އުސްފަސްގަނޑު ރޫޅުމަށް ފުލުހުން އެދިފައިވާ ގޮތަށް ފުލުހުންނަށް ކޯޓު އަމުރެއް ނެރެނުދިނުމަށް އެދި މާލޭ ސީޓީ ކައުންސިލުން ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވައިފި އެވެ.

މާލޭގެ މޭޔަރު މައިޒާން އަލިމަނިކު (އަލިބެ) ސޮއިކުރައްވައި އިއްޔެ ކްރިމިނަލް ކޯޓަށް ފޮނުއްވި ސިޓީގައި ބުނަނީ އުސްފަސްގަނޑު ރޫޅާލުމަށް ކޯޓު އަމުރެއް ހޯދުމަށް ފުލުހުން އެ ކޯޓުގައި އެދިފައިވީ ނަމަވެސް ކްރިމިނަލް ކޯޓުން އެކަން ކައުންސިލަށް އަންގާފައި ނުވާ ކަމަށާއި ސިޓީ ކައުންސިލްގެ މަސްލަހަތެއް ހިމެނޭ ކަމެއްގައި އަމުރެއް ނެރޭއިރު އެ މައްސަލައިގައި ސިޓީ ކައުންސިލްގެ ތަމްސީލް ވުމެއް އޮންނަން ޖެހޭނެ ކަމަށެވެ.

"....އަދި ވަކިން ޚާއްސަކޮށް މިކައުންސިލަށް ނާންގައި މިކައުންސިލް ތަމްސީލުކުރުމަކާ ނުލައި އެފަދަ އަމުރެއް ނެރެވިގެން ނުވާނެކަމާއި، ކްރިމިނަލް ކޯޓުން ނެރޭ އަމުރުތަކަކީ އަމުރު ރަށްދުވާ ފަރާތް ހާޒިރުނުކޮށް ނެރޭ އަމުރުތަކެއްކަމުން އުސްފަސްގަނޑު ހުސްކުރުމުގެ އަމުރު ނެރުމަކީ މަދަނީ ކަމެއްކަމާއި ވިމާ މި މައްސަލައިގައި ކްރިމިނަލް ކޯޓުން އަމުރެއް ނެރެގެން ނުވާނެކަމާއި، ވަކިން ޚާއްސަކޮށް މި ކައުންސިލުގެ ޣައިރު ހާޒިރުގައި މިކައުންސިލުގެ މަދަނީ މުއާމަލާތެއް ރޫޅައިލާން ކްރިމިނަލް ކޯޓުން އަމުރެއް ނެރެގެން ނުވާނެކަމަށް ދަންނަވަން،" ކައުންސިލްގެ ސިޓީގައިވެ އެވެ.

އުސްފަސްގަނޑު ރޫޅާލުމުގެ އަމުރަކަށް ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނީ އިއްޔެ އެވެ. އެތަން ނަގަން ހޯމް މިނިސްޓްރީން ފުލުހުންނަށް އެންގީ ހައުސިން މިނިސްޓްރީގެ އެންގުމަށް އެތަން ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފައި ނުވާތީ އެވެ.

ސިޓީ ކައުންސިލްގެ އަތުން އުސްފަސްގަނޑު އަތުލައި ހައުސިން މިނިސްޓްރީގެ ދަށަށް އެތަން ބަދަލުކުރަން ކެބިނެޓުން ނިންމެވީ އެ ބިން ހަވާލުކުރުމުގައި ސިޓީ ކައުންސިލުން ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.

ސިޓީ ކައުންސިލުން ބުނެފައި ވަނީ ސިޔާސީ ހަރަކާތްތަކަށް އުސް ފަސްގަނޑު ދިނުމަކީ އެގުރިމެންޓާ ހިލާފުވުން ކަމަށް ނުބެލެވޭ ކަމަށާއި އެ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އުސް ފަސްގަނޑުގައި ސިޔާސީ ހަރަކާތްތައް ހިންގަން އެ ފަސްގަނޑު އެމްޑީޕީ އަށް ދީފައި ވަނީ އަންނަ ޖޫން މަހުގެ ނިޔަލަށެވެ.

ފެބުރުއަރީ 7 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވެއްޓުމަށް ފަހު އެމްޑީޕީގެ ހަރަކާތްތައް ހިންގަން ފުރަތަމަ ކޭމްޕް ޖަހާފައި ވަނީ ލޮނުޒިޔާރަތްކޮޅު، ރާޅުގަނޑު ސަރަހައްދެވެ. ނަމަވެސް ފުލުހުން ވަނީ މާޗް 19 ވަނަ ދުވަހު އެ ކޭމެޕަށް ވަދެގަނެ ކޭމްޕް ރޫޅާލައިފަ އެވެ.