22 May 2012, 00:08
މާލޭގެ މޭޔަރު މައިޒާން އަލި މަނިކު (އަލިބެ) މާދަމާ ކުރިމިނަލް ކޯޓަށް ހާޒިރުވާން އޭނާ އަށް ޗިޓު ފޮނުވާފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ އިސް އޮފިޝަލަކު ވަނީ ސަން އަށް އެކަށް ކަށަވަރުކޮށްދީފަ އެވެ. އޮފިޝަލް ވިދާޅުވީ އަލިބެ ކުރިމިނަލް ކޯޓަށް ހާޒިރުވާން ޗިޓެއް އައީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށާއި އެ ޗިޓްގައި އޮތީ މާދަމާ ހެނދުނު އަލިބެ ކޯޓަށް ހާޒިރުވުމަށް ކަމަށެވެ. އަދި ވަކި ސަބަބެއް ބަޔާންކޮށްފައި ނުވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
އަލިބެ ކުރިމިނަލް ކޯޓަށް ހާޒިރުވާން އެންގި އިރު ފުލުހުން ވަނީ އުސްފަސްގަނޑު ރޫޅުމުގެ އަމުރަކަށް ކުރިމިނަލް ކޯޓުގައި އެދިފަ އެވެ. އެ އަމުރު ދިން ކަމެއް އަދި ނޫން ކަމެއްވެސް އަދި ސާފެއްނުވެ އެވެ.
ފުލުހުންގެ އެ އަމުރާ ގުޅިގެން ސިޓީ ކައުންސިލުން ވަނީ ސިޓީ ކައުންސިލްގެ ތަމްސީލް ވުމެއް ނެތް ގޮތައް އެފަދަ އަމުރެއް ނެރެގެން ނުވާނެ ކަމަށް ބުނެ ކްރިމިނަލް ކޯޓަށް މިއަދު ސިޓީއެއްް ފޮނުވާފަ އެވެ.
"...ކްރިމިނަލް ކޯޓުން ނެރޭ އަމުރުތަކަކީ އަމުރު ރަށްދުވާ ފަރާތް ހާޒިރުނުކޮށް ނެރޭ އަމުރުތަކެއްކަމުން އުސްފަސްގަނޑު ހުސްކުރުމުގެ އަމުރު ނެރުމަކީ މަދަނީ ކަމެއްކަމާއި ވިމާ މި މައްސަލައިގައި ކްރިމިނަލް ކޯޓުން އަމުރެއް ނެރެގެން ނުވާނެކަމާއި، ވަކިން ޚާއްސަކޮށް މި ކައުންސިލުގެ ޣައިރު ހާޒިރުގައި މިކައުންސިލުގެ މަދަނީ މުއާމަލާތެއް ރޫޅައިލާން ކްރިމިނަލް ކޯޓުން އަމުރެއް ނެރެގެން ނުވާނެކަމަށް ދަންނަވަން،" ކައުންސިލްގެ ސިޓީގައިވެ އެވެ.
އެތަން ނަގަން ހޯމް މިނިސްޓްރީން ފުލުހުންނަށް އެންގީ ހައުސިން މިނިސްޓްރީގެ އެންގުމަށް އެތަން ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފައި ނުވާތީ އެވެ.
ސިޓީ ކައުންސިލްގެ އަތުން އުސްފަސްގަނޑު އަތުލައި ހައުސިން މިނިސްޓްރީގެ ދަށަށް އެތަން ބަދަލުކުރަން ކެބިނެޓުން ނިންމެވީ އެ ބިން ހަވާލުކުރުމުގައި ސިޓީ ކައުންސިލުން ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.
ސިޓީ ކައުންސިލުން ބުނެފައި ވަނީ ސިޔާސީ ހަރަކާތްތަކަށް އުސް ފަސްގަނޑު ދިނުމަކީ އެގުރިމެންޓާ ހިލާފުވުން ކަމަށް ނުބެލެވޭ ކަމަށާއި އެ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އުސް ފަސްގަނޑުގައި ސިޔާސީ ހަރަކާތްތައް ހިންގަން އެ ފަސްގަނޑު އެމްޑީޕީ އަށް ދީފައި ވަނީ އަންނަ ޖޫން މަހުގެ ނިޔަލަށެވެ.
ފެބުރުއަރީ 7 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެއްޓުމަށް ފަހު އެމްޑީޕީގެ ހަރަކާތްތައް ހިންގަން ފުރަތަމަ ކޭމްޕް ޖަހާފައި ވަނީ ލޮނުޒިޔާރަތްކޮޅު، ރާޅުގަނޑު ސަރަހައްދެވެ. ނަމަވެސް ފުލުހުން ވަނީ މާޗް 19 ވަނަ ދުވަހު އެ ކޭމެޕަށް ވަދެގަނެ ކޭމްޕް ރޫޅާލައިފަ އެވެ.