ތެހެރާން (25 ނޮވެންބަރު 2023): ހުރުމުޒު ކަނޑުއޮޅު ހުރަސްކޮށް ގަލްފުގެ ސަރަހައްދަށް ވަންނަ އާގު ބޯޓުތައް ބަލައި ފާސް ކުރަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ޕާލަމެންޓްގެ ނައިބު ރައީސް މުޖުތަބާ ޒުއްނޫރީ ވިދާޅުވިގޮތުގައި ހުރުމުޒު ކަނޑުއޮޅު ހުރަސްކޮށް ގަލްފުގެ ސަރަހައްދަށް ވަންނަ އާގު ބޯޓުތަކުގެ ތެރެއިން އީރާނުގެ ގައުމީ ސަލާމަތަށް ނުރައްކާވާނެކަމަށް ބެލެވޭ ބޯޓުތައް ބަލައި ފާސްކުރުމުގެ ހައްގު އީރާނަށް އޮންނާނެއެވެ. އަދި އެކަން ކުރަން ބޭނުންވެއްޖެ ހާލަތްތަކުގައި އީރާނުން އެކަން ކުރާނެއެވެ.

މުޖުތަބާގެ ވާހަކަތައް މި އިޝާރާތް ކުރައްވަނީ ހަތިޔާރު ހިފައިގެން ގަލްފުގެ ސަރަހައްދަށް ވަންނަ އާގު ބޯޓުތަކަށް ކަމަށް މުރާސިލުން ބުނެއެވެ. މިއީ ޔަމަންގައި ވެރިކަންކުރާ ހޫޘީންނަށް އީރާން ފޮނުވާ ހަތިޔާރު ހިފައިގެން އަރަބި ކަނޑު ހުރަސްކޮށް ޔަމަންގެ ބަނދަރުތަކަށް ވަންނަ އާގު ބޯޓުތަކަށް އެމެރިކާ ހުރަސްއަޅައި އެމެރިކާ ސިފައިން ބައެއް ހާލަތަތްތަކުގައި އެބޯޓުތައް ބަލައި ފާސްކޮށް އެބޯޓުތައް ހިފަހައްޓާތީ ނޫނީ އޭގައިވާ ހަތިޔާރުތައް އަތުލައިގަންނާތީ އެކަމަށް ބަދަލުހިފުމުގެ ގޮތުން ދިން އިންޒާރެއްކަމަށްވެސް މުރާސިލުން ސިފަކުރެއެވެ.

ގަލްފުގެ ސަރަހައްދުތަކަށް އެތެރެކުރާ އެމެރިކާގެ ހަތިޔާރު ނޫނީ އަސްކަރީ ސާމާނު ހިފައިގެން ދަތުރުކުރާ އާގު ބޯޓުތައް ބަލައި ފާސްކުރުމަކީ އަދި އެފަދަ ބޯޓުތައް ހިފެހެެއްޓުމަކީ އީރާނުން ކޮށްފާނެކަމެއް ކަމަށް މިއިންޒާރުން ބެލެވެއެވެ.

އީރާނުގެ ތެޔޮ ހިފައިގެން މާކަނޑުތައް ހުރަސްކޮށް ދަތުރުކުރާ ޓޭންކަރުތަކަށް ހުރަސްއެޅުމަކީ އެމެރިކާގެ ބައިވެރިން ލައްވައި އެމެރިކާ މަދުންނަމަވެސް ކުރާ ކަމެކެވެ. މިކަން އީރާނުން ސިފަކުރަނީ އެމެރިކާއާއި އެމެރިކާގެ ބައިވެރިން ހިންގާ ކަނޑު ފޭރުމުގެ އަމަލުތަކުގެ ގޮތުގައެވެ.

ދެހާސް ނަވާރަ ވަނަ އަހަރު އިނގިރޭސިވިލާތުން އީރާނުގެ ތެޔޮ ޓޭންކަރެއް ހިފަހައްޓައި އެޓޭންކަރު ޖިބްރޯލްޓާގެ ބަނދަރަކަށް ގެންދިޔުމުން އެކަމަށް ބަދަލުހިފުމުގެ ގޮތުން 2020 ވަނަ އަހަރު އީރާނުންވެސް ގަލްފުން ދަތުރުކުރި އިނގިރޭސިވިލާތުގެ ތެޔޮޓޭންކަރަކަށް ހުރަސް އަޅައި އެޓޭންކަރު އީރާނުގެ ބަނދަރަކަށް ގެންދިޔައެވެ.

އެންމެ ފަހުން އީރާނުން އިނގިރޭސިވިލާތުގެ ޓޭންކަރު ދޫކޮށްލީ އިނގިރޭސިވިލާތުން ހިފެހެއްޓި އީރާނުގެ ޓޭންކަރު ވެސް ދޫކޮށްލުމުންނެވެ. އޭގެފަހުން އެފަދަ އަމަލެއް އީރާނާދެކޮޅަށް ހިންގަން އިނގިރޭސީންނަށް ކެރިފައެއް ނުވެއެވެ.

އަނެއްކޮޅުން އަރަބި ކަނޑާއި ރަތްކަނޑުގައި ދަތުރުކުރާ އީރާނުގެ އާގު ބޯޓުތަކަށް ޑްރޯނުން ހަމަލާދިނުމަކީ ޓެރަރިސްޓް ގައުމެއްކަމަށް ސިފަކުރެވޭ އިސްރާއީލުންވެސް ކުރާކަމެކެވެ. މިކަމަށް ރައްދު ދިނުމުގެ ގޮތުން އީރާނުންވެސް އިސްރާއީލުގެ އާގު ބޯޓުތަކަށް ޑްރޯން ހަމަލާތައް ދެއެވެ.

އީރާނުގެ މަދަދު ލިބޭ ޔަމަންގެ ހޫޘީ ޖަމާއަތުގެ ހަނގުރާމަވެރިން ދާދިފަހުން ވަނީ، އިސްރާއީލުން ޣައްޒާގެ އާންމުން މަރައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ގެންދާތީ އެކަމަށް ބަދަލުހިފުމުގެ ގޮތުން އިސްރާއީލުގެ ބޮޑު އާގު ބޯޓެއް ރަތްކަނޑުން ދަތުރުކުރަނިކޮށް ހިފަހައްޓައި ޔަމަންގެ ބަނދަރަކަށް އެބޯޓު ގެންގޮސްފައެވެ.

ހޫޘީން އެ އޮޕަރޭޝަން ހިންގާފައިވަނީ އެމެރިކާގެ ޑެލްޓާ ފޯސް އިން އޮޕަރޭޝަންތައް ހިންގާފަދަ ޕްރޮފެޝަނަލް ގޮތަށް ކަމަށްވާތީ މިއީ އީރާނުގެ ފަންނީ އެހީގައި ހޫޘީން ހިންގި އަމަލެއްކަމަށް ޔަހޫދީ އިސްރާއީލުންވަނީ ތުހުމަތުކޮށްފައެވެ.

ހޫޘީން ހިފެހެއްޓި އިސްރާއީލުގެ އާގު ބޯޓަކީ އިސްރާއީލުގެ ބޯޓެއް ނޫންކަމަށް އިސްރާއީލު ސަރުކާރުން ބުނިނަމަވެސް އެއީ އިސްރާއީލުގެ މަހުޖަނަކު ކުއްޔަށް ހިފައިގެން އުޅޭ ބޯޓެއްކަމާއި އޭގައިވާ މުދަލަކީ އިސްރާއީލުގެ މުދާކަން ރިޕޯޓްތަކުންވަނީ ހާމަވެފައެވެ.

އިސްރާއީލުގެ ބޯޓުގައި ހުރީ 5500 ކާރާއި އެނޫންވެސް ވެހިކަލްތައް ކަމާއި އެވެހިކަލްތައް މިހާރުވަނީ އަތުލައިގެންފައިކަމަށާއި އެތަކެތި ދެން ނުދެވޭނެކަމަށް ހޫޘީންގެ ސަރުކާރުން ބުނެއެވެ.

އެމެރިކާވަނީ ހޫޘީންގެ މިއަމަލަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު އަމަލެއްކަމަށް ސިފަކޮށްފައެވެ. ނަމަވެސް އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަކަށް ބޮންއަޅައި ބަލިމީހުންނާއި ކުޑަކުދިންނާއި ޑޮކްޓަރުން މަރަމުން ގެންދިޔުމަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު އަމަލެއްކަމަށް ސިފަކުރަން އެމެރިކާވަނީ ފަސްޖެހިފައެވެ.