ކަމެއް ހަނދާންކުރަން ބޭނުން ނުވާ ފަދައަކުން ދެފަރާތަށް ބޯވެސް ހޫރާލައިފިއެވެ. އޭރު ހަމަ ރަނގަޅަށްވެސް މީހާ ހާސްވެއްޖެއެވެ.

*****

އޭގެ ތިން ދުވަސްފަހުން ރިޕޯޓްތައް ލިބުމާއެކު، މައާލް އެޑްމިޓް ކުރެވުނެވެ. ހިތުގައި ނުތަނަވަސްކަން ވިޔެއް ކަމަކު އޭނާ ހުރިހާކަމެއް ﷲ އަށް ވަކީލުކުރިއެވެ. އެކަލާނެ އޭނާއަށްޓަކައި ނިންމަވާނެ ކޮންމެ މިންމެވުމަކީ އޭގައި ހެވެއްވާ ނިންމުމެއްކަމުގައި އޭނާ ޤަބޫލުކުރިއެވެ. އެހެންނަމަވެސް، ދެލޮލަށް ފެންނާނެކަމަށް ކުރާ އުންމީދު ހުއްޓައެއް ނުލައެވެ.

އެޑްމިޓް ކުރެވުމުން އޭނާ އެންމެ ހަނދާންވި އެކަކީ ރާދިންއެވެ. އެންމެ ފުރަތަމަ ރާދިންއާ އޭނާއާ ދިމާވީވެސް ހޮސްޕިޓަލުންނެވެ. ރާދިންގެ ފަރާތުން އޭރު އޭނާއަށް ފެނުނީ މުޅީންވެސް ކަމުދާ ސިފަތަކެކެވެ. ރާދިންއަށް ބަދަލުތަކެއް އައީ ކައިވެނީގެ ވާހަކަ ދެއްކުމަށްފަހުއެވެ. އެ ބަދަ،ލު ތަކުގެ ފަހަތުގައި ފޮރުފައިވާ ސަބަބުވެސް މިހާރު މައާލްއަށް އެނގެއެވެ. ރާދިން މައާލްއާ ކައިވެނިކުރަން ބޭނުންނުވީ ސަޖާއާ ގުޅުން ބާއްވަމުން ދިޔައީތީއެވެ. ނޭނގި ނަމަވެސް މިހާރުވެސް ރާދިންގެ އޯގާތެރިކަމަށް އޭނާއަށް އުންމީދު ކުރެވެއެވެ.

ރާދިން ލަންޑަނަށް އައީ އެއްވެސް މީހެއް ކައިރީގައި ނުބުނެއެވެ. އޭނާ އަންނަކަން މުނީރަށް ވެސް ނޭނގޭނެއެވެ. އެއާރޕޯޓުން ނުުކުތުމަށްފަހު، ރާދިން ވަށައިގެން ހޯދާލިއިރު، ޝާކިރުގެ އޮފީހުގެ ކާރެއް ރާދިންގެ އިންތިޒާރުގައި އޮތެވެ. އޭނާ ފެނުމާއެކު، ޑްރައިވަރު އައިސް ޓްރޮލީގައި ހުރި ފޮށިތައް ނަގާ ޑިކީއަށް އަރުވަން އަވަސްވެގަތެވެ. ރާދިން ލާފައިހުރީ ކަނޑުނޫލުލައިގެ ގަމީހެކެވެ. ބެގީކޮށްލާފައި، ކަޅުކުލައިގެ ފަޓްލޫނަކާއި އޮފް ބޫޓަކަށް އަރާފައި ހުރިއިރު އޭނާގެ ޝަހްސިއްޔަތު ފެންނަލެއް ފުރިހަމައެވެ. ފިރިހެންވަންތަ ހަށިގަނޑަށް ގަމީސް ހިފާލާފައިވާއިރު، އެ ކަސްރަތީ ހަށިގަނޑަށް އަންހެން ކުދިންގެ ނަޒަރުތައް ހުއްޓެމުން ދިޔައެވެ. ފިރިހެންވަންތަ ހިނގުމެއްގައި ގޮސް އޭނާ ކާރަށް އަރާ އިށީނެވެ. ޑްރައިވަރުވެސް ކާރަށްއަރާ ދުއްވާލިއެވެ.

ރާދިން އައުމުގެ ކުރިން ވަނީ ލަންޑަންގައި ހުންނަ ޝާކިރުގެ އޮފީހަށް އޭނާ އަންނަ ވާހަކައާއި ކާރެއް ތައްްރާރުކޮށްފައި ބާއްވަން ބުނެފައެވެ. ރާދިން މަޑުކުރީ ސްކައި ބްލޫ" ކިޔާ ހޮޓެލެއްގައެވެ. އެއީވެސް ޝާކިރުމެންގެ ކުންފުނީގެ ހިއްސާ އޮންނަ ހޮޓެލެކެވެ. އެއްޗެހިތައް އެތެރެއަށް ވެއްދުމަށް ޑްރައިވަރު ރާދިންއަށް އެހީތެރިވެދިނެވެ. އެހުރިހާކަމެއް ކޮށްލާފައި ޑްރައިވަރު އޭނާ ދިޔުމުގެ ހުއްދައަކަށް އެދުނެވެ. ރާދިން ބޯ ޖަހާލާފައި އޭނާ ގުޅުމުން އައުމަށް އެދުނެވެ. ޝުކުރު އަދާކޮށްފައި ޑްރައިވަރު ދިޔަޔަސް އެންމެ ރަނގަޅު ކަމުގައި ރާދިން ބުނެލިއެވެ. އޭނާ ނުކުތުމުން ރާދިން އެންމެ ފުރަތަމަވެސް ގޮސް އިށީނީ ސޯފާގައެވެ. ފޯނު ނަގާ އޭނާ މުނީރުގެ ނަންބަރު ހޯދާލިއެވެ. މުނީރަށް ގުޅަން ދެ ފިކުރެއްގައި އިނދެފައި އެންމެ ފަހުން ފޯނު ބާއްވާފައި އޭނާ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލިއެވެ. ތަނަވަސް ބޮޑު އެކޮޓަރިތެރޭގައި އިންއިރުވެސް އޭނާ ހާސްވަމުން ދިޔައެވެ. އެހެންކަމުން ސޯފާއިން ތެދުވެގެން ގޮސް ބެލްކަނީ ދޮރުގެ ފޮތިތައް ކަހާލާފައި، ދޮރު ހުޅުވާލާފައި ބެލްކަންޏަށް ނުކުމެލިއެވެ. ސާފު ވައިރޯޅިތަކުންވެސް އޭނާގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ތަސައްލީއެއް ހޯދައެއް ނުދެވުނެވެ.. ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން، އުސް އިމާރާތްތަކުގެ އަލި ފެންނައިރު ހީވަނީ ދުރުން ކުދިކުދި ޖަވާހިރުތަކެއް ވިދަމުންދާ ހެންނެވެ. ހިތްގައިމު މަންޒަރެއް ނަމަވެސް، އެ މަންޒަރުގެ ފުރިހަމަކަމަށް ރާދިންގެ ވިސްނުން ދޫކޮށްލެވޭ ގޮތެއް ނުވިއެވެ. އެތައް އިރަކު ވިސްނުންތަކަށް ގެއްލިފައި ރާދިން އެތަނުގައި ހުއްޓެވެ.

ޚަރީފު މޫސުމުގެ ދުވަސްތައް ނިމެމުންދާތީ ފިރިކަން ފަޒާގައި ހިފާލާފައިހުރުމުން ރާދިންގެ ހަށިގަނޑަށް ވެސް ފިނީގެ އަސަރު ކުރަން ފެށިއެވެ. މާ ބޮޑަށް ފިނިވާން ފެށުމުން އޭނާ އެތެރެއަށް ވަދެލިއެވެ. އެއަށްފަހު ނިދާލަން ގަސްތުކުރިއެވެ. އޮށޯވެލިތާ ގިނަ އިރެއްނުވެ އޭނާއަށް ނިދުނީ ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުންނެވެ.

ހޭލެވުނީ އަށެއް ޖަހާ ބޮޑުވީފަހުންނެވެ. ފެންވަރާ ތާޒާ ވެލައިގެން ނުކުމެ ނަމާދުކޮށްލައިގެން އަޅިކުލައިގެ ޓީޝާޓަކާއި ސޯޓެއް ލައިގެން އޭނާ ތައްޔާރުވެލީ ބޭރަށް ދިޔުމަށެވެ. އަތުކުރީގައި ގަޑި އަޅާލުމަށްފަހު، ވޮލެޓް ނަގާ ޖީބަށް ލަމުން ސެންޓް ފުޅިން ސެންޓް ބުރުބާލުމާއެކު، ކޮޓަރި ތެރޭގައި މީރުވަހެއް ފެތުރިގެން ދިޔައެވެ. ސެންޓް ފުޅިއަށް ބަލަހައްޓައިގެން އިރުކޮޅަކު ރާދިންއަށް ހުރެވުނެވެ. އެ ތުންފަތް މައްޗަަށް ބޭއިޚްތިޔާރުގައި ވެރިވި ހިނިތުންވުމަކީ މައާލް މަތިންހަނދާންވެ، ވެރިވި ހިނިތުންވުމެކެވެ. އެ ވަހަކީ މައާލްއަށާއި އޭނާއަށް ވެސް ވަރަށް ޚާއްސަ ވަހެކެވެ. މައާލް ބުނާ ގޮތުންނަމަ އެއީ ރާދިންގެ ވަހެވެ. އެ ވަހުން އޭނާ ރާދިން ވަކިކުރާނެއެވެ. މައާލްގެ އެ ޖުމްލަ އޭނާގެ ހިތުގެ އެންމެ ފުނަށް އަސަރުކުރުމުގެ ނަތީޖާއަކީ އެ ސެންޓް ނޫން އެހެން ސެންޓެއް އޭނާ ބޭނުން ނުކުރުމެވެ.

ފޯނު ނަގާ ޑްރައިވަރަށް ގުޅާލުމަށްފަހު، ރާދިން ކޮޓަރިން ނުކުމެލިއެވެ. ލިފްޓަށް އަރައިގެން ތިރިއަށް ގޮސް އޭނާ މަޑުކޮށްލީ ލައުންޖްގައެވެ. އެތަނުގައި އިންދާ، ޑްރައިވަރު ގުޅުމުން ރާދިން ބޭރަށް ނުކުމެލިއެވެ. ކާރަށް އަރާ އޭނާ ޑްރައިވަރަށް ދާންވީ ތަން ބުނެލަދިނެވެ. ގައިގަނޑަކަށް ތިރީސް ވަރަކަށް މިނެޓްގެ ދަތުރަކަށްފަހު، ރާދިންމެންނަށް "ސްޓާރޕެލެސް" ހުންނަ ހިތްހައިމު ހިސާބަށް އާދެވުނެވެ. ގެއާ ހިސާބަށް އާދެވުމުން ރާދިންގެ ހިތުގެ ތެޅުން ކޮންމެވެސް ވަރަކަށް އަވަސްވެލިއެވެ. ކާރުން ފައިބަން ވެސް ނޭނގިފައި އޭނާއަށް އިނދެވުނެވެ.

ޑްރައިވަރު ދޮރު ހުޅުވާލުމާއެކު، އޭނަ ފޭބިއެވެ. ރާދިން ފެނުމާއެކު، ދޮރުވާނަކަށް ހުރި މީހާ ގޭޓު ހުޅުވާލިއެވެ. މީގެ ކުރިން ރާދިން ފެނިފައިވާތީ އިތުރު ސުވާލެއް އޭނާ ނުކުރެއެވެ. ގޯތިތެރޭގައި ހުރި ގަސްތަކުގެ ފަތްތަކުން މުޅި ވޯކްވޭ ވެސް ވަނީ ފުރިފައެވެ. ޖެހިލާ ވައިރޯޅިތަކާއެކު ފަތްތައް އުދުހިލައެވެ. ލަސްފިޔަވަޅުތައްގައި ހިނގަމުން ދިޔަ އިރު، ގޭގެ ދޮރާ ކައިވަމުން ދިޔަވަރަކަށް ރާދިންގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. ދޮރު ހުރީ ހުޅުވާފައި ނަމަވެސް، އެތެރެއަށް ވަންނަން ނުކެރިފައި ހުއްޓާ، ސިހުން ލިބުނީ ނުކުތް މުނީރު ފެނިފައެވެ.

"ރާދިން…" ދިއްލާފައިވާ އޮރެންޖް އަލިކަމުގެ ތެރެއިން ފެނުނު ސޫރައާއެކު މުނީރަށް ހައިރާންކަން ލިބިގެން ދިޔައެވެ.

"ބައް… ބައްޕާ…" އަޅައަޅައިގަންނަމުން ރާދިންއަށް ވާހަކަ ދެކެވުނެވެ.

"ރާދިން ކޮންއިރަކު އައީ؟" މުނީރަށް ސުވާލުކޮށްލެވުނެވެ. އޭނާ ރާދިންގެ ފަހަތަށް ވެސް ބަލާލިއެވެ.

"އަޅުގަނޑުގެ އެއްޗެހި ވީ ހޮޓެލްގައި." މުނީރުގެ ހިތުގައި އުފެދުނު ސުވާލުތައް އެނގުނު މީހެއްފަދައިން ރާދިން ޖަވާބު ދިނެވެ.

"އެހެންތަ؟" ކީކުރަން ތިއައީ؟ ބައްޕަ ބުނީމެއްނު މައާލް ބޭނުމެއް ނުވެޔޭ ރާދިން މިކޮޅަށް އަންނާކަށް. ޑޮކްޓަރުވެސް ބުނެފަ އޮތީ ސާރޖަރީގެ ކުރިން މައާލްއަށް ސްޓްރެސްވާ އެއްވެސް ކަމެއް ނުކުރަން. " މުނީރު ރާދިންގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ. އަދި އޭނާ ރާދިން އައުމަށް ބޭނުންނުވި ސަބަބުވެސް ހާމަކޮށްލިއެވެ.

"އަޅުގަނޑު ވެސް ބޭނުންވި މަޑުކުރަން. އެކަމަކު މައާލް ސާރޖަރީ ކުރަން ނިންމި ޚަބަރު ލިބުނީމަ ނުހުރެވުނީ. ކޮބާ މައާލް؟"" ރާދިންގެ އަޑުން ތެދުވެރިކަން މުނީރަށް އިޙްސާސްވެއެވެ.

"މިއަދު މައާލް އެޑްމިޓް ކޮށްފި. މައާލް ތަކުރާރުކޮށް ބުނި ރާދިން ހުންނަން ބޭނުން ނުވާ ވާހަކަ. ބައްޕަ ބޭނުން މައާލް ބޭނުންވާ ގޮތަށް މިކަންތައް ކޮށްދޭން. ރާދިން ހުންނަ ނަމަ މައާލް މާ ބޮޑަށް ކަންތައްތައް މަތިން ހަނދާންވާނެ، މި ޙާލަތުގައި ކަންތައްތަކާ މާ ބޮޑަށް ހާސްވެ ފިކުރުބޮޑުވުން ރަނގަޅެއް ނުވާނެ!" މުނީރު ރާދިންއަށް ވިސްނައިދިނެވެ.

"މައާލް އެގޮތް ބޭނުން ނުވާނަމަ މައާލްއަކަށް ނާންގާނަން މިކޮޅަށް އައިކަމެއް. އެކަމަކު އައި ވޯންޓު ބީ ވިތް ހާރ. ޕްލީޒް ޑޭޑް." އާދޭހުގެ ރާގެއްގައި ރާދިން ބުންޏެވެ. ރާދިން ބޭނުންނަމަ ބައްޕައާ ޒުވާބުކޮށްފައިވެސް މައާލްގެ ކައިރީގައި ހުރެވޭނެކަން މުނީރަށް އެނގެއެވެ. ކޮންމެ ގޮތަކަށް ކަންތައް ވީނަމަވެސް، ރާދިންއަކީ މައާލްގެ ފިރިމީހާއެވެ. އެހެންނަމަވެސް އެވަރު ކަމަކަށްވެސް ރާދިން މުނީރުގެ ބަހެއް ބޭނުންވުމުން ރާދިންގެ ބަދަލުވެފައިވާ މިޒާޖު އޭނާއަށް އަންދާޒާކޮށްލެވުނެވެ. އެ ދަރިފުޅުގެ އާދޭސްތަކަށް ބީރުކަންފަތެއް ދޭން އޭނާގެ ހިތް މިފަހަރު ދެކޮޅު ހެދިއެވެ. މައާލްއަށްޓަކާ ރަދިން ކަންބޮޑުވެފައިވާ މިންވަރު އޭނާއަށް ފެންނަމުން ދިޔައީތީއާވެސް އެކުގައެވެ.

"ހިނގާ ދާން." މުނީރު ބުނެލުމާއެކު، ރާދިންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ދުރުން ނަމަވެސް، މައާލްއަށް ބަލައިލެވުމުން ވެސް އޭނާގެ ހިތަށް ތަސައްލީއެއް ލިބޭނެއެވެ. މައާލް ދެކިލާހިތުން އޭނާގެ ހިތް ވަނީ ބޭޤަރާރުވެފައެވެ.

"ކޮން އިރަކު އައީ؟" ކާރަށް އަރާ އިނީނދެ ހަމަޖެހިލާފައި މުނީރު ސުވާލުކޮށްލިއެވެ.

"މިއަދު…" ރާދިން ކުރު ޖަވާބެއް ދިންއިރު އޭނާ މުނީރާ ހަތަރުކަޅި ހަމައެއް ނުކުރެއެވެ.

"އޮފީސް ކަންތައް ކިހިނެއް؟" މުނީރު އިތުރު ސުވާލެއްކޮށްލިއެވެ.

"ރަނގަޅު…" ރާދިން ޖަވާބު ދިނެވެ. ދައްކަން ބޭނުން ކިތަންމެ ވާހަކައެއް ހުރިނަަމަވެސް، ރާދިންއަށް އެއިން އެއްވެސް ވާހަކައެއް ފަށާނެ ގޮތެއް ނޭނގެއެވެ. އެހެންކަމުން އޭނާ ދިޔައީ މުނީރުގެ ކޮންމެ ސުވާލަކަށް ޖަވާބު ދެމުންނެވެ.

"ޑޮކްޓަރު ބުނި އިތުރު ކޮންޕްލިިކޭޝަންއެއް މިވަގުތު ނެތްކަމަށް. އަދި އޮޕްރޭޝަންއަށްފަހުވެސް މައްސަލައެއް ނޫޅޭނަމަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދޫކޮށްލާނެކަމަށް. އެކަމަކު ކޮންމެ ތިން މަހަކުން އެއް އަހަރު ދުވަސް ވަންދެން ކެޕްއަޕް ހަދަން މިކޮޅަށް އަންނަން ޖެހޭ." ރާދިން ހުރީ އެ ހުރިހާކަމެއް އެނގެން ބޭނުންވެފައިކަން މުނީރަށް އެނގުމާއެކު، އެ ސުވާލުތައް ނުކުރި ނަމަވެސް، މުނީރު އެ ކަންތައްތައް ރާދިންއަށް އޮޅުން ފިލުވައިދިނެވެ.

"ކުރީގެ ރިޕޯޓްތަކާ މި ފަހަރުގެ ޓެސްޓްތަކުގެ ރިޕޯޓްތައް އެއްވެސް ވަރަކަށް ދިމާނުވުން އެއީ މައްސަލައެއްނު." ރާދިން މުނީރަށް ބަލާލިއެވެ.

"ބައްޕަވެސް ހިތަށް އަރަނީ ތިހެން. އަނެއްކާ ހޮސްޕިޓަލުން ރިޕޯޓްތައް އޮޅުނީ ނޫންބާއޭ…" ރާދިންގެ ވާހަކައަށް މުނީރު ޖަވާބު ދިނެވެ. އޭނާގެ ހިތުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ އެއީއެވެ. އިތުރަށް ރާދިން ވާހަކަ ނުދައްކާތީ މުނީރުވެސް އެއްޗެއް ނުބުނެއެވެ. ހޮސްޕިޓަލާ ހިސާބަށް ދެވެންދެންވެސް އެ ދެމެދުގައި އޮތޯ ހިމޭންކަމެވެ.

މުނީރާ ރާދިންއާ ދެމީހުން ހޮސްޕިޓަލަށް ދިޔައީ އެކުއެކީގައެވެ. މައާލް އޮތް ކޮޓަރިއާ ހިސާބަށް އާދެވުމުން ރާދިން މަޑުޖެހިލިއެވެ.

"ނުވަންނާނަންތަ؟" ދޮރު ހުޅުވާލާފައި ނިދިފައި އޮތް މައާލްއަށް ބަލައިލުމަށްފަހު، މުނީރު ރާދިންއަށް ބަލާލިއެވެ.

"ނިދިފަ އޮތީ…" ރާދިން އެއްޗެއް ނުބުނެ ހުންނަން ފެށުމުން އެހިތުގައި ވަނީ ކީކޭކަން ދެނެގަނެވުނު ފަދައަކުން މުނީރު ރާދިންއަށް ބުނެލިއެވެ. ހަމަޖެހުމުގެ ނޭވާއެއްލަމުން ރާދިންވެސް މުނީރުގެ ފަހަތުން ވަދެލިއެވެ. ނިދިފައި އޮތް މައާލްގެ ކައިރީގައި ހުރި ގޮނޑީގައި ފޯނާ ކުޅެން އިން އެމާ ތެދުވެލިއެވެ. އެއަށްފަހު އޭނާ އެތަނުން ނުކުންނަން ހިނގައިގަތެވެ.

"އެމާ ގެއަށް ގޮސްލިޔަސް އެންމެ ރަނގަޅު. ޑްރައިވަރު ހުންނާނެ ތިރީގަ." މުނީރުގެ އަޑު ޖެހުމާއެކު އެމާ މަޑުޖެހިލާ މުނީރަށް ބަލާލިއެވެ. ޝުކުރު އަދާކޮށްފައި އޭނާ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ރާދިން ކަޅިވެސް ޖަހާނުލާ މައާލްއަށް ބަލަހައްޓައިގެން ހުންނަން ފެށިއިރު، އެ ދެލޮލުގައި ވި ވޭނާ ކެކުޅުމުގެ ސަބަބުން މުނީރަށް އުނދަގޫވިއެވެ. އެ ދެލޮލުގެ ތެރެއިން ވިދުމެއްގެ އަސަރު ފާޅުވުމާއެކު، ރާދިން ފެންކަޅިވީކަން އޭނާއަށް އެނގުނެވެ. ކިތަންމެ ހިތްވަރު ކުރިނަމަވެސް، ބަލިކަށިވަމުން ދިޔަ ރާދިން ފެނި އޭނާގެ ހިތުގައި ވި ކުލުނާއި ލޯބި، ރުޅިވެރިކަމުގެ މައްޗަށް ކުރި ހޯދައިފިއެވެ. ނަތީޖާއެއްގެ ގޮތުން ރާދިންއާ މެދު އެހިތް މަޑުކަފަކޮޅަކަށް ވެގެން ދިޔައެވެ. ކުރެވުނު ކުށުގެ ސަބަބުން ރާދިން ދެރަވެ ލަދުވެތިވެފައިވާ މިންވަރު މުނީރަށް އަންދާޒާކޮށްލެވުނެވެ.

"ބައްޕަ އެބަ އަންނަން." ރާދިންއަށް ވަގުތު ދޭންވެގެން މުނީރު އެހެން ބުނެލާފައި ނުކުމެލިއެވެ.

ދޮރުޖަހާލި އަޑު އިވި ރާދިން މަޑުމަޑުން މައާލް އޮތް އެނދާ ކައިރިވެލިއެވެ. ފަންއިސްތަށިގަނޑު މޫނުގެ އެއްފަރާތަކަށް ވެއްޓިފައިވާތީ އެ އިސްތަށިތައް ދުރުކޮށްލުމަށް ރާދިން އޭނާގެ އަތް ހަރަކާތްކޮށްލިނަމަވެސް، މަޑުޖެހުނީ މައާލްގެ ބަސްތައް ހަނދާންވެފައެވެ. އޭނާގެ މުޑުދާރު އަތުން މައާލްގެ ގައިގައި އަތް ނުލުމަށް މައާލް އޮތީ ބުނެފައެވެ. ދެ ވިސްނުމެއްގައި ހުރުމަށްފަހު، ގުދުވެލާފައި ރާދިން މައާލްގެ ނިތުގައި ބޮސް ދިނެވެ. އޯގާތެރިކަމާއި ލޯބިވެތި އެ ހަދިޔާގެ ހިލަމެއް ނުވާ ޙާލު ނިދިފައި އޮތް މައާލްގެ މޫނަށް ބަލާލުމާއެކު، އެ މައުސޫމްކަމުގެ ސަބަބުން ރާދިންގެ ހިތް އޭނާގެ އަތުން ވީއްލިގެން ދާން އުޅުނުހެން އޭނާއަށް ހީވިއެވެ. މައާލްގެ ކައިރީގައި ހުންނައިރު އޭނާއަށް އެ ވާ ގޮތްތަކަކީ އެހެން އަންހެން ކުއްޖަކު ފެނިގެން ދުވަހަކުވެސް ވާ ގޮތްތަކެއް ނޫނެވެ. ހިތް އެދެން ފެށީ އެ އަތުގެ ތެރޭގައި މައާލް ބޮނޑިކޮށްލުމަށެވެ. އެހެންނަމަވެސް ރާދިން ކެތްތެރިވިއެވެ.

ގޮނޑީގައި އިށީނުމާއެކު އޭނާ މައާލްގެ އަތުގައި ފިރުމާލިއެވެ. ނިދީގައި މައާލް ކުޑަކޮށް ހަރަކާތްކޮށްލުމާއެކު، އެ އަތް ދަމައިގަތް ރާދިންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. މައާލް ހޭނުލުމުން އޭނާއަށް ހަމަޖެހުން ލިބުނު ނަމަވެސް، އެ ހިތުގައި ވި ވޭނާ ކެކުޅުމަށް ބަދަލެއް ނާދެއެވެ. އެ ނާޒުކު އަންހެން ކުއްޖާ އޭނާގެ އަތުން ބީވަނީހެއްޔެެވެ؟ އެ ލޯބި އޭނާއަށް ގެއްލެނީ ހެއްޔެވެ؟ މައާލްގެ ފިރިމީހާގެ ގޮތުގައި އޭނާއަށް ހުރެވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ ސަޖާއާ ދުރުވުމަށްފަހު، އޭނާ ދެކުނު ހާވެސް ހުވަފެނަކީ މައާލްއާއެކު އުމުރު ދުވަހު ވަރަށް ވެސް އުފާވެރި ޙަޔާތެއް ވޭތުކުރުމެވެ. އޭނާގެ ފަރާތުން މައާލްއަށް ދެވުނު ހުރިހާ އަނިޔާތަކެއް ހަނދާން ނެތޭވަރަށް ލޯބި ދިނުމެވެ. އެހެންނަމަވެސް، މިއަދު އޭނާގެ ޙަޔާތުގައި ވަނީ މާޔޫސްކަމާއި ފަޅުކަމެވެ. ކުރެވުނު ކުށުގެ ސަބަބުން އޭނާގެ އަގު އެ ވަނީ މައާލްއާއި އޭނާގެ ބައްޕަގެ ކުރިމަތީގައިވެސް ވެއްޓިފައެވެ. އެ ދެމީހުންގެ އިތުބާރުވެސް އެވަނީ ގެއްލިފައެވެ. ގެއްލިއްްޖެ އިތުބާރެއްގެ މިސާލަކީ ތެޅިފައިވާ ބިއްލޫރިގަނޑެއްގެ މިސާލެކޭ ބުނާތީ އޭނާ އަޑު އަހައެވެ. ކިތަންމެ ވަރުގަދަ ތެރަހަކުން ތަތްކުރިނަމަވެސް، އޭގައި ލީ ރެނދުތައް ފިލައިގެން ނުދާނެއެވެ. ރާދިން އެންމެ ދެރަވަނީ އެހެންވެއެވެ. އޭނާ ކޮންމެ ވާހަކައެއް ކޮންމެ ގޮތަކަށް ދެއްކި ނަމަވެސް އަލުން ދެން މައާލްއަށް އޭނާއަށް ކުރިން ކުރި އިތުބާރެއް ނުކުރެވޭނެއެވެ. ކައިވެނީގެ މަތިވެރި ގުޅުމުގެ އެންމެ މުހިންމު އެއް އެއްޗަކީ ދެމަފިރިން އެކަކު އަނެކަކަށް ކުރާ އިތުބާރެވެ. އެ އިތުބާރު ގެއްލިއްޖެނަމަ ކައިވެނީގެ ގުޅުން ބަލިކަށިވާނެއެވެ. ލޯތްބާއި އަލާލުމާއި އޯގާތެރިކަން އެއީ އިތުބާރާ ގުޅި ލާމެހިފައިވާ އިޙްސާސްތަކެވެ.

"އައި އެމް ސޯ ސޮރީ… އެންމެ ޗާންސެއް ދޭނެ ނަމަވެސް އަހަރެން ސާބިތުކޮށްދޭނަން މައާލް ދެކެ އަހަރެން ވަނީ ހަޤީޤީ ލޯބިކަން. އަހަރެންގެ ހިތަކީ މައާލްގެ އެއްޗެއްކަން. މިހިތުގައިވާ ލޯބި އަހަރެން ބަޔާންކޮށްދޭނީ ކިހިނެއް؟ އަލުން އަހަންނަށް އިތުބާރުކުރުމަށް މައާލް ބޭނުންވަނީ ކޮން ކަމެއްތަ؟ އަހަރެންގެ ހިތް ނަގާފައި ދެއްކޭނެނަމަ." މައާލްއަށް ބަލަން އިނދެ ރާދިން އޭނާގެ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ. ރާދިން އެންމެ ދެރަވަނީ އޭނާގެ ސަބަބުން މައާލްގެ އުފާވެރިކަމަށް ހުރަސް އެޅުނީތީއެވެ. އަމިއްލަ ނަފްސަށް ވުރެވެސް ބޮޑަށް އޭނާ ދެރަވަނީ މައާލްގެ ދެލޮލުން އޮހޮރޭ ކަރުނަ ފެނުމުންނެވެ. އެ ވޭނީ ޝަކުވާތަކުގެ އަޑު މިހާރުވެސް އޭނާގެ ކަންފަތުގައި ގުގުމާފަދައެވެ.

އަމިއްލަ ޖަޒުބާތުތައް ކޮންޓްރޯލް ކުރަން އުނދަގޫވި ރާދިން، ނަރުސްކުއްޖާ އައުމުން ކޮޓަރިން ނުކުމެލިއެވެ. އޭރު މީހުންނަށް އިށީނދެވޭ ގޮތަށް ސޯފާތައް ބަހައްޓާފައި ހުރި އޭރިޔާގައި މުނީރު މަޑުކޮށްލައިގެން އިނެވެ. ރާދިން މަޑުމަޑުން އެ ދިމާލަށް ހިނގައިގަތެވެ.

"ނަރުސްކުއްޖަކު ވަނީމަ މި ނުކުތީ." ރާދިން އެތަނުން ސޯފާއެއްގައި އިށީނދެލިއެވެ. ހަޤީގަތުގައި އޭނާ މުނީރުއާ ދައްކަން ބޭނުންވާ ބައިވަރު ވާހަކަ އެބަ ހުއްޓެވެ. އެހެންނަމަވެސް، ވާހަކަ ފަށާނެ ގޮތެއް ނޭނގި ރާދިންއަށް އިނދެވުނީއެވެ. ބައްޕަގެ ކުރިމަތީގައި އިންނަން ވުމުން ލަދުވެތިކަން އޭނާއަށް އިޙްސާސްވަމުން ދިޔައެވެ. އިސްޖަހާލައިގެން އިން ރާދިންއަށް ބަލާލަމުން މުނީރު ރާދިންއަށް ގޮވާލިއެވެ.

"ރާދިން…" ފުން ނަޒަރަކުން އޭނާ ދިޔައީ ރާދިންއަށް ބަލަމުންނެވެ. މުނީރުގެ މޫނުމަތިން ފެންނަނީ އޭނާ ބޮޑު ވާހަކައެއް ބުނަން އުޅޭ ފަދަ އަސަރުތަކެކެވެ. ރާދިން މުނީރަށް ބަލާލަމުން އިޖާބަ ދިނުމާއެކު މުނީރު ވާހަކަ ދެއްކިއެވެ.

"އެ އަންހެން ކުއްޖާ ކޮބާ؟" މުނީރު އެ ދައްކަނީ ކާކުގެ ވާހަކައެއްކަން ރާދިންއަށް އެނގެއެވެ.

"މީ… ނޭނގެ… މާލެ… މާލޭގައި…" މުނީރު އޭނާއަށް ބަލަން އިންގޮތުން ރާދިން ޖެހިލުންވިއެވެ. އެހެންކަމުން ވާހަކަ ދެއްކުނީވެސް އަޅައަޅައިގަންނަމުންނެވެ.

"އެ އަންހެން ކުއްޖާއާ ދިމައެއް ނުވޭތަ؟ ވާހަކައެއް ނުދެކެވޭތަ؟" މުނީރުގެ ދެވަނަ ސުވާލާއެކު، ރާދިންގެ ހާސްކަން ދެގުނަ ވެގެން ދިޔައެވެ. މުނީރު ބުނަން އެ އުޅެނީ ކީކޭކަން ލަފާކޮށްލާކަށްވެސް އޭނާއަކަށް ނޭނގުނެވެ.

"ދިމާވި… މީ.. އަނެއް…" ދުލުގައި ބަރު އެއްޗެއް އައްސާފައި އޮތްހެން ރާދިންއަށް ހީވިއެވެ. އުނދަގުލުންނަމަވެސް، އޭނާ ސަޖާ ދިމާވިކަމުގައި ބުނެލިއެވެ. އެ ވާހަކައާއެކު މުނީރު ދެން ބުނެލި އެއްޗަކުން، ރާދިންއަށް ލިބުނު ޝޮކާއެކު އޭނާގެ ހިތުގެ ހިނގުން ވެސް މަޑުޖެހިލިއެވެ.

"ބައްޕާ… ކީ… ކީކޭ؟" ރާދިންއަށް ބުނެވުނެވެ.

(ނުނިމޭ)