26 Nov 2023, 08:00
ޔޫރަޕް އިއްތިހާދުން އެއްބަސްނުވިޔަސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެއެވެ.
މިޑްލް އީސްޓް މޮނިޓާއިން ރިޕޯޓުކޮށްފައިވާ ގޮތުން ސަންޗޭޒް މިހެން ވިދާޅުވީ ޣައްޒާއާ މިސްރު ގުޅޭ ރަފަޙް ބޯޑަރުގެ މިސްރު ފަޅީގައި ހުންނަވާ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަކީ ކުރިއަށް އޮތް ދައުރުގައި އިސްކަންދޭނެ ކަމެއް ކަމަށް ސްޕެއިންއަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ސަންޗޭޒް ވަނީ ވައުދުވެވަޑައިގެންފައެވެ.
ސަންޗޭޒް މިސްރަށާއި ފަލަސްތީނަށް ކުރެއްވި ދަތުރުފުޅުގައި ބެލްޖިއަމްގެ ބޮޑުވަޒީރު، އެލެގްޒެންޑަރު ޑި ކްރޫ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ދަތުރުފުޅުގައި ދެ ލީޑަރުން ވެސް ވަނީ ޣައްޒާގެ އާންމުން ރައްކާތެރިކޮށް ބައިނަލްއަޤުވާމީ އިންސާނީ ގާނޫނަށް އިސްރާއީލުން އިހުތިރާމް ކުރުމަށް ގޮވައިލައްވައިފައެވެ.
ސަންޗޭޒާއި އެލްގެޒެންޑާ ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުތަކަށް ފަހު، އިސްރާއީލުގެ ޚާރިޖީ ވަޒީރު އެލީ ކޯހެން ވަނީ ތެލް އަވީވްގައި ތިބި ސްޕެއިން އާއި ބެލްޖިއަމްގެ ސަފީރުންނަށް ފާޑުވިދާޅުވެފައެވެ.
"ޓެރަރިޒަމަށް ތާއީދުކުރާ ސްޕެއިނާއި ބެލްޖިއަމްގެ ބޮޑުވަޒީރުންގެ ދޮގު ވާހަކަތައް އަޅުގަނޑުމެން ކުށްވެރި ކުރަން،" ދެ ގައުމުގެ ލީޑަރުން ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވައި އިސްރާއީލުގެ ދިފާއުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ގައުމުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ބައިނަލްއަޤުވާމީ ގާނޫނުތަކަށް ތަބާނުވެ، ކުށެއް ނެތް އެތައް ހާސް ކުދިންނެއް އިސްރާއީލުން މަރާލާފައިވާ ކަމަށް ސަންޗޭޒް ވިދާޅުވިއެވެ.
ބެލްޖިއަމުން ފަލަސްތީނު ދައުލަތް ބަލައިގަތުމުގެ ކުރިން ހަމާސްގެ ބެލުމުގެ ދަށަށް ގެންގޮސްފައި ތިބި މީހުން މިނިވަންކޮށް، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވަން ޖެހޭނެ ކަމަށް އެލްގްޒެންޑާ ވިދާޅުވިއެވެ.
ޔޫރަޕް އިއްތިހާދުގައި މި ވަގުތު ތިބި 27 މެންބަރު ގައުމުގެ ތެރެއިން ނުވަ ގައުމަކުން ފަލަސްތީނު ދައުލަތް ވަނީ ބަލައިގެންފައެވެ. ޔޫރަޕް އިއްތިހާދު ގައުމެއް ގޮތުގައި އޮވެ ފަލަސްތީނު ދައުލަތް އެންމެ ފުރަތަމަ ބަލައިގަތީ 2014 ވަނަ އަހަރު ސްވިޑެން އިންނެވެ.