ޕީޕީއެމްގެ ހަރަކާތްތައް ހިންގާ މައި ޖަގަހަ ހުސްކުރަން އެ އިމާރާތުގެ ވެރި ފަރާތުން ޕާޓީއަށް އަންގައިފިއެވެ.

އެ ޕާޓީގެ ހަރަކާތްތައް ހިންގަނީ ހ. ހުރަފާ ގޭގައެވެ. ޖަގަހަ ހުސްކުރަން ޕާޓީއަށް އަންގާފައި މިވަނީ ޕާޓީގެ ލީޑާޝިޕާއި ޕާޓީގެ ކުރީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އާ ދެމެދު ޚިޔާލު ތަފާތުވެ، ޔާމީން ޕާޓީ ދޫކުރައްވާފައި ވާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީންގެ ފެކްޝަންގެ އިސް ފަރާތެއް ކަމަށް ވާ ކުރީގެ ސައެންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ، އެނގިފައި ވާގޮތުގައި ޖަގަހަ ހުސްކުރަން އެންގީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

އަދި ހުސްކުރަން ދީފައި ވަނީ އިއްޔެ މެންދުރާ ހަމައަށް ކަމަށް މަލީހް ވިދާޅުވިއެވެ.

މިިކަމާ ގުޅިގެން ޕީޕީއެމް ލީޑާޝިޕް ބޭފުޅެއްގެ ބަސް ހޯދަން މަސައްކަތް ކުރި ނަމަވެސް އެއްވެސް ބޭފުޅަކު ފޯނަށް ޖަވާބެއް ނުދެއްވައެވެ.

ޕާޓީން ވަކިވުމަށްފަހު ޔާމީން ވަނީ އާ ޕާޓީ އުފެއްދެވުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފައްޓަވައިފައެވެ.

އަލަށް އުފައްދާ ޕާޓީގެ މަސައްކަތް ފަށައިގަނެ، އެ ޕާޓީގެ ނަމާއި ލޯގޯ ވެސް މިހާރު ވަނީ ކަނޑައަޅައިފައެވެ. އެކަމަކު، ޕާޓީގެ ނަމާއި ލޯގޯ އާންމު ކުރާނީ އިލެކްޝަންސް ކޮމިޝަނުން ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމުންނެވެ.

ލީޑާޝިޕުން އެ މަނިކުފާނުގެ މަޝްވަރާއާއި ހިޔާލުފުޅު ނުހޯއްދަވައި ކަމަށާއި އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޯނު ކުރެއްވުމުން ޖަވާބު ވެސް ނުދެއްވައި ކަމަށް ޔާމީނާ ހަވާލާދީ އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލު ވަނީ ވިދާޅުވެފައެވެ.