އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، އަސީރުން މިނިވަން ކުރުމަށް ހަތަރު ދުވަހުގެ މުއްދަތަށް މެދުކަނޑާލާފައި އޮތް ހަނގުރާމަ ދެން ފަށާނީ މާ ވަރުގަދަކޮށް ކަމަށް އިސްރާއީލުގެ އަސްކަރީ ވަޒީރު ޔޯއަވް ގަލަންޓް ވިދާޅުވެއްޖެއެވެ.

ގަލަންޓް މިހެން ވިދާޅުވީ ތެލް އަވީވްގައި ހުންނަ އިސްރާއީލުގެ އަސްކަރީ ވުޒާރާގެ މައި މަރުކަޒުގައި އިޓަލީގެ ގިޑޯ ކްރޮސެޓޯއާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

"ކުރު މެދުކެނޑުމަކަށް ފަހު އަޅުގަނޑުމެން ފުރިހަމަ އަސްކަރީ ބާރާ އެކު އަލުން މަސައްކަތް ފަށާނަން. އަމާޒުތައް ހާސިލި ކުރެވެންދެން ހުއްޓައިނުލާނަން. އަމާޒަކީ ހަމާސް ނައްތައިލުމާއި ޣައްޒާއިން ރަހީނުކޮށްފައިވާ މީހުން އިސްރާއީލަށް އަނބުރާ ގެންދިއުން. ޖުމުލަ 240 ރަހީނުން ހަމާސްގެ ބެލުމުގެ ދަށުގައި ތިބިއިރު މިއީ ބަލައިނުގަނެވޭނެ ކަމެއް." ގަލަންޓް ވިދާޅުވިއެވެ.

އަދި، ސަރަހައްދީ ހަނގުރާމައަކަށް ޝައުގުވެރިކަމެއް ނެތް ކަމަށާއި ބޭނުންވަނީ ދުޝްމަނުން ބަލިކުރަން ކަމުގައި ވެސް ގަލަންޓު ވިދާޅުވިއެވެ.

ޔަހޫދީ އިސްރާއީލު ސިފައިންނާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސްއާ ދެމެދު ހަތަރު ދުވަހުގެ މުއްދަތަށް ހަމަލާތައް މެދުކަނޑާލާފައި ވަނީ ހުކުރު ދުވަހު ހެނދުނެވެ. ހަމަލާތައް މެދުކަނޑާލަން ދެ ފަރާތުން އެއްބަސްވީ ދެ ފަރާތުގެ ބެލުމުގެ ދަށުގައިތިބި މީހުންނާއި ޖަލުގައިތިބި ގައިދީން މިނިވަން ކުރުމަށް ޝަރުތުކުރުމަށް ފަހުއެވެ. ހަނގުރާމައަށް ހަތް ހަފުތާވެފައި ވަނިކޮށް ހަމަލާތައް މެދުކަނޑައިލީ ޤަތަރާއި، މިސްރު އަދި އެމެރިކާ މެދުވެރިވެގެންނެވެ.

ހަމަލާތައް މެދުކަނޑާލާފައި އޮންނަ މުއްދަތުގައި ޣައްޒާގެ އާންމުންނަށް ބޭނުންވާ އިންސާނި އެހީ ފޯރުކޮށްދިނުމަށް އިސްރާއީލަށް އެއްވެސް ހުރަހެއް ނޭޅޭނެއެވެ. މިއާ އެކު ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭން ހުކުރު ދުވަހު ވަނީ ފަށާފާއެވެ. އަދި، ހަމަލާތައް މެދުކަނޑާލާފައި އޮންނަ ހަތަރު ދުވަސް ތެރޭގައި ދުވާލަކު 200 އަށް ވުރެ ގިނަ އެހީގެ ޓްރަކް ޣައްޒާއަށް ވަންނާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ޔަހޫދީ އިސްރާއީލުން ޣައްޒާގައި ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި ގާތްގަޑަކަށް 15،000 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.