ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޢަބްދުލްމަންނާން ޔޫސުފާއި އަލީ ރަޝީދު ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރެއްވުމުން، ވަގުތީ ގޮތުން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ފަރުހާދު ފިކުރީ ހަމަޖައްސައިފިއެވެ.

ފަރުހާދު ހުންނެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައެވެ. މިކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން ބުނީ، ކޮމިޝަނާ އޮފް ޕޮލިސް ރޭންކުގައި އަދި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރޭންކުގައި ފުލުހަކު ނެތުމުން، ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކްޓިން ކޮމިޝަނާ ކަމަށް، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ހަމަޖައްސާފައި ވާކަމަށެވެ.

މީގެ ކުރިން ވަގުތީ ގޮތުން ފުލުސް ކޮމިޝަނަރުގެ ގޮތުގައި ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫސުފެވެ. މި މަހުގެ 16 ވަނަ ދުވަހު އޭނާއަށް އެ މަގާމު ހަވާލުކުރީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުޙައްމަދު ހަމީދު، ރިޓަޔާ ކުރެއްވުމުންނެވެ.

ރިޓަޔާ ކުރައްވަން ނިންމި ފަހުން ވެސް މަންނާން މަގާމާ ހަވާލުވާނެކަމުގެ ވާހަކަ ތަކެއް ދެކެވުނެވެ. ނަމަވެސް މިއަދު ވަނީ ރިޓަޔާ ކުރެއްވިކަން ރަސްމީކޮށް ހާމަ ކުރައްވާފައެވެ.

ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާދޭނީ ޕޮލިސް ބޯޑުންނެވެ.