ބައިނަލްއަގްވާމީ ދެ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ރާއްޖެއިން ބޭރަށް ފުރައިވަޑައިގެންފިއެވެ.

އެ މަނިކުފާނުގެ އޮފީހުން މައުލޫމާތު ދިން ގޮތުގައި މި ދަތުރުފުޅަކީ، މިއަދުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހާ ހަމައަށް ބައިނަލްއަގްވާމީ ދެ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު ލިބިވަޑައިގެންފައިވާތީ ކުރައްވާ ދަތުރުފުޅެކެވެ.

އެ މަނިކުފާނު މިހާރު ހުންނެވީ ސައުތު އެފްރިކާގެ ކޭޕް ޓައުންގައެވެ. އެއީ މިއަދު ފެށުނު "ދަ ކޭޕްޓައުން ކޮންވެންޝަން" ގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ކޮންފަރެންސް އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

އެއަށްފަހު އެ މަނިކުފާނު ވަޑައިގަންނަވާނީ ދުބާއީއަށެވެ. ދުބާއީގައި މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ "ކޮންފަރެންސް އޮފް ދަ ޕާޓީސް ކޮޕް 28" ގައި އެ މަނިކުފާނު ބައިވެރިވެވަޑައިގެން ތަގުރީރުކުރައްވާނެއެވެ.

މީގެ ކުރިން ރައީސް ނަޝީދު ވަނީ 17ވަނަ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސްގައި ތަގުރީރު ކުރެއްވުމަށް މި މަހުގެ ހަތްވަނަ ދުވަހު ވެސް ދުބާއީއަށް ވަޑައިގެންފައެވެ.

ލަންޑަނުގެ ހެންލީ އެންޑް ޕާޓްނާސް ކޮންސަލްޓަންސީއިން ބޭއްވި އެ ކޮންފަރެންސްގައި ތަގުރީރުކުރެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތީ މި މަހުގެ 11ވަނަ ދުވަހެވެ.