21 May 2012, 20:02
ސަރުކާރުގެ އިސްނެގުމަކަށް ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުވެގެން ފެށި އޯލްޕާޓީ ޓޯކްސްގެ މިއަދުގެ ބައްދަލުވުމުގައި، މަޝްވަރާކުރާނޭ މައްސަލަތަކުގެ އެޖެންޑާ ތަރުތީބަކާ މެދު ޕާޓީތަކަށް އެއްބަސްވުމަކަށް އާދެވިއްޖެ އެވެ.
އޯލް ޕާޓީ ޓޯކްސްގެ ނުވަ ބައްދަލުވުމެއް މިހާތަނަށް ބޭއްވި އިރު އެ ބައްދަލުވުންތައް ނިންމާލަންޖެހުނީ މާބޮޑަތި ނަތީޖާތަކެއް ނުނިކުމެ އެވެ. މީގެ ކުރިން ޕާޓީތަކަށް ހަމަ އެކަނި އެއްބަސްވެވުނީ މަޝްވަރާކުރާނޭ މައްސަލަތަކަކާ މެދު އެވެ.
މަޝްވަރާތަކަށް ފަހު ވާހަކަތަކުގެ މޮޑަރޭޓާ އަހުމަދު މުޖުތަބާ މީޑިޔާތަކަށް މިއަދު ވިދާޅުވީ އެޖެންޑާގައި އޮތް ހަ އައިޓަމްގެ ތެރެއިން އެންމެ ފުރަތަމަ މަޝްވަރާކުރުމަށް އެއްބަސްވެވުނީ ރާއްޖޭގައި ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުމާ މެދު ކަމަށާއި އެންމެ ފަހުން މަޝްވަރާކުރުމަށް އެއްބަސްވެވުނީ ރިޔާސީ އިންތިހާބެއް ބާއްވާނޭ ތާރީހަކާއި މެދު ކަމަށެވެ.
ދެން އެންމެ އިސްކަމެއް ދޭން އެއްބަސްވީ ރާއްޖޭގެ ބަޖެޓްގެ ހާލަތާއި މިނިވަން މުއައްސަސާތަކުގެ މަގާމުތައް ބަދަލުކުރުމާއި އިސްލާހު ކުރަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތައް އިސްލާހުކުރުމަށް މަޝްވަރާކުރުމަށެވެ. އަދި އަލަށް އެކުލަވާލަންޖެހޭ ގާނޫނުތަކާ ގަވާއިދުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށްވެސް އެއްބަސްވި އެވެ.
މުޖުތަބާ ވިދާޅުވީ ދެން ބާއްވާ މަޝްވަރާތައް ޖެހިޖެހިގެން ތިން ދުވަހު ބޭއްވުމަށާއި އެ ބައްދަލުވުންތައްވެސް ސިއްރުކުރުމަށް ޕާޓީތަކުން އެއްބަސްވި ކަމަށެވެ. އަދި ވިދާޅުވީ މަޝްވަރާތަކެއް ދެން ބާއްވާނީ އަންނަ ހަފުތާ ބަންދުގައި ކަމަށެވެ.
"އަޅުގަނޑު އުންމީދު ކުރަނީ ދެން ވާހަކަތައް އަނެއްކާވެސް އަންނަ ހަފްތާބަންދުގައި، ނުވަތަ ދެން ޖެހިގެން އަންނަ ހަފްތާ ބަންދެއްގައި ބޭއްވޭނަ ކަމަށް، މިއަދުގެ ބައްދަލުވުން ވަރަށް ޕޮޒިޓިވް ކޮށް މިދިޔައީ، މިއޮތް ހުރިހާ ދުވަހު އެއްގަލަކަށް ނޭރިފައި އޮތް ކަމަކަށް އެންމެ ގަޑިއިރެއް ތެރޭ އެއްގަލަކަށް މި އެރުނީ،" މުޖުތަބާ ވިދާޅުވި އެވެ.
އެންމެ ފަހުން ބޭއްވި މަޝްވަރާތައް ހުއްޓާލަން ޖެހުނީ މަޝްވަރާތަކުގައި އެމްޑީޕީ ތަމްސީލްކުރާ ބޭފުޅުންގެ ގާނޫނީ ހައިސިއްޔަތާ މެދު އެހެން ޕާޓީތަކުން ގާނޫނީ ސުވާލުތަކެއް ފެންމަތިކުރައްވަމުން ގެންދެވުމުންނެވެ.
ބައްދަލުވުމަށް ފަހު އެމްޑީޕީގެ މަންދޫބު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު މީޑިޔާތަކަށް މިއަދު ވިދާޅުވީ އަވަސް އިންތިހާބުގެ ތާރީހާ މެދު މަޝްވަރާކުރުން ފަހަށް ބާއްވާ ގިނަ ޕާޓީތަކުން އެއްބަސްވާގޮތަކަށް އެޖެންޑާ ތަރުތީބު ކުރަން އެ ޕާޓީން އެއްބަސްވި ކަމަށެވެ.
"އަޅުގަނޑު މިއަދު ވަރަށް އުފާވެއްޖެ، އަޅުގަނޑުމެން މިއަދު މި ބުނީ ގިނަ ޕާޓީތަކަކުން ބޭނުންވާ ގޮތަކަށް ތިބޭފުޅުން އެޖެންޑާ ތަރުތީބު ކުރައްވާށޭ އަޅުގަނޑުމެން ހަމަ ތައްޔާރޭ މަޝްވަރާކުރަން، އަޅުގަނޑަށް ހީވަނީ މިއަދު އަޅުގަނޑުމެން މިހާތަނަށް މިތިބި ސިޔާސީ ޑެޑް ލޮކުން އަޅުގަނޑުމެންނަށް އެންމެ ފަހުން ސަލާމަތް ވެވިއްޖެ،" ހާމިދު ވިދާޅުވި އެވެ.
މީގެ ކުރިން ބޭއްވި އޯލްޕާޓީ ޓޯކްސްގެ ބައްދަލުވުންތައް ހޫނުވެ ނިންމާލަންޖެހުނީ އަވަސް އިންތިހާބަކުގެ ވާހަކަ އެޖެންޑާގައި ހިމެނުމަށް އެމްޑީޕީ ބޭނުން ވުމުންނެވެ. ނަމަވެސް އެހެން ޕާޓީތަކުން ބޭނުންވީ އެންމެ ފުރަތަމަ އެހެން މައްސަލަތަކާ މެދު މަޝްވަރާ ކުރުމަށެވެ.