ގދ. ރަތަފަންދޫ ކައުންސިލްގެ ރައީސް އަހުމަދު ފައުޒީ ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން މިއަދު ބުނީ އޭނާއާ ގުޅޭ ކޮރަޕްޝަންގެ ދެ މައްސަލައެއް ތަހުގީގު ކުރުމަށް ފަހު ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ބެހޭ ގާނޫނުގެ ދަށުން ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ކަމަށެވެ.

އޭސީސީ އިން ބުނީ ފައުޒީ އޭނާގެ އާއިލާގެ ވަރަށް ގާތް ފަރާތަކަށް ފިޔުލް ސަޕްލައި އިން ތެޔޮ ހޯދައި ދިނުމަށް ޓަކައި ކައުންސިލާ މަޝްވަރާކުރުމެއް ނެތި އޭނާ އަމިއްލަ އަށް ކައުންސިލްގެ ލެޓާހެޑުގައި ފިޔުލްސަޕްލައިއަށް ސިޓީއެއް ފޮނުވައިވާ ކަމަށެވެ.

އޭސީސީން ބުނީ އެ ސިޓީ ފޮނުވާފައި ވަނީ ކައުންސިލްގެ ހިންގާ ގަވާއިދާ ޚިލާފަށް ކައުންސިލްގެ އާންމު ބައްދަލުވުމަކަށް ހުށަނާޅައިކަން އެ އިދާރާގެ ލިޔެކިޔުންތަކާއި ހެކީންގެ ހެކިބަހުންނާއި ފައުޒީގެ އަމިއްލަ އިއުތިރާފުން އެނގޭ ކަމަށެވެ.

ފައުޒީގެ މައްޗަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ ދެ ވަނަ މައްސަލައަކީ ބިމާ ބެހޭ ގާނޫނާ ޚިލާފަށް އެ ރަށު ދެ ގޯއްޗެއްގެ ދެމެދުގައިވާ 950 އަކަފޫޓުގެ ބިން އެއީ އެ ދެ ގޯތީގެ ތެރެއިން އެއްގޯތީގެ ބިމަށް ހަދައި އެ ގޯތީގެ ރަޖިސްޓްރީ ހަދައިދީފައިވާ މައްސަލަ އެވެ.

އޭސީސީން ބުނީ ދިރިއުޅުމަށް ބޭނުންކުރާ އެއްވެސް ގޯއްޗެއް 4000 އަކަފޫޓަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށް ބިމާ ބެހޭ ގާނޫނުގައި ބުނެފައި ވަނިކޮށް އެ ގޯއްޗަށް 950 އަކަފޫޓުގެ ބިން އޭނާ އިތުރުކޮށްދީފައިވާކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.

"އެހެންކަމުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގައި ބުނާ ފަދައިން ގދ. ރަތަފަންދޫ، ކުއްޅަވައްގެ، އަހުމަދު ފައުޒީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެންފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައި ވާތީ އަހުމަދު ފައުޒީގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމާ ބެހޭ ގާނޫގެ 23 ވަނަ މާއްދާގެ ދަށުން ދައުވާކޮށްދެއްވުމަށް ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފަ އެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.