މިސްކިތްތައް ހަރާބުކުރުމަށާއި ﷲގެ މަގަށް ގޮވާލައި ނަސޭހަތްތެރިވުމަށް ހުރަސް އެޅުމަށް އެމްޑީޕީން ހިންގާ އަމަލުތަކަކީ އިސްލާމްދީނާ އިދިކޮޅަށް ހިންގާ ޖަރީމާއެއް ކަމަށް ޖުމުހޫރީ ޕާޓީން ބުނެފި އެވެ.

ޖުމުހޫރީ ޕާޓިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ދަންނަ ބޭކަލުން މިސްކިތްތަކުގައި ވައުޒު ވިދާޅުވެ އިސްލާމްދީނުގެ ކަންކަން ރައްޔިތުންނަށް އޮޅުން ފިލުވައި ދެއްވުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އަޅައި މިސްކިތްތަކުގެ އެތެރޭގައި ހައިޖާނު ހިންގަން ކުރާ މަސައްކަތްތަކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ އެމްޑީޕީ ފިކުރުގެ މީހުން ހިންގާ ކަމެއް ކަމަށާއި އެފަދަ އަމަލުތައް އެ ޕަޓީން ހަރުކަށި އިބާރަތުން ކުށްވެރި ކުރާކަމަށެވެ.

"...ކުރީގެ ރައީސް ނަޝީދަށް ތައީދުކުރާ އެމްޑީޕީގެ އެކިފަރާތްތަކުން ފަހަކަށް އައިސް ހުކުރު ދުވަސް ދުވަހު ހުކުރުގެ ބަރަކާތްތެރި ޖަމާޢަތަށް ގޮސް ހަޅުތާޅު ހެދުމާއި ހުކުރު ނަމާދު ނިމިގެން ޒިކުރުކޮށް ރަސޫލާއަށް ސަލަވާތްކިއުމުގެ ބަދަލުގައި "އަންނި ހޮޕް ހޮޕް" ގޮވުން ފަދަ ގޮތްކުޑަ އަމަލުތައްކޮށްފައިވޭ. އަދި ހުކުރު ހުތުބާ ދެއްވުމަށް ފެއްޓުމުން މިސްކިތުން ފައިބާގެން ދިއުން ފަދަ ލާދީނީ އަމަލުތައް ވެސް ހިންގައިފައިވޭ،" ބަޔާނުގައިވެ އެވެ.

ޖުމުހޫރީ ޕާޓީގެ ބަޔާނުގައި އަދި ބުނެފައި ވަނީ އެފަދަ ކަންކަން ކުރުމުގެ އިތުރުން އައްޑޫ ސިޓީގެ މިސްކިތްތަކުގައި ދަރުސް ދިނުން މަނާ ކުރުމުގެ އިތުރުން މާލޭގެ ބައެއް ބިންތައް އިސްލާމީ ދަރުސްތަކާއި އެއްވުންތަކަށް ދޫކުރުމަށް މާލޭ ސިޓީ ކައުންސިލުން ދިނުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.

މާލޭހިޔާ ހުންނަ ކޮށީގައި ވަގުތީ ގޮތުން ގާއިމުކޮށްފައިވާ ފުރުގާނު މިސްކިތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޝައިހް އިލްޔާސް ހުސައިން ދަރުސް ދެއްވަނިކޮށް ބަޔަކުވަނީ އެކަމަށް ހުރަސް އެޅުމަށް މަސައްކަތްކޮށްފަ އެވެ.