21 May 2012, 15:20
މާފުށީ ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ޖަލަށް އިތުރު 600 ގައިދީންގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ފަށައިފި އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒު މިއަދު ވިދާޅުވީ މާފުށީ ޖަލުގައި ދިމާވެގެން އުޅޭ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ޓަަކައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާރު ކުރިއަށްދަނީ ޖާގަ އިތުރު ކުރުމުގެ ޕްލޭނެއް އެކުލަވާލުމުގެ މަަސައްކަތް ކަމަށެވެ.
މީގެއިތުރުން ހދ. ނޭކުރެންދޫގައި 200 ގައިދީންގެ ޖަލެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށާއި އެ ޖަލުތަކުގެ މަސައްކަތް ނިމުމުން ދޫވެފައި ތިބި ގައިދީންތައް ޖަލު ހުކުމް ތަންފީޒު ކުރުމަށް އަނބުރާ ޖަލަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަޔާޒު އަދި ވިދާޅުވީ އެކިއެކި ހުކުމްތަކާ ގުޅިގެން ޖަލު ހުކުމް ތަންފީޒު ކުރަން ޖެހޭ 2000 ގައިދީއަކު ޖަލުގައި ޖާގަ ނެތިގެން ޖަލަށް ނުލެވި ދޫވެގެން އުޅޭ ކަމަށާއި އޭގެތެރޭގައި ޣައިރު ހާޒިރުގައި ހުކުމްކޮށްފައިވާ މީހުންނާއި ގޭ ބަންދުގައި އުޅޭ ގައިދީންނާއި ފިލައިގެން އުޅޭ މީހުން ވެސް ހިމެނޭ ކަމަށެވެ.
"ޖަލަށް ހުކުމްކޮށްފައިވާ 2000 އެއްހާ ގައިދީން އެބައުޅޭ ދޫވެގެން. އެހެންވެ މި ޖަލުތަކުގައި އަލަށް ހެދޭ ޖާގަތަކުގެ މަސައްކަތް ނިމުނީމައި އެކަމަށް ހައްލެއް ލިބޭނެ،" ފަޔާޒު ވިދާޅުވި އެވެ.
މާފުށީ ޖަލުގައި މިހާރު އޮތް ކެެޕޭސިޓީއަކީ 800 އާއި 900 ދެމެދުގެ ގައިދީންގެ ޖާގަ އެވެ.