21 May 2012, 14:31
މި ސަރުކާރުގެ ފޮރިން މިނިސްޓްރީގެ މަސައްކަތްތައް އެންމެ އެދޭވޭ ގޮތަށް ކުރަމުން ނުދާ ކަމަށް މި ސަރުކާރުގައި ބައިވެރިވެފައިވާ ޑީއާރުޕީން ބުނެފި އެވެ.
އާންމު ފަސް މީހަކު ޑީއާރުޕީއާ ގުޅުމަށް މިއަދު އެ ޕާޓީ އޮފީހުގައި ބޭއްވި ރަސްމިޔާތުގައި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ބައެއް މިނިސްޓްރީތަކަށް އައްޔަން ކޮށްފައި ވަނީ ގާބިލް ނޫން ބޭފުޅުން ކަމަށެވެ.
އަދި އޭގެ ސަބަބުން ބައެއް މިނިސްޓްރީތައް ރަނގަޅަށް މަސައްކަތް ކުރަމުން ނުދާ ކަމަށާއި އޭގެ ތެރެއިން އެއް މިނިސްޓްރީއަކީ ފޮރިން މިނިސްޓްރީ ކަމަށެވެ.
"ސަރުކާރު ވެއްޓުމާ ގުޅިގެން އަޅުގަނޑުމެން ސަރުކާރުން ވެސް ބައެއް މާގާމުތަކަށް އައްޔަން ކުރެވިގެންދިޔައީ އެންމެ އެކަމަށް ގާބިލު ބޭފުޅުންނެކޭ ދެންނެވޭކަށް ނެތް. މިސާލެއްގެ ގޮތުން އަޅުގަނޑު ދަންވާނީ އަޅުގަނޑުމެންގެ ފޮރިން މިނިސްޓްރީ. ބޭރުގެ ދުނިޔޭގައި ރާއްޖޭގެ ހާލަތު ބަޔާން ކޮށްދިނުމުގައި އެންމެ އެކަށީގެންވާ މަސައްކަތްކޮށްދެވިފަ އެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުވުމާ ގުޅިގެން ބޭރު ދުނިޔޭގެ ގައުމުތަކުގައި ރާއްޖޭއާ ބެހޭ ގޮތުން އެކި ގޮތް ގޮތްގޮތަށް ވާހަކަތައް ދެއްކުމާއި ކޮންވެލްތު މިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގުން) ރާއްޖޭއާ ބެހޭ ގޮތުން "އެންމެ ރަނގަޅު ނޫން" ބަޔާންތައް ނެރިފައި ވަނީ ފޮރިން މިނިސްޓްރީއާ ހަވާލުވެފައިވާ ބޭފުޅުންނަށް އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތް ކުރެވެމުން ނުދާތީ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ދުނިޔޭގެ ބައިނަލްއަގުވާމީ މީޑިއާ ގަޔާއި އެކި ތަންތަނުގައި ތަފާތު ޝައްކާއި ވަހުމް އުފެދޭ ގޮތަށް ވާހަކަ ދެއްކުމުގެ ފުރުސަތު ހުޅުވިގެން ދިޔަ ދިއުމަކީ އަދި ސީމެގުން ވެސް އަޅުގަނޑުމެންގެ ގައުމަށް އެންމެ ފަހި ނޫން ގޮތަށް ދެތިން ރިޕޯޓް ނެރޭ ހިސާބަށް ދިޔަ ދިއުމަކީ އަޅުގަނޑުމެންގެ ހާރިޖީ ދާއިރާގައި ކަންކަން ކުރައްވަން ތިއްބެވި ބޭފުޅުންނަށް އެންމެ އެކަށީގެންވާ ގޮތަށް އަޅުގަނޑުމެންގެ ކޭސް ޕްރެޒެންޓް ނުކުރެވުނު ކަމުގެ ހެއްކެތް،" އޭނާ ވިދާޅުވި އެވެ.
އަދި ޝަރީފު ވިދާޅުވީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަށް މިހާތަނަށް އައިރު ރައްޔިތުނަށް ދޭން ޖެހޭ ހިދުމަތްތައް އެކަށީގެންވާ ހަލުވި މިނުގައި ފޯރުކޮށްދެވިފައި ނުވާކަމަށެވެ.
"އަޅުގަނޑުމެން އެންމެ އެކަށީގެންވާ ހަލުވި މިނުގައި ރައްޔިތުނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތައް އާ ސަރުކާރުން ވެސް ފޯރިކޮށްދެމުންނެއް ނުދޭ. މިއީ ދިވެހި ރައްޔިތުންގެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް،" ސަރުކާރުގެ މައިގަނޑު އެކޮނަމިކް މިނިސްޓްރީތައް ކޮންޓްރޯލް ކުރާ ޕާޓީގެ ޑެޕިއުޓީ ލީޑަރު ވިދާޅުވި އެވެ.
ރައީސް ވަހީދުގެ ސަރުކާރާއި ކޯލިޝަން ހަދާފައިވާ ޑީއާރުޕީން ބުނީ ހިޔާލު ތަފާތު، ގިނަ ޕާޓީތަކަކާ އެކު މި ސަރުކާރު ހިންގަމުންދާތާ 100 ދުވަސް ވުމަކީ ވެސް ކާމިޔާބީއެއް ކަމަށާއި ނަމަވެސް ޑީއާރުޕީގެ ސިޔާސަތުތައް އެންމެ އެދޭވޭ ގޮތުގައި ތަންފީޒު ކުރުމަކީ އުނދަގޫކަމެއް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރަންބޭނުންވާ އެތައް ކަމެއް އެބަހުރި. ހަރުދަނާކޮށް އިސްލާހު ކުރަން ޖެހޭ އެތައް ކަމެއް އެބަހުރި. ރައްޔިތުނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ހަލުވި ކުރަން ޖެހޭ އެތައް ކަމެއް ވެސް އެބަހުރި. އެކަން ހާސިލު ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތްކުރާނަން،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ޑީއާރުޕީ އިން ހަވާލުވެފައިވާ މިނިސްޓްތައް ހިނގަމުންދަނީ "ވަރަށް ރަނގަޅަށް" ކަމަށެވެ.
"ޑީއާރުޕީގެ މިނިސްޓަރުންނަކީ ވިސްނުންތެރި ކަމުގެ ގާބިލްކަން ހުރި، ތަޖްރިބާ ކާރު މިނިސްޓަރުންތަކެއް. އަދި ރައްޔިތުންގެ ހިދުމަތުގައި ވަކި ފަރާތަކަށް ނުޖެހި އަމިއްލަ އެދުމެއްނެތި ޕާޓީ ކުރިއެރުވުމުގެ ބަދަލުގައި ގައުމުގެ މަސްލަހަތު އިސްކޮށްގެން މަސައްކަތްކުރާ މިނިސްޓަރުކަން ފާހަގަކުރަން." ކަމަށެވެ.