ސްޕެއިންގެ މަލާގާގައި މިހާރު ކުރިއަށްދާ ޑޭވިސް ކަޕް ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން އިޓަލީވިލާތް ޖާގަހޯދައިފިއެވެ.

މި މުބާރާތުގެ ސެމީފައިނަލުން އިޓަލީ ވިލާތް ޖާގަހޯދީ ކުއާޓާ ފައިނަލްގައި ނެދަލަންޑްސްއާ ބައްދަލުކޮށް ކުރި ހޯދައިގެންނެވެ. ކްއާޓާ ފައިނަލް އިޓަލީވިލާތުން ކާމިޔާބުކުރީ ދެ މެޗް އެއް މެޗުން ކުރި ހޯދައިގެންނެވެ.

މި ދެ ޓީމްގެ މެދުގައި ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ނެދަލަންޑްސްގެ ބޮޓިކް ވެން ޑެ ޒެންޑްޝުލްޕް އާއި އިޓަލީވިލާތުގެ މެޓިއޯ އާނަލްޑީއެވެ. މި މެޗް ދެ ސެޓް އެއް ސެޓުން ކާމިޔާބުކޮށް ކުރި ހޯދީ ޒެންޑްޝުލްޕްއެވެ. މި މެޗް އޭނާ ކާމިޔާބުކުރީ ފުރަތަމަ ސެޓް ޓައި ބްރޭކަކަށް ގޮސް ހައެއް އަށަކުން އާނަލްޑީ ކާމިޔާބު ކޮށްފައި ވަނިކޮށް ޖެހިގެން އައި ދެ ސެޓް ކާމިޔާބު ކޮށްގެންނެވެ.

މި ގޮތުން ދެވަނަ ސެޓް ޒެންޑްސްލޮޕް ކާމިޔާބުކުރީ ހައެއް ތިނަކުންނެވެ. އަދި ފަހު ސެޓް އަނެއްކާވެސް ޓައި ބްރޭކަކަށް ގޮސް ނުވައެއް ހަތަކުން ކާމިޔާބުކުރީ ޒެންޑްޝްލޮޕްއެވެ.

މި ދެ ޤައުމުގެ މެދުގައި ކުޅުނު ދެވަނަ މެޗްގައި ބައްދަލުކުރީ ދުނިޔޭގައި މި ވަގުތު ހަތަރު ވަނައަށް ރޭންކް ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ އާއި ނެދަލަންޑްސްގެ ޓަލޮން ގްރެއިކްސްޕޫއެވެ. މި މެޗް ސީދާ ދެ ސެޓުން ކާމިޔާބު ކުރީ ސިނާއެވެ. މި މެޗްގެ ފުރަތަމަ ސެޓް ޓައި ބްރޭކަކަށް ގޮސް ހަތެއް ތިނަކުން ސިނާ ކާމިޔާބު ކުރިއިރު ފަހު ސެޓް އޭނާ ކާމިޔާބުކުރީ ފަސޭހަ ކަމާއެކު ހައެއް އެކަކުންނެވެ.

މި ދެ ޓީމް އެއް މެޗް އެއް މެޗުން އެއްވަރު ވުމުން ނަތީޖާ ނެރުމަށްޓަކައި ކުޅުނު ޑަބަލްސް މެޗްގައި ސިނާ އާއި ލޮރެންޒޯ ސޮނޭގޯ އިޓަލީވިލާތް ތަމްސީލް ކުރި އިރު ނެދަލަންޑްސް ފަޅިން ކުޅުނީ ގްރެއިކްސްޕޫ އާއި ވެސްލީ ކޫލްހޮފްއެވެ. މި މެޗް ހައެއް ތިނެއް އަދި ހައެއް ހަތަރަކުން ކާމިޔާބުކުރީ ސިނާ އާއި ސޮނޭގޯއެވެ.

މި ކާމިޔާބީއާއެކު މި މުބާރާތުގެ ސެމީފައިނަލުން ޖާގަ ލިބިފައިވާއިރު ސެމީ ފައިނަލްގައި އެ ޓީމް ބައްދަލުކުރާނީ ދުނިޔޭގައި އެއް ވަނައަށް ރޭންކް ކުރެވިފައިވާ ނޯވަކް ޖޯކޮވިޗް ހިމެނޭ ސާބިއާ އާއެވެ. ސިނާ އާއި ޖޯކޮވިޗް ވަނީ އެންމެ ފަހުން ނިމުނު އޭޓީޕީ ފައިނަލްސްގެ ފައިނަލްގައި ވާދަކޮށްފައެވެ. ފައިނަލް މެޗް ޖޯކޮވިޗް ކާމިޔާބު ކުރި ނަމަވެސް ގްރޫޕް ސްޓޭޖް މެޗް ކާމިޔާބުކުރީ ސިނާއެވެ. އެހެން ކަމުން މި ސެމީ ފައިނަލްގައި ފޯރިގަދަ މެޗްތަކެއް ފެނިގެންދިއުމަކީ ވަރަށް ގާތްކަމެކެވެ.