ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްކުރައްވަނީ ރައްޔިތުންގެ މަސްލަހަތު ކަމަށާއި ރައްޔިތުންނަށް ލާބައާއި މަންފާހުރި ނަފާވެރި ވެރިކަމަކަށް، ވެރިކަން ހެދުމަށް ރައީސާއެކު ސާބިތުވެ ހުންނަވާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އެތައް ރައްޔިތުންނެއްގެ ބައިވެރިވުމާ ބުރަ މަސައްކަތުން ގެނުވި ވެރިކަމެއް ކަމަށެވެ. އަދި މިއީ ރައްޔިތުން ކުރި މިންނެތް މަސައްކަތުގެ ނަތީޖާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ޚިޔާރުކުރީ ރައީސް މުއިއްޒުގެ ތަސައްވުރު ކަމަށެވެ.

ނައިބު ރައީސް އެފަދައިން ވިދާޅުވެފައިވާއިރު، ސަރުކާރާއި ޕާޓީ ހިންގުމުގައި އެ މަނިކުފާނުގެ މަޝްވަރާ ނުހޯއްދަވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން ވަނީ ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމުން ވަކިވެފައެވެ. އަދި، އަމިއްލަފުޅު ޕާޓީއެއް އުފައްދަވަން ނިންމަވައި އެކަމުގެ އަމަލީ މަސައްކަތް ވެސް ވަނީ ފައްޓަވައިފައެވެ.

ޕީޕީއެމްގައި މިވަގުތު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ އެކު، އެ ޕާޓީގެ ބައެއް މެމްބަރުން ދަނީ ރައީސްގެ ދިފާއުގައި ތެދުވަމުންނެވެ. އެގޮތުން އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަދި ވެރިކަން ކުރާ ޕާޓީ ޕިއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ދިވެހި ގައުމަށާއި ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ ރައީސް މުއިއްޒާއެކު ތިބުން ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ބައެއް ވަޒީރުން ވެސް ވަނީ ރައީސާއެކު ސާބިތުވެ ތިބޭނެކަމަށް ވިދާޅުވެފައެވެ.