25 Nov 2023, 16:13
ޖަރުމަނު ބުންޑަސް ލީގާގައި ހެރީ ކޭންގެ ލަނޑާއެކު އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް ތާވަލްގެ އެއް ވަނައަށް އަރައިފިއެވެ.
ބަޔާންއަށް ތާވަލްގެ އެއްވަނަ ލިބިގެންދިޔައީ ރަށުން ބޭރުގައި އެފްސީ ކޮން އާ ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ ބަޔާންއިންނެވެ.
މި މެޗުގެ ހަމައެކަނި ލަނޑު ކޭން ޖަހައިދިނީ މެޗުގެ ވިހި ވަނަ މިނެޓްގައި އެރިކް މެކްސިމް ޗޯޕޯ މޯޓިން ގޯލަށް ދޮނުވާލި ހަމަލާއެއްގައި ނިކުތް ރީބައުންޑް ބޯޅައަކުންނެވެ. މިއީ ކޭން މި ސީޒަންގައި ބުންޑަސް ލީގާގައި ކާމިޔާބުކުރި 18 ވަނަ ލަނޑެވެ. މިއާއެކު ޖަރުމަނު ބުންޑަސް ލީގާގެ ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި އިނގިރޭސިވިލާތުގެ ކުޅުންތެރިޔާއަށް ކޭން މިވަނީ ވެގެން ގޮސްފައެވެ.
މީގެ އިތުރުން ލީގުގެ ފުރަތަމަ 12 މެޗްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑްވެސް މި ވަނީ އޭނާއަށް ގާއިމް ކޮށްފައެވެ. މި މެޗްގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ބަޔާންއަށް ލިބިގެން ގޮސްފައިވެއެވެ.
ކޭން ވަނީ ބަޔޭން އާއި މިސީޒަންގައި ގުޅުނު ފަހުން މިހާތަނަށް ކުޅުނު 17 މެޗްގައި 22 ލަނޑު ޖަހައިދީފައެވެ. މީގެ ތެރޭގައި ކޭން އާއި ލިރޯއީ ސާނޭ، ޗޯޕޯ މޯޓިން އަދި ކިންގްލީ ކޯމަންއަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ.
މި ކާމިޔާބީއާއެކު ބަޔާން އުޅެނީ 12 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އެއީ ކުރިން ތާވަލްގެ އެއް ވަނައިގައި އޮތް ބަޔާ ލެވަކޫސެން މިރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް އަލުން ތަވަލްގެ އެއް ވަނަ ލިބިގެންދާނެތީއެވެ. ލެވަކޫސެން މިވަގުތު އޮތީ 11 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ.