ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕާޓީން ބޭރުކުރުމަށްޓަކައި ޕީޕީއެމްގެ ލީޑާޝިޕުގެ އިސްބޭފުޅުން އޮތީ ދުރާލާ ޕްލޭނެއް ރާވާފައި ކަމަށް އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

"ޗެނަލް 13" އަށް ދެއްވި އިންޓަވިއުއެއްގައި ޖަމީލް ވިދާޅުވީ ވެރިކަމަށް އައިފަހުން ޕާޓީގެ އިސްބޭފުޅުން ރައީސް ޔާމީން ކުރެއްވި މަސައްކަތުގެ އަގުވަޒަން ނުކުރާ ކަމަށެވެ.

ޖަމީލް ވިދާޅުވީ، ޕީޕީއެމަށް ބޮޑެތި މަސައްކަތްތަކެއް ރައީސް ޔާމީން ކޮށްދެއްވާފާއިރު ފަހުން ޕާޓީގެ އެއްވެސް ކަމަކާ އެ މަނިކުފާނާ މަޝްވަރާ ކުރައްވަން ޕާޓީގެ އިސްބޭފުޅުން ބޭނުން ނުވާ ކަމަށެވެ.

"ރައީސް ޔާމީނަށް އެ އެންގީ ވަރަށް ރީޗަށް ރައީސް ޔާމީންގެ ލީޑަޝިޕް ބަލައެއް ނުގަންނަމޭ. ރައީސް ޔާމިނަކީ މިއަދު ޕާޓީ ހިންގޭނެ މީހެއް ނޫންކަމަށް" ޖަމީލް ވިދާޅުވިއެވެ.

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ސަން ފޮޓޯ/

އެގޮތުން ޕާޓީ ނުދަންނަ ބޭފުޅުންގެ ބޮޑު އަގުލަބިއްޔަތެއް ސަރުކާރަށް ގެނައުމަކީ ޕާޓީގެ ނިޒާމާ އެކަށީގެންވާ ގޮތެއް ނޫންކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.

ޕީޕީއެމްގެ ލީޑާޝިޕަށް މިހާރު އެހެނިހެން ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރެވޭ ކަމަށާއި ހަމައެކަނި މަސައްކަތް ނުކުރެވެނީ ރައީސް ޔާމިނާއެކު ކަމަށް ޖަމީލް ވިދާޅުވިއެވެ.

"އެބޭފުޅުންނަށް އެމްއެންޕީވެސް ރަނގަޅު، ޖޭޕީވެސް، އަދި އަދާލަތުވެސް ރަނގަޅު. ހަމައެކަނި ރައީސް ޔާމީނާއެކު އެބޭފުޅުންނަށް މަސައްކަތް ނުކުރެވުނީ" ޖަމީލް ވިދާޅުވިއެވެ.

އަދި އެ މަނިކުފާނު ހުންނެވީ ގިނިކަންޏާ އެކަނި ކަމަށް ޖަމީލް ވިދާޅުވިއެވެ.

"ޖަލުގަ ހުންނެވިއިރު ޕާޓީގެ އެންމެ ކުދި ކަންކަމުގައި ވެސް ލަފާ ހޯއްދެވި،" ޖަމީލް ވިދާޅުވިއެވެ.

ނަމަވެސް އޭގެ ފަހުން ޕާޓީގެ ބޭފުޅުން އެމަނިކުފާނު ދޫކޮށްލެއްވީ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެކު ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖަމީލް ވިދާޅުވީ ރައީސް ޔާމީން ދުވަހަކުވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމަކަށް ހުރަސް ނާޅުއްވާނެ ކަމަށެވެ.

އެކަމަކު ރައީސް ޔާމީން ސިޔާސީ މަސައްކަތް ކުރެއްވުމަކީ އެމަނިކުފާނުގެ ހައްގެއް ކަމަށާއި އެކަން މަނާ ކުރުމަކީ އޮންނަން ވާނެ ކަމެއް ނޫންކަމަށް ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ކެތްތެރިކަމެއް ނެތޭ ބުނެވޭ ވާހަކައަށް ރައްދުދެއްވައި ޖަމީލް ވިދާޅުވީ ރައީސް ޔާމީނާ ދޭތެރޭ އިހުސާންތެރިކަމެއް ނެތީ ޕީޕީއެމްގެ ލީޑަޝިޕުން ކަމަށެވެ.

ރައީސް ޔާމީން އަމިއްލަފުޅަށް ޕާޓީއެއް ހައްދަވަނީ ޕީޕީއެމް ހިންގުމުގެ ފުރުސަތު އެމަނިކުފާނަށް ނުދެއްވުމުން އެމަކުފާނުގެ ސިޔާސީ މަސައްކަތް ދެމެހެއްޓުމަށް ކަމަށް ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީގެ ނަމަކީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ކަން އިއުލާންކޮށްފާއިރު އެ ޕާޓީގެ ކުލައަކީ ދަނބު ކުލައެވެ.

އެއީ ރައީސް ޔާމީން ޕީޕީއެމާ ގުޅިވަޑައިގަތުމުގެ ކުރިން، 2008ގައި އުފެއްދެވި ޕީޕަލްސް އެލަޔަންސް ޕާޓީގެ ވެސް ކުލައެވެ.