ރާއްޖެއަށް ބޭނުންވާ އާންމު މުދާ އިމްޕޯޓް ކުރުމަށް އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ ކޯޓާގެ ތެރެއިން ހަތް ބާވަތެއްގެ މުދަލަށް ދޭ ކޯޓާ 2014 ވަނަ އަހަރާ ހަމައަށް އައު ކޮށްދީފި އެވެ.

އާންމުގޮތެއްގައި އިންޑިޔާއިން ރާއްޖެ އެތެރެ ކުރަނީ ނުވަ ބާވަތެއްގެ މުދަލެވެ. އޭގެ ތެރެއިން ކޯޓާ އައު ކޮށްދީފައިވަނީ ހަކުރާއި ކުކުޅުބިހާއި އަލުއްވާއި ފިޔަލާއި ގޮދަންފުށާއި ހަނޑޫ އަދި އިމާރާތްކުރުމަށް ބޭނުންކުރާ ހިލައިން ކަމަށް އިންޑިއަން ހައިކޮމިޝަނުން ބުންޏެވެ. އެ ބާވަތްތައް އެކްސްޕޯޓް ކުރުމުގައި ވަރަށް ބޮޑަތި ރެގިއުލޭޓްރީ އުސޫލުތަކެއް އިންޑިޔާއިން އަންނަނީ ގެންގުޅެމުންނެވެ.

އިންޑިއަން ހައިކޮމިޝަނުން ބުނީ އެ ކޯޓާގެ ދަށުން އިންޑިޔާގައި އެ ބާވަތްތައް މަދުވިޔަސް އަދި އެކްސްޕޯޓް ކުރުން މަނާވިޔަސް އެ ތަކެތި ރާއްޖެ އެތެރެ ކުރެވޭނެ ކަމަށެވެ.

ރާއްޖެއަށް ބޭނުންވާ އާންމުމުދާ އެތެރެކުރުމަށް އިންޑިއާއިން ކޯޓާ ދޫކުރަނީ 1981 އަހަރު ދެ ގައުމުގެ ދެމެދުގައިވެފައިވާ ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިދިޔަ އަހަރުން ފެށިގެން އިންޑިއާއިން ރާއްޖެއަށް ކޯޓާ ދޫކުރަމުން އަންނަނީ ކޮންމެ ތިން އަހަރަކުން އެއްއަހަރު ކޯޓާ އާ ކުރާގޮތަށެވެ.