ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަލަށް އުފައްދަވާ ޕާޓީގެ ނަމަކީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ކަން އިއުލާންކޮށްފިއެވެ.

އެކްސްގައި ޕީއެންއެފްގެ އެކައުންޓެއް މިހާރު ހުޅުވާފައިވާއިރު، އެ ޕާޓީގެ ކުލައެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ދަނބު ކުލައެވެ. އެއީ ރައީސް ޔާމީން ޕީޕީއެމާ ގުޅިވަޑައިގަތުމުގެ ކުރިން، 2008ގައި އުފެއްދެވި ޕީޕަލްސް އެލަޔަންސް ޕާޓީގެ ވެސް ކުލައެވެ.

އެ ޕާޓީގެ ލޯގޯ ވެސް މިހާރު އާންމުކޮށްފައިވާއިރު، ލޯގޯގެ ފަރުމާއާ ބެހޭ ގޮތުން ޕާޓީން މިހާތަނަށް ތަފްސީލް ހާމަކޮށްފައެއްނުވެއެވެ.

ރައީސް ޔާމީން އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވީ، އެ މަނިކުފާނު އިސްކޮށް ހުންނެވި ޕީޕީއެމާއި، އެ މަނިކުފާނު 2018ގައި އުފެއްދެވި ޕީއެންސީ ދޫކުރެއްވުމަށް ފަހުގައެވެ.

ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވަން ނިންމަވައިފައިވާކަން އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލް އަހްމަދު އިއުލާން ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޔާމީން ޕާޓީ ދޫކުރައްވަން ނިންމެވި މައިގަނޑު ސަބަބުގެ ގޮތުގައި ޖަމީލް ފާހަގަކުރެއްވީ، އެ މަނިކުފާނު ޕީޕީއެމާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އެންޑޯސްކުރެއްވި ރައީސް ޑރ. މުޙައްމަދު މުއިއްޒާ ގުޅުން ކެނޑުމެވެ.

ޖަމީލް ވިދާޅުވެފައިވާ ގޮތުގައި، ވެރިކަމަށް ހޮވިވަޑައިގަތް ފަހުން މިހާތަނަށް ރައީސް ޔާމީން ކުރެއްވި އެއްވެސް ފޯނު ކޯލަކަށް ރައީސް ޑރ. މުއިއްޒު ޖަވާބު ނުދެއްވައެވެ.

ރައީސް ޔާމީންގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނެވި ޑީއާރުޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު، ޔާމީން އުފެއްދެވި ފުރަތަމަ ޕާޓީ ކަމަށްވާ ޕީއޭ ވަނީ 2013ގައި އުވާލާފައެވެ.

ޕީއޭއަށް ފަހު ޔާމީން، މައުމޫންގެ ޕީޕީއެމާ ގުޅިވަޑައިގެން، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ރައީސްކަން ކާމިޔާބު ކުރެއްވިއެވެ. ނަމަވެސް ޔާމީނާއި މައުމޫނާ ދެމެދު ޚިޔާލު ތަފާތުވުން ބޮޑުވެ، ޕީޕީއެމްގެ މިލްކުވެރިކަމާ މެދު ގާނޫނީ ބަހުސަކަށް ދިޔައެވެ. ޔާމީން އެ މަނިކުފާނުގެ ދެވަނަ ޕާޓީ ޕީއެންސީ އުފެއްދެވީ އެހާ ހިސާބުންނެވެ.

އޭގެ ފަހުން މައުމޫން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން، މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި އެހެން އަމިއްލަފުޅު ޕާޓީއެއް އުފައްދަވާފައެވެ.

ޕްރޮގްރެސިވް ނެޝަނަލް ކޯލިޝަންގެ ކެންޑިޑޭޓްގެ ގޮތުގައި ޔާމީން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން މަސައްކަތް ކުރެއްވި ނަމަވެސް، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެ މަނިކުފާނަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމިއެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕޭން ތެރޭގައި އެ މަނިކުފާނު ވަނީ، އެ މަނިކުފާނުގެ ވެރިކަމުގައި ޔާމީން މިނިވަން ވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ރައީސް މުއިއްޒު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަރިހުގައި ފުރަތަމަ އެދިވަޑައިގަތީ ވެސް ޔާމީން ޖަލުން ގެކޮޅަށް ބަދަލުކުރުމަށެވެ.

ކްރިމިނަލް ކޯޓުންވަނީ މިދިޔަ ޑިސެމްބަރު 25ގައި ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލަތާ ގުޅިގެންނެވެ.