މި ފެށޭ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ސިނަމާ ތަކަށް ގެންނަން ނިންމާފައިވާ ފިލްމު "އެނިމަލް"ގެ އެންމެ ފަހު ޓްރެއިލާ ރިލީޒްވުމާއެކު އެކްޓަރު ރަންބީރު ކަޕޫރަށް ގިނަ ބައެއްގެ ތަޢުރީފު އަންނަނީ ލިބެމުންނެވެ.

ރަންބީރު ކަޕޫރު ލީޑް ރޯލްއިން ފެންނަ މި ފިލްމަކީ، ބައްޕައަކާއި ފިރިހެން ދަރިއެއްގެ ދެމެދުގައި އޮންނަ ފުން ލޯބީގެ ގުޅުން ދައްކުވައިދޭ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ.

އަނިލް ކަޕޫރު ރަންބީރުގެ ބައްޕަގެ ރޯލްއިން ފެންނަ މި ފިލްމުގައި އެކްޓަރު ފެންނާނީ ކުޑައިރުއްސުރެ ވެސް ބައްޕައަށް އިޚުލާސްތެރި ފިރިހެން ދަރިއެއްގެ ރޯލްއިންނެވެ. ކުޑައިރު ބައްޕަގެ ލޯބިން މަޙުރޫމުވުމުގެ ސަބަބުން ބޮޑުވަމުން އަންނަ ވަރަކަށް ބައްޕަގެ ލޯތްބާއި ރުހުން ހޯދަން މަސައްކަތްކުރާ ރަންބީރު ޓްރެއިލާއިން ފެނުމާއެކު އެ ރޯލްގެ މަންޒަރުތަކުގައި ދައްކާފައިވާ އެކްޓިންގް ފުރިހަމަކަން 32 ސިކުންތުގެ ޓްރެއިލާއިން ވެސް އެނގިގެން ގޮސްފިކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ރަންބީރު ކަޕޫރުގެ އަންހެނުންގެ ރޯލްއިން ފިލްމުގައި ފެންނާނީ ސައުތު ސިނަމާއިން ހިންދީ ސިނަމާއަށް ތަޢާރަފްވި ބަތަލާ ރަޝްމިކާ މަންދަންނާއެވެ.

ބަތަލާ ރަޝްމިކާ ރަންބީރް ކަޕޫރާއެކު
ގިނަ ދުވަސްތަކަކަށް ފަހު ބޮބީ ޑިއޯލް ވަރަށް ރަހުމް ކުޑަ ވިލެން އެއްގެ ރޯލް ކުޅެފައިވާ މި ފިލްމަކީ، ޓީ-ސީރީސްގެ އުފެއްދުމެކެވެ.

މި ފިލްމަކީ މަޝްހޫރު ތެލުގޫ ޑައިރެކްޓަރު ސަންދީޕް ރެޑީ ތައްޔާރުކޮށްފައިވާ ސްކްރިޕްޓަކަށް ގެނެސްދޭ މި ވާހަކައިގެ ޑައިރެކްޓަރަކީ ވެސް ޚުދު އޭނާއެވެ.

ސަންދީޕް އަކީ ބޮޑު ކާމިޔާބީއެއް ހޯދި ތެލުގޫ ފިލްމު "އަރުޖުން ރެއްޑީ"ގެ ވެސް ޑައިރެކްޓަރެވެ. ސަންދީޕްގެ މި ފިލްމުގެ ހިންދީ ރިމޭކް "ކަބީރް ސިންގް"އަކީ އެކްޓަރު ޝާހިދު ކަޕޫރުގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމުވެސް މެއެވެ. ސަންދީޕްގެ "އެނިމަލް" އަކީ މި އަހަރު ރިލީޒްކުރާނެ އެންމެ އުއްމީދީ އެއް ފިލްމަށް ވާނެކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.