މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި އަށް ޕެކެޓާ އެކު އައްޑޫން ދެ މީހަކު އަދި ކުޑަފަރިއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ސ. މަރަދޫ ނާރެސް، އިބްރާހީމް ޝުފާޢު ރަޝީދު33، އާއި ހިތަދޫ މާހިންނަ، އިބްރާހީމް އަޒުހީމް 28، ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހު ހަވީރު ވެހިކަލްތައް ބަލައި ފާސްކުރަމުން ދަނިކޮށް ކަމަށެވެ. އަދި އެ ދެ މީހުންގެ ސައިކަލު ހުއްޓުވައި ބެލިއިރު، ސައިކަލުގެ މަޑިދަށުގައި އޮތް ބޫޓު ކިބައެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

އަދި އެ ރަބަރު ޕެކެޓާ ބެހޭ ގޮތުން އަޒުހީމްއާ ސުވާލު ކުރުމުން އެއީ އޭނާގެ އެއްޗެއް ނޫން ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ ދެ މީހުން ހަށިގަނޑު އިތުރަށް ބަލައި ފާސްކުރި އިރު ޝުފާއު އަރައިގެން ހުރި ފައިވާނާއި ފައިތިލައިގެ ދަށުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ހަތް ޕެކެޓް ފެނިފައިވާ ކަމަށެވެ. އަދި ޕެކެޓްގައި ހުރި ތަކެއްޗަކީ 500 ރުފިޔާ ދީފައި މީހެއްގެ އަތުން ގަތް އެއްޗެހިތަކެއް ކަމަށް ޝިފާއު އެއްބަސްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އަޒްހީމްގެ ކުޑަކަމުދާ އެއްޗެތި ޓެސްޓް ކުރުމަށް ދިނުމަށް ފުލުހުން އެދުމުން އޭނާ ވަނީ ޔޫރިން ދިނުމަށް އިންކާރުކޮށް ފިލަން މަސައްކަތްކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ އިތުރުން ނ. ކުޑަފަރި އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު މިމަހުގެ 17 ވަނަ ދުވަހު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ މީހުންނަށް ބިރުދެއްކުމާއި ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ ނ. މާޅެންދޫ ދިލްބަހާރުގެ، މުޙައްމަދު ހަނީފް 25، ކަމަށެވެ.
ހަނީފް ހައްޔަރުކޮށްފައި ވަނީ މާޅެންދޫން ކުޑަފަރި އަށް ގޮސް ހުއްޓަ އެވެ. އަދި ފުލުހުން ފެނުމާ އެކު އޭނާގެ އަތުގައި އޮތް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ޕެކެޓް އެއްލާލި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހަނީފް ހައްޔަރުކޮށް ކުޑަކުދާ ތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.