ޔަހޫދީ އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާ ދެމެދު އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ކުރަމުންދާ ހަނގުރާމައިގައި ހަމަލާތައް ދިނުން ހަތަރު ދުވަހުގެ މުއްދަތަށް މެދުކަނޑާލާފައި އޮތް ނަމަވެސް އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު މުސްލިމުންނަށް އިސްރާއީލުގެ ހަމަލާތައް އަންނަނީ އަމާޒުވަމުންނެވެ.

އެގޮތުން ހުކުރު ދުވަހު ހުޅަނގު އައްސޭރިން ފަލަސްތީނުގެ ދެ މީހަކު މަރާލާފައިވާ ކަމަށް ފަލަސްތީނުގެ ނޫސް އެޖެންސީ ވާފާއިން ރިޕޯޓްކޮށްފައެވެ.

ޖެރިކޯގެ ދެކުނުގައި އޮންނަ އަޤަބަތު ޖާބާ ރެފިއުޖީ ކޭމްޕަށް ސިފައިން ދިން ހަމަލާއެއްގައި އިސްރާއީލުގެ ބަޑިޖެހުމުގެ ސަބަބުން މަރުވި މީހުންގެ ތެރެއިން އެކަކީ އުމުރުން 22 އަހަރުގެ ކުއްޖަކެވެ. ސީރިއަސް އަނިޔާތަކެއް ލިބިފައިވާ އެ ކުއްޖާ ވަނީ ހަމަލާދިންތާ ކުޑައިރުކޮޅެއް ތެރޭގައި މަރުވެފައެވެ.

އިސްރާއީލު ސިފައިން އަންނަނީ ހުޅަނގު އައްސޭރީގައި ވަގުތީ ޗެކްޕޮއިންޓްތަކެއް ހަދައިގެން ޔާނޫން އަވަށާއި އަގްރަބް ޓައުން ގުޅުވާލާ މަގުތަކުގައި މީހުން ހަރަކާތްތެރިވުމަށްވެސް އިއްޔެއިން ފެށިގެން ހުރަސް އަޅަމުންނެވެ.

ޗެކްޕޮއިންޓްތަކުގައި އިސްރާއީލުގެ ސިފައިން ވަނީ ފަލަސްތީނުގެ އާންމުންނަށް ޖިސްމާނީ އަނިޔާކޮށް، ފަސް މީހަކު ހައްޔަރުވެސް ކޮށްފައެވެ.

މީގެއިތުރުން އިސްރާއީލުގެ ސިފައިން ވަނީ ފަލަސްތީނުގެ ދަނޑުވެރިންނަށް ޔަނޫން އަވަށުގެ ހުޅަނގުން އަމިއްލަ ބިންތަކުގައި ޒައިތޫނި ހެއްދުން ހުއްޓުވައި، ފަލަސްތީނުގެ ރައްޔިތުން އެ ސަރަހައްދު ދޫކޮށް ދާން މަޖުބޫރުކޮށްފައެވެ.

ހަނގުރާމައަށް ހަތް ހަފްތާގެ ވެފައިވާއިރު، އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި ފަލަސްތީނުގެ 15،000 އެއްހާ މީހުން މަރުވެފައިވާއިރު އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކުރެއެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ހަމަލާތައް މެދުކަނޑާލާފައި ވަނީ އިއްޔެ ހެނދު ރާއްޖެ ގަޑިން 10:00 ގައެވެ. ހަމަލާތައް މެދުކަނޑާލަން އެއްބަސްވެފައި ވަނީ ދެ ފަރާތުގައި ތިބި އަސީރުންނާއި ބެލުމުގެ ދަށަށް ގެންގޮސްފައި ތިބި މީހުން ދޫކޮށްލަން ޝަރުތުކުރުމަށްފަހުއެވެ.