24 Nov 2023, 21:27
ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގު ގްރޫޕް ސީގައި ރޯމާ ފެމިނިލޭ އާއި އަޔެކްސް ވިމެން ބައްދަލުކުރި މެޗު ރޯމާއިން ކާމިޔާބުކޮށްފިއެވެ.
ރޯމާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 0-3 އިންނެވެ.
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދައިފައިވަނީ އަޔެކްސްއިންނެވެ. ނަމަވެސް އަޔެކްސްއަށް ި މެޗުގައި ރޯމާގެ ޑިފެންސް ފޫއަޅުވައިލެވޭ ގޮތެއް ނުވިއެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ރޯމާއިން ނަގައިފައިވަނީ މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވެލެންޓީނާ ޖިއަސިންޓީއެވެ. އެއަށްފަހު މެޗުގެ 14ވަނަ މިނެޓުގައި ރޯމާގެ ލީޑު ފުޅާކޮށްދިނީ ވެސް ޖިއަސިންޓީއެވެ.
މި މެޗުގައި ރޯމާއިން ކާމިޔާބުކުރި ފަހު ލަނޑު ކާމިޔާބުކޮށްދިނީ މަނުއޭލާ ޖުއިޖްލިއާނޯއެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުވީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގެ ތެރޭގައެވެ.
މި މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބިފައިވެއެވެ. ނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް އެންމެ ރަނގަޅަށް ބޭނުންކުރެވިފައެއް ނުވެއެވެ.
ރޯމާގެ މި ކާމިޔާބީއާއެކު އެ ޓީމު އުޅެނީ ކުޅުނު ދެ މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައެވެ. އަޔެކްސް އުޅެނީ ތިން ޕޮއިންޓާއެކު ގްރޫޕުގެ ތިންވަނައިގައެވެ.