ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގު ގްރޫޕް ޑީގައި ޗެލްސީ ވިމެންއިން ޕެރިސް އެފް ސީ ފެމިނީން ބަލިކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-1 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ޗެލްސީންނެވެ.

މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓްގައި ޖަހައި، ޗެލްސީއަށް ލީޑު ނަގައިދިނީ ސޭމް ކާއެވެ. ނަމަވެސް މި ލަނޑު ޖެހިތާ އަށް މިނެޓު ފަހުން ޕެރިސްއިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ތިއާ ގްރެބޮވާލްއެވެ.

މެޗުގައި ޗެލްސީއިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 48 ވަނަ މިނެޓުގައި ކާ ޖަހައިދިން ލަނޑުންނެވެ. އަދި، މެޗުގެ 55 ވަނަ މިނެޓުގައި ކާ މި މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑާ އެކު އޭނާ ހެޓްރިކް ހެދިއެވެ. ޗެލްސީގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ސޯފީ އިންގްލްއެވެ.

ޗެލްސީ ވިމެން މިހާރު އޮތީ ކުޅުނު ދެ މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާ އެކު ގުރޫޕު ޑީގެ ދެވަނައިގައެވެ. އަދި ޕެރިސް އެފްސީ ފެމިނީން އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި އެންމެ ފުލުގައެވެ.

މި ގުރޫޕުގައި ދެން ހިމެނޭ ދެ ޓީމު ކަމަށްވާ ހާކެން ވިމެންއާއި ރެއާލް މެޑްރިޑް ފެމިނީނޯ ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި 2-1 އިން ކާމިޔާބު ކުރީ ހާކެންއެވެ.