންމެ ރަނގަޅަށް ނުހިފިކަމަށެވެ.
"...ރަންގަނޑެއް ވެސް ނުވަތަ ހިލަގަނޑެއް ވެސް ވަޅުލައިފައި ބޭއްވިއްޔާ ވާނީ އެއްވަރޭ. އެހެންވީމާ އަޅުގަނޑުމެން މި ހިއްކި ބިންތަކުގައި އަޅުގަނޑުމެން މި ތިބީ ވަޅުލެވިފައި. އޭގެން ކުރެވޭނެ އެއްވެސް ފައިދާއެއް ނެތް. އޭގެން ރައްޔިތަކަށް ވާނެ ފައިދާއެއް ނެތް،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ އެ ފަދަ މަޝްރޫތަކަށް ސަރުކާރުން ކުރާ ހޭދައިން ސަރުކާރަށާއި ރައްޔިތުންނަށް ފައިދާ ހޯދުން މުހިންމު ކަމަށެވެ. އެހެން ނޫންނަމަ އެއީ ރައްޔިތުންނަށް ދެވޭ ބޮޑު އަނިޔާއެއްކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
އެއާއެކު އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުން ފައިދާ ނުލިބޭކަމަށްވާނަަމަ ދައުލަތުގެ ދަރަނި ވާނީ އިތުރުކަމަށެވެ. އަދި ލިބޭ އާމްދަނީއާއި ކުރާ ޚަރަދު ދެކޮޅުނުޖެހި ފަގީރުވުމުގެ ފުރުސަތު ބޮޑުކަމަށް ސިޔާމް ވިދާޅުވިއެވެ.
"އެހެންވީމާ ހަގީގަތުގައި ދަންނަވަނީނަމަ އަޅުގަނޑުމެން ކުރާ މަސައްކަތުގައި ފައިދާ ހޯދޭނެ ގޮތަކަށް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭ. ދިވެހި ދައުލަތަކީ ވިޔަފާރި ކުރާ ތަނެއް. ދިވެހި ދައުލަތަކީ، ދިވެހި ސަރުކާރަކީ އެންމެ ބޮޑު ކުންފުނި،" ސިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ސިޔާމް ވަނީ ދައުލަތުން އެންމެ ބޮޑު ޚަރަދުކުރާ އެއް ސްކީމްކަމަށްވާ އާސަންދައިގެ ހޭދަތަކާމެދު ވެސް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އެގޮތުން އެ ސްކީމަކީ ނަހަމަ ގޮތުގައި ގިނަ ފައިދާތަކެއް އެކި މީހުން ނަގަމުން އަންނަ ސްކީމެއްގެ ގޮތުގައި ސިޔާމް ސިފަކުރެއްވިއެވެ.
"ސަރުކާރުތަކަށް އެބަ އެނގޭ އާސައިންދައިން ވައްކަން ކުރާކަން. އޭގެން ރޯމާއި ދުވާލު ވައްކަން ކުރާކަން އެބަ އެނގޭ. އެކަމު ހުއްޓާކަށް ބޭނުމެއް ނުވޭ. ކީއްވެގެންތޯ ނުހުއްޓަންވީ،" ސިޔާމް ވިދާޅުވިއެވެ.
އެއާއެކު އެ މަނިކުފާނުވަނީ އާސަންދަ ހުއްޓަައިލާ، ސްކީމެއްގެ ތެރެއިން ބޭސްފަރުވާއަށް ލުއި ހޯދައިދިނުމުގެ ނިޒާމު ބައްޓަންކުރުމަށް މި ސަރުކާރުގެ ކިބައިން އެދިވަޑައިގެންފައެވެ. ނޫންނަމަ އެއީ ވައްކަމަށް ހުޅުވި، ދޫކޮށްލެވިފައި އޮންނާނެ ދޮރެއްކަމަށް ވެސް ވިދާޅުވިއެވެ.
އަދި، ޓެކްސް ފައިސާއިންނާއި ދައުލަތުގެ އާމްދަނީން ރައްޔިތުންނަށް ފައިދާކުރާނެ ނިޒާމެއް އޮތްތޯ ކަށަވަރުކުރުން މުހިންމުކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.