އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމާއި ޕީއެންސީން އެކުގައި ވާދަކުރަން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައި ވަނީ މިރޭ ބޭއްވި ޕީޕީއެމްގެ ސެނެޓު ބައްދަލުވުމުގައެވެ.

އެ ޕާޓީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން، ދެ ޕާޓީން އެކުގައި އިންތިޚާބުގައި ވާދަކުރުމަށް ފާސްކޮށްފައިވަނީ ސެނެޓު މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި ދެންހުރި ކަންކަން ނިންމާނީ ދެ ޕާޓީގެ ޖޮއިންޓް ސެނެޓުން ކަމަށް ވެސް ވަނީ ނިންމައިފައެވެ.

ޕީއެންސީ އުފެދުނީންސުރެ ޕީޕީއެމާއެކު، ދެ ޕާޓީން އަންނަނީ އިންތިޚާބުތަކުގައި އެކުގައި ވާދަ ކުރަމުންނެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވާދަކުރެއްވީ ޕީއެންސީގެ ޓިކެޓުގައި، އެ ދެ ޕާޓީ އެކުލެވިގެންވާ ކޯލިޝަން ކެންޑިޑޭޓެއްގެ ގޮތުގައެވެ. ނަމަވެސް މިމަހުގެ 17ގައި ރައީސް މުއިއްޒު ހުވާ ކުރެއްވިތާ މާ ގިނަ ދުވަހެއް ނުވެ ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ.

އޭގެ ސަބަބުގެ ގޮތުގައި ޔާމީންގެ އަރިސް ބޭފުޅުން ވިދާޅުވަނީ، އެ މަނިކުފާނާއި ރައީސް މުއިއްޒުގެ ގުޅުން ހީނަރުވުމެވެ. އެގޮތުން ޔާމީން ގުޅުއްވުމުން ރައީސް މުއިއްޒު ފޯނު ނުނަންގަވާ ކަމަށާއި، ގައުމު ހިންގެވުމުގައި އެމަނިކުފާނުގެ ލަފައާ މަޝްވަރާ ނުހޯއްދަވާ ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.

ސަރުކާރުގެ ކެބިނެޓާއި ރައީސް ޔާމީނުގެ އެންމެ އަރިސް އެއްބޭފުޅާ ކަމަށްވާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ރައީސް މުއިއްޒުގެ ދިފާއުގައި ނުކުންނަވާފައެވެ. އަދި ކޯލިޝަން ޕާޓުނަރު ކަމަށްވާ އެމްއެންޕީން ވެސް ވަނީ ސަރުކާރު ދިފާއު ކޮށްފައެވެ.

ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައިފައެވެ.