26 Nov 2023, 07:14
ތަފާތު އެކި މައުޟޫއުތަކަށް ބިނާކޮށް ފިލްމު އުފައްދާ ޑައިރެކްޓަރު ވިވެކް ރަންޖަން އަގްނިހޯތުރީގެ ފިލުމު "ދަ ވެކްސިން ވޯ" ބޮޑު އަގުގައި އޯޓީޓީ ޕްލެޓްފޯމަކަށް ވިއްކާލައިފިއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު ސިނަމާތަކުގައި އެޅުވި މި ފިލްމަކީ، ދިހަ ކްރޯޑް ރުޕީސްއިން އުފެއްދި ފިލުމެކެވެ. ނަމަވެސް ފިލުމަށް ބޮކްސް އޮފީހުގައި ކާމިޔާބު ކުރެވުނީ އެންމެ ނުވަ ކްރޯޑް ރުޕީސްއެވެ. ފިލްމަށް ކްރިޓިކްސްއިން މަސްހުނި ރިވިއުތަކެއް ލިބިފައިވާއިރު ސްޓްރީމިންގް ޕްލެޓްފޯމަކަށް ވިއްކާލުމުން ފިލްމަށް ލިބުނު ގެއްލުން ވަނީ ފޫބެއްދިފައެވެ.

ފިލްމު "ވެކްސިން ވޯ"ގެ ޕޯސްޓަރެއް
މި ފިލްމަކީ، ނުރައްކާތެރި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އުފައްދާފައިވާ ފިލުމެކެވެ.
ޕްރޮފެޝަނަލް އަދި ޕާސަނަލް ގިނަ ހުރަސްތަކާ ހަނގުރާމަ ކުރަމުން ދަނިކޮށް ސައިންސްވެރިންގެ ބަޔަކާ ގުޅިގެން އިންޑިއާއިން އަމިއްލަ ކޮރޯނާ ވައިރަހުގެ ވެކްސިނެއް އުފެއްދުމަށް ކުރި މަސައްކަތުގެ ވާހަކަ ކިޔައިދޭ މި ފިލްމު ސްޓްރީމިންއަށް ވިއްކާލާފައި ވަނީ 35 ކްރޯޑް ރުޕީސް އަށެވެ.
މި ފިލްމުގައި ފެންނަ ސައިންސްވެރިންގެ ޓީމުގެ އެންމެ އިސް މީހެއްގެ ރޯލުން އެކްޓަރު ނާނާ ޕަޓޭކަރު ފެންނައިރު ކާސްޓުންގެ ތެރޭ ބަތަލާ ޕައްލަވީ ޖޯޝީ، ރައިމާ ސެން، ސަޕްތާމީ އަދި އަނޫޕަމް ހޭރް ހިމެނެއެވެ. ފިލްމުގައި ޕްރޮޑިއުސަރެއްގެ ރޯލު ވެސް އަދާކޮށްފައިވާ ބަތަލާ ޕައްލަވީ ޖޯޝީ އަކީ ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީގެ އަންހެނުން ވެސް މެއެވެ. ޕައްލަވީ އާއި ވިވެކް ގުޅިގެން މީގެ ކުރިން ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭ "ދަ ތަޝްކެންޓް ފައިލްސް" އަދި ގިނަ ބައެއްގެ ސަމާލުކަން ހޯދި ފިލްމު "ދަ ކަޝްމީރީ ފައިލްސް" ހިމެނެއެވެ.
މި ފިލްމު ސިނަމާތަކުގައި ބެލުމުގެ ފުރުސަތު ނުލިބުނު މީހުންނަށް ސްޓްރީމިންގް ޕްލެޓްފޯމް މެދުވެރިކޮށް ފިލްމު ބެލުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބޭނެކަމަށް ފިލްމުގެ ޕްރޮޑަކްޝަން ކުންފުނިން ވަނީ ބުނެފައެވެ. މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުން "ދަ ވެކްސިން ވޯ" ސްޓްރީމް ކުރާނީ ޑިޒްނީ ޕްލަސް ހޮޓް ސްޓާއިންނެވެ.
މި ފިލްމަށް ފަހު ވިވެކް އަންނަނީ "ދަ ދެއްލީ ފައިލްސް"ގެ ނަމުގައި ފިލްމެއް ގެނެސްދިނުމުގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރު ތެރޭގައެވެ.