25 Nov 2023, 15:29
ފަލަސްތީނަށް ތާއީދުކޮށް، ޣައްޒާއަށް ޔަހޫދީ އިސްރާއީލުން ދޭ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި، ކިއުބާގެ ރައީސް މިގްއެލް ޑިއާޒް ކެނެލް އިސްކޮށް ހުންނަވައިގެން ކިއުބާގެ އެތައްހާސް ބަޔަކާއެކީ ހަވާނާގައި ހުންނަ އެމެރިކާ އެމްބަސީ ކުރިމަތީ އެއްވުމެއް ބާއްވައިފިއެވެ.
ވަފާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑިއާޒް ކެނެލްއާ އެކު ކިއުބާގެ އެހެން އޮފިޝަލުން ވެސް އެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެތެރޭގައި ބޮޑު ވަޒީރު މެނުއަލް މާރެރޯ އާއި ހާރިޖީ ވަޒީރު ބްރޫނޯ ރޮޑްރިގޭޒް ހިމެނެއެވެ.
އެއްވުމުގެ ބައިވެރިން ދެ ކިލޯމީޓަރު ހިނގާފައި ދިޔައިރު، އެމެރިކާ އެމްބަސީ ކުރިމަތިން، ބައެއް މީހުން ވަނީ "ތިއީ ޓެރަރިސްޓް ބައެއް" ކަމަށް ގޮވާފައެވެ.
"މިއަދު އަޅުގަނޑުމެން މި ތާއިދު ކުރަނީ ފަލަސްތީނުގެ ރައްޔިތުންނަށް، މި ޤަތުލުއާންމުގެ ސަބަބުން އާއިލާގެ މެމްބަރަކު، ލޯބިވާ މީހަކު ގެއްލުމުގެ ވޭން އިހުސާސްކުރާ ހުރިހާ އެންމެންނަށް ތާއީދުކޮށް،" މުޒާހަރާގެ ބައިވެރިއަކު ބުނެފައިވެއެވެ.
އެއްވުމުގެ ބައިވެރިން ތިބީ ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ލިޔުންތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.
މިއީ އިސްރާއީލުގެ އަނިޔާވެރިކަން ޣައްޒާގައި ހިންގަން ފެށިފަހުން ކިއުބާގެ އެންމެ އިސް ލީޑަރުން އެއްވުންތަކުގައި ބައިވެރިވި ދެވަނަ ފަހަރެވެ.
1973 ވަނަ އަހަރުން ފެށިގެން އިސްރާއީލާއެކު ހާރިޖީ ގުޅުން ބާއްވާފައިނުވާ ކިއުބާއަކީ އިސްރާއީލު ފަލަސްތީނު މައްސަލައިގައި ގިނަ ދުވަސްތަކެއް ވަންދެން ފަލަސްތީނަށް ތާއީދުކުރަމުން އަންނަ ގައުމެކެވެ.
ކިއުބާގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުން އަންނަނީ ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން އެއްވުންތަކާއި ހިނގާލުންތައް ބާއްވަމުންނެވެ. އެގޮތުން ޔޫރަޕް، އެމެރިކާ، އުރުދުން، މޮރޮކޯ ، ކެނެޑާ، ދެކުނު އެފްރިކާ އަދި އިޓަލީ ފަދަ ގައުމުތައް ހިމެނެއެވެ.