24 Nov 2023, 15:32
ރަށްރަށުގެ ކައުންސިލަރުން ތިބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ އެކު ކުރިއަށްދާން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ، އާ ސަރުކާރުގައި ހިއްސާވާ ޕީޕީއެމުން ވަކިވެ އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފައްޓަވާފައިވާ ދަނޑިވަޅެއްގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އާއި ބ. އަތޮޅު ކައުންސިލް ގުޅިގެން މިދިޔަ ހަފުތާގައި ވަނީ އެ އަތޮޅުގެ ކައުންސިލްތަކަށް ހާއްސަކޮށްގެން 'އެސޯސިއޭޝަން އައިޑިއޭޝަން ވޯކްޝޮޕް'ގެ ނަމުގައި ވޯކްޝޮޕެއް ބާއްވައިފައެވެ.
އާދަމް ޝަރީފް ވިދާޅުވީ، އެ ވޯކްޝޮޕްގެ ހަވާސާގައި އެ އަތޮޅުގެ ކައުންސިލާއި އަތޮޅުގެ ރަށްތަކުގެ ކައުންސިލަރުންނާ އެކު ވަރަށް އެކުވެރި މާހައުލެއްގައި ވާހަކަދައްކާލައި ހިޔާލު ބަދަލުކޮށްލަން ލިބުނު ކަމަށެވެ. އަދި، އެ މަޝްވަރާތަކުގެ އަލީގައި އަތޮޅާއި ރަށްތަކުގެ ކައުންސިލްތަކަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތައް ދެނެގަނެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ކައުންސިލަރުން ތިއްބެވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް އެއްބާރުލުން ދެއްވައިގެން ކުރިއަށް ވަޑައިގަންނަވަން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ކުރިމަގު ފެންނަނީ އުޖާލާކޮށް ކަމަށެވެ.
އޭނާ އެފަދައިން ވިދާޅުވެފައިވާއިރު، ސަރުކާރާއި ޕާޓީ ހިންގުމުގައި އެ މަނިކުފާނުގެ މަޝްވަރާ ނުހޯއްދަވާ ކަމަށް ވިދާޅުވެ ޔާމީން ރޭ ވަނީ ޕީޕީއެމުން ވަކިވެފައެވެ. އަދި، އަމިއްލަފުޅު ޕާޓީއެއް އުފައްދަވަން ނިންމަވައި އެކަމުގެ އަމަލީ މަސައްކަތް ވެސް މިއަދު ވަނީ ފައްޓަވައިފައެވެ. އާދިއްތަ ދުވަހު އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އިލެކްޝަންސް ކޮމިޝަނުގައި އެދެން އަންނަނީ ތައްޔާރުވަމުންނެވެ.
އާދަމް ޝަރީފަކީ ކުރިން ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅާއެވެ. ކުރިން ޔާމީން ސަރުކާރުގެ ދިފާއީ ވަޒީރުކަން ވެސް އޭނާ އަދާ ކުރެއްވިއެވެ.
އެކަމަކު، ޔާމީނާއި އާ ސަރުކާރާ ގުޅުން ގޯސްވެ، ވެރިކަމަށް ހަފުތާއެއް ނުވަނީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުން ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވައިލާފައިވާ ދަނޑިވަޅެއްގައި އާދަމް ޝަރީފް މިއަދު އެ ވަނީ ނުސީދާ ގޮތެއްގައި ސަރުކާރާ އެކު ހުރިކަން އަންގަވައިފައެވެ.