އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގެ ތެރެއިން ކުޅޭ އިންސީޒަން މުބާރާތުގެ ވެސްޓް ގްރޫޕް އޭގައި ފީނިކްސް ސަންސްއިން މެމްފިސް ގްރިޒްލީސް ބަލިކޮށްފިއެވެ.

މެމްފިސްގެ ފެޑްއެކްސް ފޯރަމްގައި ކުޅުނު މި މެޗު ސަންސްއިން ކާމިޔާބު ކޮށްފައިވަނީ 110 ޕޮއިންޓް 89 ޕޮއިންޓުންނެވެ.

މި މެޗުގައި ސަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 40 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ދިން ޑެވިން ބޫކާއެވެ. އަދި، ގްރިޒްލީސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދިން ސަންޓީ އަލްޑަމާއެެވެ.

މި ކާމިޔާބީއާ އެކު ސަންސް މިހާރު އޮތީ ވެސްޓް ގްރޫޕް އޭގެ ދެވަނައިގައެވެ.

ވެސްޓް ގްރޫޕް ބީގައި ހިއުސްޓަން ރޮކެޓްސްއާއި ޑެންވާ ނަގެޓްސް ބައްދަލުކުރި މެޗު 105 ޕޮއިންޓް 86 ޕޮއިންޓުން ކާމިޔާބުކުރީ ރޮކެޓްސްއެެވެ.

މި މެޗުގައި ރޮކެޓްސްގެ އަލްޕެރެން ސެންގުން ވަނީ 21 ޕޮއިންޓް ހޯދައިދީ 15 ރިބައުންޑް ނަގައިދީ އަށް އެސިސްޓް ކޮށްފައެވެ. އަދި، ނަގެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 38 ޕޮއިންޓް ހޯދައިދީ 19 ރީބައުންޑް ނަގައިދީ އަށް އެސިސްޓް ދިން ނިކޮލާ ޔޮކިޗްއެވެ.

މި ގްރޫޕްގައި ނިއުއޯލިއަންސް ޕެލިކަންސްއާއި ލޮސް އެންޖަލިސް ކްލިޕާސް ބައްދަލުކުރި މެޗު 116 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔާބުކުރީ ޕެލިކަންސްއެވެ. އެ މެޗުގައި ޕެލިކަންސްގެ ޒިއޮން ވިލިއަމްސަން ވަނީ 32 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދީފައެވެ. އަދި، ކްލިޕާސްގެ ޕޯލް ޖޯޖްވަނީ 34 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ ދެ އެސިސްޓް ދީފައެވެ.

ވެސްޓް ގްރޫޕް ސީގައި ގޯލްޑަން ސްޓޭޓް ވޮރިއާސް އާއި ސެން އެންޓޯނިއޯ ސްޕާސް ބައްދަލުކުރި މެޗު 118 ޕޮއިންޓް 112 ޕޮއިންޓުން ކާމިޔާބުކުރީ ވޮރިއާސްއެވެ. އަދި، މި ގްރޫޕްގައި ސެކްރެމެންޓޯ ކިންގްސް އާއި މިނެސޯޓާ ޓިމްބާވުލްވްސް ބައްދަލުކުރި މެޗު 124 ޕޮއިންޓް 111 ޕޮއިންޓުން ކާމިޔާބުކުރީ ކިންގްސްއެވެ.

އީސްޓް ގްރޫޕް އޭގައި އިންޑިއާނާ ޕޭސާސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗު 136 ޕޮއިންޓް 113 ޕޮއިންޓުން ކާމިޔާބުކުރީ ޕޭސާސްއެވެ.

އީސްޓް ގްރޫޕް ބީގައި މިލްވައުކީ ބަކްސް އާއި ވޮޝިންޓަން ވިޒަޑްސް ބައްދަލުކުރި މެޗު 131 ޕޮއިންޓް 128 ޕޮއިންޓުން ބަކްސް ކާމިޔާބު ކުރިއިރު މި ގްރޫޕްގައި ނިއުޔޯކް ނިކްސް އާއި މައޭމީ ހީޓް ބައްދަލުކުރި މެޗު 100 ޕޮއިންޓް 98 ޕޮއިންޓުން ކާމިޔާބުކުރީ ނިކްސްއެވެ. އަދި، އީސްޓް ގްރޫޕް ސީއަށް ބަލާލާއިރު އޯލާންޑޯ މެޖިކް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރި މެޗު 113 ޕޮއިންޓް 96 ޕޮއިންޓުން މެޖިކް ކާމިޔާބު ކުރިއިރު ޓޮރޮންޓޯ ރެޕްޓާސްއާއި ޝިކާގޯ ބުލްސް ބައްދަލުކުރި މެޗު 121 ޕޮއިންޓް 108 ޕޮއިންޓުން ކާމިޔާބުކުރީ ރެޕްޓާސްއެވެ.