އިންގްލިޝް ޕްރިމިއާ ލީގުގައި ބްރެންޓްފަޑް ބަލިކޮށް، އާސެނަލް ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.

ބްރެންޓްފަޑްގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލުންނެވެ.

މި ސީޒަންގައި ލޯން އެއްބަސްވުމެއްގެ ދަށުން ބްރެންޓްފަޑްއިން އާސެނާލާ ގުޅުނު ކީޕާ ޑޭވިޑް ރާޔާއަށް އޭނާގެ އަސްލު ކުލަބާ ދެކޮޅަށް ކުޅުމުގެ ހުއްދަ ނެތުމާ އެކު މެޗުގައި އާސެނަލްގެ ގޯލު ބަލަހައްޓާފައިވަނީ އާރޮން ރަމްސްޑޭލެވެ. ފުރަތަމަ ހާފްގައި އޭނާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ބްރެންޓްފަޑުން ކުރި ނުހޯދީ ހަމަ ކިރިޔާއެވެ. ބްރެންޓްފަޑުން ފޮނުވާލި ހަމަލާ ދިފާއު ކުރެވުނީ ގޯލު ރޮނގު މަތިންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ގާތް ވެފައިވަނިކޮށް އާސެނަލްގެ ލިއާންޑްރޯ ޓްރޮސާޑް އެ ޓީމަށް ލީޑު ނަގައިދެވުނު ކަމަށް ހީކުރެވުނު ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު އޭނަ ބްރެންޓްފަޑްގެ ގޯލަށް ބޯޅަ ވައްދައިލީ އޮފް ސައިޑްގައި ހުރެގެން ކަމަށް ފެނިގެންދިޔައެވެ.

މެޗުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި މެޗު ނިމެން ގާތްވުމާ އެކު މިމެޗު އެއްވަރު ވެގެން ނިމިދާނެކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް އާސެނަލުން ވަނީ މެޗު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ކައި ހަވާޓްޒެވެ.

މި ނަތީޖާއާ އެކު އާސެނަލުން މިހާރު ވަނީ އިންގްލިޝް ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައަށް އަރައިފައެވެ. އެއީ، މިހާތަނަށް ކުޅުނު 13 މެޗުން ލިބިފައިވާ 30 ޕޮއިންޓާ އެކުއެވެ. އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އުޅެނީ 29 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވުމުން ބްރެންޓްފަޑް އުޅެނީ 16 ޕޮއިންޓާ އެކު ތާވަލުގެ 11 ވަނައިގައެވެ.