ސްޕެއިންގެ މަލާގާގައި މިހާރު ކުރިއަށްދާ ޑޭވިސް ކަޕް ޓެނިސް މުބާރާތުގެ ފައިނަލުން އޮސްޓްރޭލިއާ ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުން އޮސްޓްރޭލިއާ ޖާގަހޯދީ ސެމީފައިނަލްގައި ފިންލަންޑްއާ ބައްދަލުކުރި މެޗް ސީދާ ދެ މެޗުން ކާމިޔާބުކޮށްގެންނެވެ. މިސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ވާދަކޮށްފައިވަނީ އޮސްޓްރޭލިއާގެ އެލެކްސީ ޕޮޕިރިން އާއި ފިންލަންޑްގެ އޮޓޯ ވާޓަނެންއެވެ. މިމެޗް ސީދާ ދެސެޓުން ކާމިޔާބުކުރީ ޕޮޕިރިންއެވެ. މިމެޗްގެ ފުރަތަމަ ސެޓް ވަރަށް ހަމަހަމަ ކޮށް ގޮސް ޓައިބްރޭކަކަށް ގޮސް ހަތެއް ފަހަކުން ޓައިބްރޭކް ކާމިޔާބުކުރީ ޕޮޕިރިންއެވެ. އަދި ދެވަނަ ސެޓް ޕޮޕިރިން ކާމިޔާބުކޮށްފައިވަނީ ފަސޭހަ ކަމާއެކު ހައެއް ދެއަކުންނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ދެވަނަ މެޗްގައި ވާދަކޮށްފައިވަނީ އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯ އާއި ފިންލަންޑްގެ އެމީލް ރޫސުވުއޯރީއެވެ. މިމެޗްގެ ފުރަތަމަ ސެޓް ހައެއް ހަތަރަކުން ޑި މިނޯ ކާމިޔާބުކުރި އިރު ދެވަނަ ސެޓް އޭނާ ކާމިޔާބުކުރީ ހައެއް ތިނަކުންނެވެ. މިމެޗްގެ ފުރަތަމަ ސެޓްގެ ކުރީކޮޅު ރޫސުވުއޯރީ ކުރި ހޯދި ނަމަވެސް ޑި މިނޯވަނީ އޭނާގެ ކުޅުން ރަނގަޅުކޮށް ފަހަތުންއަރައި އެސެޓް ގެންގޮސްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން، ދުނިޔޭގައި 12 ވަނައަށް ރޭންކް ކުރެވިފައިވާ ޑި މިނޯ ބުނީ މި މުބާރާތަކީ އެޓީމްގެ ކުޅުންތެރިން ވަރަށް ބޮޑު އިސްކަމެއް ދޭ މުބާރާތެއް ކަމަށެވެ. އޭނާ ހާމަކުރިގޮތުގައި ބައިނަލްއަޤްވާމީ މުބާރާތެއްގައި ޤައުމު ތަމްސީލު ކުރުމުގެ ފުރުސަތު ލިބޭ ކޮންމެ ފަހަރަކުވެސް އެކުޅުންތެރިން އެކަން ކުރަނީ ފަހުރުވެރިކަމާއެކު ވަރަށް ކުރާ ހިތުންނެވެ.

އޮސްޓްރޭލިއާއިން ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައެވެ. ނަމަވެސް ފައިނަލްގައި އޮސްޓްރޭލިއާ ވަނީ ކެނެޑާ އަތުން ބަލިވެފައެވެ. އެޓީމަށް އެންމެ ފަހުން މިމުބާރާތް ކާމިޔާބު ކުރެވިފައިވަނީ 2003 ވަނަ އަހަރު މިހާރުގެ ޓީމްގެ ކެޕްޓަން ލޭޓަން ހުއިޓް ކުޅުނު އިރުއެވެ.

މިމުބާރާތުގެ ފައިނަލްގައި އޮސްޓްރޭލިއާ ބައްދަލުކުރާނެ ޓީމެއް އެނގޭނީ އިޓާލީވިލާތާއި ސާބިއާ ބައްދަލުކުރާ ސެމީ ފައިނަލަށް ފަހުއެވެ.