ސްރީލަންކާގެ ތަމަޅަ ޓައިގަރުންނާ ގުޅިގެން ދިވެހިންގެ ބަޔަކު ނޮވެންބަރު 3 1988ގައި ރާއްޖެ އަރައި ހިންގި އުދުވާނުގައި 19 ދިވެހިން ޝަހީދުކޮށްލި މައްސަލާގައި އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ހުރި ސަގަރު އަހުމަދު ނާސިރު ފިލައިގެން އުޅެނިކޮށް އަނބުރާ ޖަލަށް ފޮނުވާލައިފި އެވެ.

ހޯމް މިނިސްޓްރީގެ ސްްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒު މިއަދު ވިދާޅުވީ ސަގަރު ނާސިރު އަނބުރާ ޖަލު ހުކުމަށް ގެންދިޔައީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ. އަދި ނާސިރު ޖަލުން ނެރެފައި ވަނީ ވަކި މުއްދަތެއްގެ ތެރޭގައި އެނބުރި އައުމަށް ޝަރުތުކޮށް، ނާސިރު އެދިފައިވާ ގޮތަށް ރާއްޖެ އިން ބޭރަށް ބޭސް ފަރުވާއަކަށް ދިއުމަށް އެދި ހުށަހެޅުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަޔާޒު ވިދާޅުވީ 25 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ސަގަރު ނާސިރުގެ ޖަލު ހުކުމުން ބާކީ ދެން އޮތީ ދެ އަހަރެއްހާ ދުވަސް ކަމަށެވެ.

ފަޔާޒް އަދި ވިދާޅުވީ ބޭސް ފަރުވާއަށް ދިއުމުގެ ހުއްދަ އޭނާ އަށް ދީފައި ވަނީ ދެ މަސް ދުވަހަށް ކަމަށާއި ބޭސް ފަރުވާ ނިންމުމަށް ފަހު ޑީޕީއާރުއެސްއާ ހަވާލުވުމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ރާއްޖެ އިން ބޭރަށް ގޮސް އެނބުރި މާލެ އައިސް އޭނާ ހުރީ ގޭ ބަންދުގައި ކަމަށާއި އެކަމަކު ގޭ ބަންދަށް ބަދަލު ކުރި ކަމުގެ އެއްވެސް ލިޔެކިއުމެއް ފެންނަން ނެތް ކަމަށެވެ.

"އެއްވެސް ޑޮކިއުމަންޓެއް ނެތި މާލޭ ބަންްދަށް ވީއްލިފައި ހުރީ. ބޭސްފަރުވާ އަށް ފަހު އެނބުރި މާލެ އައިސް ކޮންމެވެސް ސިޔާސީ ބޭފުޅަކާ ގުޅައިގެން އެއްވެސް ޑޮކިއުމަންޓެއް ނެތި ގޭބަަންދުގައި މަޑުކުރުމަށް އަންގާފައި ހުރި ކަމަށް ވަނީ. ޖަލު ހުކުމްގައި ހުރި މީހަކު ގޭބަންދަކަށް ބަދަލެއް ނުކުރެވޭނެ،" ފަޔާޒު ވިދާޅުވި އެވެ.

ސަގަރު ނާސިރުގެ އިތުރުން ނޮެވެންބަރު 3ގެ އުދުވާނުގައި ހައްޔަރުކުރި ދިވެހިންގެ ތެރޭގައި ހިމެނޭ އަދި އެ އުދުވާނުގައި އެންމެ އިސްކޮށް އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ވެސް އެއް އަހަރު ދުވަހުގެ މުއްދަތަކަށް ބޭސްފަރުވާ އަކަށް ސްރީލަންކާ އަށް ދިއުމަށް ފަހު، ފިލައިގެން އުޅޭ މައްސަލައިގައި އޭނާ ހޯދުމަށް ފަހު، ޑީޕީއާރުއެސްއާ ހަވާލުކުރުމަށް ހޯމް މިނިސްޓްރީން ވަނީ ފުލުހުންނަށް އަންގައިފަ އެވެ.

ފަޔާޒު ވިދާޅުވީ ލުތުފީ ހޯދުމަށް އިންޓަޕޯލްގެ ރެޑް ނޯޓިސް ހޯދުމަށް އިންޓަޕޯލްއާ މަޝްވަރާކޮށްފައިވާ ކަަމަށެވެ.