ދިވެހި ގައުމަށާއި ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއެކު ތިބުން ކަމަށް، އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަދި ވެރިކަން ކުރާ ޕާޓީ ޕިއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ، ރައީސް މުއިއްޒާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި މައްސަލަ ގޯސްވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕީޕީއެމުން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް ޕީއެންސީ އަކީ "އެންމެ ފުރަތަމަ ގައުމު" އިސްކުރާ ދެ ޕާޓީ ކަމަށެވެ. އަދި އެ ކޯލިޝަނުން ތިބީ ދިވެހި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ރައީސް ޑރ. މުއިއްޒާއެކު ފިސާރި ސާބިތުވެ ކަމަށް ވިދާޅުވިއެވެ.

"މާތްﷲ ގެ ވާގިފުޅާއެކު ރައީސް މުއިއްޒުގެ ސަރުކާރު ވެގެން ދާނީ ދިވެހި ގައުމާއި ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭނެ ސަރުކާރަކަށް. ފަސް އެނބުރި ބެލުމެއްނެތި އަޅުގަނޑުމެން ދާނީ ކުރިއަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

"ލޮބުވެތި ދިވެހި ރައްޔިތުން ރައީސް މުއިއްޒުއާއެކު ސާބިތުވެ ތިބުމަކީ ގައުމާއި ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތް. އަޅުގަނޑުމެން ކޮންމެ މިހަކަށް ވުރެ މި ގައުމު މާބޮޑު،"

އަބްދުއްރަހީމަކީ، ޕީޕަލްސް އެލަޔަންސް (ޕީއޭ)އިން ފެއްޓެވި ސިޔާސީ މަސައްކަތާއެކު ރައީސް ޔާމީނާއެކު އެންމެ އަރިސްކޮށް މި ހުރިހާ ދުވަހު އުޅުއްވި ބޭފުޅާއެވެ.

ފަސް އަހަރުގެ ވެރިކަމަށްފަހު އެ މަނިކުފާނަށް ޖަލަށް ވަޑައިގަންނަވަން ޖެހުމުން މުޅި އިދިކޮޅު ހިފަހައްޓައި، ހިންގުމުގައި އިސްކޮށް ހުންނެވި މޭސްތިރިޔާއަކީ އޭނާއެވެ. އަދި ރިޔާސީ އިންތިޚާބާ ހަމައަށް ވެސް އިދިކޮޅުގެ އެންމެހާ ކަންކަން ބެލެހެއްޓެވީ ރައީސް ޔާމީންގެ ލަފާފުޅާ އެއްގޮތަށް އަބްދުއްރަހީމެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަނުކުރެއްވޭނެކަން ޔަގީންވުމާއެކުގައި، އިންތިޚާބު ބޮއިކޮޓްކުރުމަށް ޕީޕީއެމް ޕީއެންސީއަށް ރައީސް ޔާމީން އެންގެވިއެވެ. ނަމަވެސް އެއީ އާންމު މެންބަރުން ބޭނުންވި ގޮތާ ޚިލާފު ކަމަކަށްވުމުން އަބްދުއްރަހީމް އިސްނަންގަވައި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓަކު ނެރުއްވުމުގެ މަސައްކަތް ކުރެއްވިއެވެ.

ރައީސް މުއިއްޒަށް ވެރިކަން ހޯއްދަވައިދެއްވުމަށް ވެސް އެންމެ ބޮޑަށް މަސައްކަތްކުރެއްވި އެއް ބޭފުޅާއަކީ އަބްދުއްރަހީމެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެކު ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީއެންސީގެ ރައީސް ޑރ. މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހުގައި ޔާމީނާ ދެ ބޭފުޅުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް އުފެދިފައެވެ.

އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރެއްވި ނަމަވެސް ޔާމީން އަދިވެސް ހުންނެވީ ޖަލު ހުކުމެއްގައެވެ. އެހެންވެ، ސިޔާސީ ހަރަކާތްތަކުގައި އެ މަނިކުފާނަށް އަމަލީ ގޮތުން ހަރަކާތްތެރިވެ ނޫޅުއްވެއެވެ.

ރައީސް މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހުގައި ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް ހޯއްދަވައިދެއްވިއެވެ. އެކަމަކު، ޔާމީން އަދިވެސް މުޅިން މިނިވަނެއް ނުވެއެވެ. އެ މަނިކުފާނު މިނިވަން ކުރުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ.