ޝިކާގޯ (މޭ 21): އަފްޣާނިސްތާނުގައި ނޭޓޯ ގެންގުޅޭ ސްޓްރެޓެޖީއަށް ދުނިޔޭގެ ޤައުމުތަކުން ތާއީދުކުރާ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެވެ. ޝިކާގޯގައި ކުރިޔަށްދާ ނޭޓޯގެ ޤައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ އަފްޣާނިސްތާނުގައި އެމެރިކާ ގެންގުޅޭ ސްޓްރެޓެޖީ ކާމިޔާބު ކަމަށާއި ނަމަވެސް އަފްޣާނިސްތާނުގައި ނޭޓޯއަށް އޮތީ އުނދަގޫ ދުވަސްތަކެއް ކަމުގަ އެވެ.

އަފްޣާނިސްތާނުގައި ނޭޓޯ މިހާރު ގެންގުޅޭ ސްޓްރެޓެޖީ ބިނާވެފައި ވަނީ އެޤައުމުގެ އަމްނުބެލެހެއްޓުމުގެ ކަންތައް އަފްޣާން ސަލާމަތީ ބާރުތަކަށް ބެލެހެއްޓޭ މިންވަރަށް އެބާރުތައް އަހުލުވެރިކުރުވުމަށްފަހު 2014 ވަނަ އަހަރު ނިމުމުގެކުރިން ނޭޓޯގެ ހުރިހާ ސިފައިން އެޤައުމުން ބޭލުމަށެވެ. އަފްޣާނިސްތާނުގައި ނޭޓޯގެ 130 ހާސް ސިފައިން މިހާރު ޙަރަކާތްތެރިވެއެވެ. 2001 ވަނަ އަހަރުން ފެށިގެން އަފްޣާނިސްތާނުގައި ނޭޓޯގެ ދޮޅުލައްކައެއްހާ ސިފައިން (އެމެރިކާ ސިފައިންވެސް ހިމެނޭގޮތަށް) ޙަރަކާތްތެރިވަމުން ދިޔަނަމަވެސް ތާލިބާނުންގެ މައްޗަށް ޢަސްކަރީ ގޮތުން ކާމިޔާބު ހޯދުމުގައި ނޭޓޯވަނީ ފޭލްވެފައެވެ.

2001 ވަނަ އަހަރު ނޭޓޯއިން އަފްޣާނިސްތާނަށް އަރައިގަތުމަށްފަހު ތާލިބާނުންގެ ސަރުކާރު ވައްޓާލައި ހުޅަނގުގެ މަދަދުލިބޭ ސަރުކާރެއް އެޤައުމުގައި ޤާއިމްކުރިނަމަވެސް އަފްޣާނިސްތާނަށް ސުލްޙަ ގެނައުމުގައާއި އަފްޣާނިސްތާން ބިނާކޮށް އާރާސްތުކުރުމުގައި ނޭޓޯވަނީ ނާކާމިޔާބުވެފައެވެ. ނަމަވެސް އަފްޣާނިސްތާނުގައި ބިނާކޮށްފައިވާ ނޭޓޯއަށް ބޯލަނބާ ސަރުކާރު ވެއްޓުމުން ސަލާމަތްކުރުމުގައި ނޭޓޯ ކާމިޔާބު ހޯދާފައިވެއެވެ. އޮބާމާގެ ވާހަކާގައި ނޭޓޯއަކީ މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ ކާމިޔާބު އަދި އެންމެ ބާރުގަދަ ޖަމާއަތްކަމަށް ސިފަކުރެއްވިއެވެ.

ޝިކާގޯގައި އިއްޔެ ފެށުނު ނޭޓޯގެ ސަމިޓްގައި ނޭޓޯގެ ޤައުމުތަކުގެ އިސްވެރިންގެ އިތުރުން އެޖަމާއަތާއެކު ޢަސްކަރީ ގުޅުންތައްބާއްވާ ޤައުމުތަކުގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ނޭޓޯގެ ސަމިޓްގެ އެޖެންޑާގެ އެންމެކުރީގައި އަފްޣާނިސްތާނާބެހޭގޮތުން ނޭޓޯއިން ކަނޑައަޅާފައިވާ ސްޓްރެޓެޖީ އިތުރަށް ބަލައި ދިރާސާކުރުން ހިމެނެއެވެ.

އަފްޣާނިސްތާނުގައި ނޭޓޯ މިހާރު ގެންގުޅޭ ސްޓްރެޓެޖީ ބިނާވެފައިވަނީ 2014 ނިމުމުގެ ކުރިން އެޤައުމުން ފާބައި އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމްކުރެވޭވަރަށް އެޤައުމުގެ ސަލާމަތީ ބާރުތައް ބިނާކޮށްދިނުމަށް ކަމަށްވިޔަސް ތާލިބާނުންގެ އަތުން ހަތިޔާރު ނިގުޅައިގަނެ އެޖަމާއަތް ޢަސްކަރީ ޖަމާއަތަކުން ސިޔާސީ ޖަމާއަތަކަށް ހެދުމާއި ހުޅަނގުގެ ނުފޫޒުހިނގާ އަދި ހުޅަނގަށް ބޯލަނބާ ޤައުމެއްގެ ގޮތުގައި އަފްޣާނިސްތާން ބޭއްވުމަކީވެސް ނޭޓޯގެ ސްޓްރެޓެޖީގައި ހިމެނޭ ކަމެކެވެ. ހުޅަނގަށް ބޯލަނބާ ޤައުމެއްގެ ގޮތުގައި އަފްޣާނިސްތާން ބޭއްވުމުގެ ކަންތައް ނޭޓޯއިން ކުރިޔަށް ގެންދިޔުމަށް ރާވާފައިވަނީ ރަޙްމަތްތެރިކަމާއި އެއްބާރުލުމުގެ ސްޓްރެޓީޖިކް އެއްބަސްވުންތަކެއް ނޭޓޯގެ އިތުރުން އެމެރިކާފަދަ ނޭޓޯގެ ބޮޑެތި ޤައުމުތަކާއި އަފްޣާން ސަރުކާރާ ދެމެދު ކޮށްގެންނެވެ.

ސުލްޙައަށް ލޯބިކުރާ ފަރާތްތަކުން ގެންދަނީ ދުނިޔޭގައިވާ އެންމެބޮޑު ހަނގުރާމަވެރި ޖަމާއަތްކަމަށްވާ ނޭޓޯއާ ދެކޮޅަށް ޝިކާގޯގައި މުޒާހަރާކުރަމުންނެވެ. ނޭޓޯއަކީ ދުނިޔޭގައި ހަމަނުޖެހުން ހިންގައި ހަނގުރާމަތަކާއި ތަޅާފޮޅުންތައް ކުރިޔަށްގެންދާ އަނިޔާވެރި ޖަމާއަތެއްކަމަށް މުޒާހަރާކުރާ މީހުންގެންދަނީ ސިފަކުރަމުންނެވެ. އަދި ނޭޓޯގެ ޤައުމުތަކުގެ ލީޑަރުންނަކީ އަފްޣާނިސްތާނާއި ޕާކިސްތާންފަދަ ޤައުމުތަކުގެ ކުށެއްނެތް އެތަށްހާސްބަޔެއްގެ ލެއިން ތަތްތެޅިފައިވާ ޓެރަރިސްޓް ޖަމާއަތެއްކަމަށްބުނެ ނޭޓޯގެ ޤައުމުތަކުގެ ލީޑަރުން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ޙާޒިރުކުރުމަށްވެސް މުޒަހަރާކުރާ ފަރާތްތަކުންވަނީ ގޮވާލާފައެވެ. އެމެރިކާގެ ފުލުހުން، ނޭޓޯގެ ސަމިޓާ ދެކޮޅަށް މުޒާހަރަކުރި ސުލްހައިގެ އެކްޓިވިސްޓުންގެ އެތަށްބަޔަކު ހައްޔަރުކޮށް މުޒާހަރާ ރޫޅާލާފައިވާ ކަމަށްވެސް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)